ޗެލްސީގެ އިނގިރޭސި ފޯވާޑު ކޯލް ޕާމާއަށް އަނިޔާވެ ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށްދާން ޖެހިއްޖެއެވެ.
ޕާމާއަށް އަނިޔާވީ ލީގުގައި، މެންޗެސްޓާ ޔުނައިޓެޑާ ވާދަކޮށް 2-1ގެ ނަތީޖާއަކުން ޗެލްސީ ބަލިވި މެޗުގައެވެ.
މި މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން މެޗުގެ 21 ވަނަ މިނެޓުގައި ޕާމާ ވަނީ ބެންޗަށް ބަދަލުކޮށްފައެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފައިވަނީ ޕާމާއަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވުމަށް އޭނާއަށް ވަގުތު ދޭނެ ކަމަށެވެ. އަދި އެ ކްލަބުން އަބަދުވެސް ކުޅުންތެރިންގެ ރައްކާތެރިކަން އިސްކޮށްގެން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށްވެސް މަރެސްކާ ބުންޏެވެ.
ޕާމާއަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް ގެއްލޭ މެޗުތަކުގެ ތެރޭގައި ނޮޓިންހަމް ފޮރެސްޓާއި އަޔަކްސް އެމްސްޓެޑަމް އާއި ސަންޑަލޭންޑްގެ އިތުރުން ވޮލްވްސްއާ ދެކޮޅަށް ކުޅޭ މެޗު ހިމެނެއެވެ.
މި ފަހަރުގެ ޕްރީ ސީޒަން ޓްރެއިނިންގައި ޕާމާއަށް ލިބިފައިވާ އަނިޔާގެ ސަބަބުން މި ސީޒަނުގައި އޭނާއަށް އެއްކޮށް ކުޅެވިފައިވަނީ އެންމެ ހަތަރު މެޗެވެ. އަދި ގިނަ މެޗުތަކުގައި އޭނާ ވަނީ ބަދަލުކޮށްފައެވެ.