"ހުރިހާ ކަމެއް ވެސް ކިޔައިދޭނަން. އެކަމަކު އަހަރެން މި ކުރާ ސުވާލަށް ޖަވާބު ދީ. ރަނީމްގެ އަތުގައި އަޅާފައި އޮތް އުޅާގެ ބޭނުމަކީ ކޮބާ؟"
ނާވީގެ ސުވާލާއެކު ރައާބިލްއަށް ލިބުނީ ހައިރާންކަމެކެވެ. ނާވީއަށް ބަލަހައްޓައިގެން ހިނދުކޮޅަކު އޭނައަށް ހުރެވުނު ސަބަބަކީވެސް އެއީއެވެ.
"ކިހިނެއްވީ؟" ރައާބިލް އެ ސުވާލުކޮށްލިއިރު އޭނަގެ މޫނުމަތީން ފެނުނީ އެއަށް ޖަވާބު ދޭން ބޭނުން ނޫން އަސަރުތަކެވެ.
"އަހަންނަށް އެ ސުވާލުގެ ޖަވާބު ވަރަށް މުހިންމު. ރަނީމްގެ އަތުގައި އޮތް އުޅާގެ ބޭނުން ބުނެބަލަ!" ނާވީ އަނެއްކާވެސް އެދުނެވެ. މިވަގުތަށް އޭނައަށް ހަޤީޤަތް އެނގުން ވަރަށް މުހިންމެވެ. ރަނީމްގެ ރައްކާތެރިކަމުގެ ޒިންމާވެސް މިވަގުތު އޮތީ އޭނަގެ އަތުގައެވެ.
"އެއީ އަހަރެން ކުރިންވެސް ބުނި ގޮތަށް އެދަރިފުޅުގެ ރައްކާތެރިކަމަށް އަހަރެން އަޅުވާފަ އޮތް އެއްޗެއް." ރައާބިލް ބުންޏެވެ.
"ކޮންބައެއްގެ ކައިރިން؟ އަހަރެމެންގެ ކައިރިންތަ؟" ނާވީ ސުވާލުކޮށްލިއެވެ. އޭނަގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ. އެ އުޅާ އެމީހުންގެ ކިބައިން ރަނީމް ރައްކާތެރިނުކޮށްދޭކަން ނާވީއަށް ރަނގަޅަށް އެނގޭތީއެވެ. އެހެން ނޫންނަމަ އޭނަގެ ބައްޕައަށް ރަނީމްއަށް ގެއްލުމެއް ނުދެވުނީހެވެ. އޭނައަށް ރަނީމްއާ ކައިރިއެއް ނުވެވޭނެއެވެ.
"ޔަޤީންތަ އެ އުޅާގެ ބޭނުމަކީ އެއީކަން؟ އަހަންނަށް ހީވަނީ ތިޔަ ބުނާ ޖުންދީއެއް އޮޅުވާލީހެން. އެ އުޅާއިން ރަނީމްއަކަށް އެއްވެސް ރައްކާތެރިކަމެއް ފޯރުކޮށެއް ނުދޭ..." ނާވީ ހާމަކޮށްލިއެވެ. ރައާބިލްގެ މޫނުމަތީން އޭނަ ކަމެއް ސިއްރުކުރަމުން ދިޔަކަން ނާވީއަށް ފަހުމްވި ނަމަވެސް އެއީ ކޮންކަމެއްކަން ލަފާކޮށްލާކަށް އޭނައަކަށް ނޭނގުނެވެ.
"އެ އުޅާގެ ސަބަބުން ރަނީމްއަށް ރައްކާތެރިކަން ލިބޭނެ. ކަލޭމެންގެ ތެރެއިން އެކަކުވެސް ހީނުކުރާ ކަހަލަ ގޮތްގޮތަށް އޭގެ ސަބަބުން އޭނައަށް ހިމާޔަތް ލިބޭނެ." ވިސްނުމަކަށް ގެއްލިފައި ހުރިހެން ހުރުމަށްފަހު، އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު ރައާބިލް ބުންޏެވެ.
"ޔަޤީންތަ؟" ނާވީ ސުވާލުކޮށްލިއެވެ. އޭނައަށް އެކަން ޤަބޫލެއް ނުކުރެވެއެވެ. ކޮންމެވެސް ނުބައެއް އެބަ އުޅޭކަމުގައި އޭނަގެ ހަވަނަ ހިއްސު ބުނަމުން ދިޔައެވެ.
"އާނ." ވަރަށް ޔަޤީންކަމާއެކު ރައާބިލް ބުންޏެވެ.
"އެހާވެސް ބޮޑަށް އެ ޖުންދީއަށް އިތުބާރުކުރަންތަ؟" ނާވީއަށް ސުވާލުކޮށްލެވުނެވެ.
"އާނ. އަހަރެން އެންމެ ޙާލުގައި ޖެހުނު ދުވަހު އެހީވި ހަމައެކަނި މީހަކީ އެއީ...." ރައާބިލް އެހެން ބުނުމުން ނާވީއަނެއްކާވެސް ވިސްނައިލިއެވެ. ހިމޭންކަމުގައި އޭނަ ހުއްޓާ ދެންވެސް ވާހަކަ ދެއްކީ ރައާބިލްއެވެ.
"އަނެއްކާ ސަމްރާ ދުނިޔޭގައި އެބަ ހުރިތަ؟" އެހެން ހުރެލާފައި ރައާބިލް ސުވާލުކޮށްލިއެވެ. ނަމީރުގެ އެއްވެސް ވާހަކައަކަށް އިތުބާރުކުރަން އޭނަގެ ޒަމީރު އުޒުރުވެރިވިއެވެ. ނާވީ އާއެކޭ ބުނެލިއެވެ. އެއާއެކު ރައާބިލްގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ.
"އަހަރެން ބޭނުން އެމީހުން ދެކެލަން. އަހަންނަށް އެ ފުރުސަތު ހޯދަދީ..." ރައާބިލް އާދޭހުގެ ނަޒަރަކުން ނާވީއަށް ބަލައިލިއެވެ. ނަމީރު ކަައިރީގައި ވެސް އެފަދައިން އާދޭސްކުރި ހަނދާން އޭނަ އެބަ ހުއްޓެވެ. މިއަދު އެތަކެއް ދުވަހަކަށްފަހު އަނެއްކާވެސް ނާވީގެ ގާތުގައި އާދޭސްކުރެވުނީ ސަމްރާއާ ލޯބިވާ ދަރިފުޅު ދުށުމަށް އެދި ހިތުގައި އުފެދުނު ބޭޤަރާރުކަމުގެ ސަބަބުންނެވެ.
"ތީ ފަސޭހަކަމަކަށް ނުވާނެ..... އަހަރެން...." ނާވީއަށް ބުނެވުނީ އެވަރަށެވެ. ރައާބިލް އޭނަގެ ވާހަކަ މެދު ކަނޑާލަައިފިއެވެ.
"އެނގޭ ތިހެންކަން ބުނާނީ. އަހަރެން އެކަމަށް އެދި އާދޭސް މިކުރަނީ އަލަކަށް ނޫން. ކަލޭގެ ބައްޕަ ކައިރީގައިވެސް އަހަރެން ކިތަންމެ ދުވަހަކު އާދޭސްކުރިން. އެކަމަކު... އޭނަ އަހަންނަށް އެހީވާކަށް ބޭނުމެއް ނުވި." ރައާބިލް ބުންޏެވެ. ރައާބިލްގެ އަޑުގައި ވަނީ ވޭނާ ކެކުޅުމެވެ.
"އިރާދުކުރެއްވިއްޔާ އަހަރެން ތިކަންތައް ކޮށްދޭނަން. އެކަމަކު ވަގުތުކޮޅެއް ބޭނުންވާނެ." ނާވީ ޔަޤީންކަން ދިނެވެ.
"ކަލޭގެ ކާފައަށް ތިކަން އެނގިއްޖެއްޔާ އެއްވެސް ކަމެއް ރަނގަޅެއް ނުވާނެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ވަރިހަމަތަ؟" ރައާބިލް ބުންޏެވެ. "އަހަންނަށް މި ލިބޭ އަނިޔާ ލިބިދާނެކަމަށް ބިރެއް ނުގަނޭތަ؟"
ރައާބިލްގެ އެ ޖަވާބާއެކު ނާވީ ކުޑަކޮށް ޖެހިލުންވި ނަމަވެސް އޭނަގެ ހުރީ ފަހަތަށްޖެހޭފަދަ ގޮތަކަށް ނޫނެވެ.
"އެކަމާ މެދު ހާސްނުވޭ..." ނާވީގެ އަޑުގައިވަނީ ނުގުޑާނެ ފަދަ އަޒުމެކެވެ. ރައާބިލްއާ ވާހަކަ ދައްކަން އިރުގަނޑަކު ހުރުމަށްފަހު، ނާވީ އެތަނުން ދިޔައީ ސިފައިންތަކެއްގެ އަޑު އިވުމުންނެވެ.
*****
ނާވީ ބިންގަރާހުން ނުކުމެގެން ގޮސް ވަނީ ޖަންގައްޔަށެވެ. އޭނަ ގަނޑުވަރަށް ދިޔައީ އެކީ އަނދިރި ވީފަހުންނެވެ. ބޮޑުކޮޓަރިން ބައްޕައާ ދިމާވުމުން ނާވީ އިސްޖަހައިލިއެވެ. އޭނައަށް ބައްޕައާ ވާހަކަދެއްކުނީ އެންމެ އެކަށީގެންނާ ގޮތަށް ނޫންކަން އަމިއްލައަށްވެސް އިޙްސާސްކުރެވުނެވެ. ބައްޕަވެސް މަސައްކަތްކުރީ އޭނައަށް ލިބިދާނެ އަނިޔާއަކުން ސަލާމަތް ކޮށްދޭށެވެ. އެންމެ ގާތް އެކުވެރިޔާ ގެއްލުނު ގޮތަށް ދަރިފުޅު ގެއްލެން ބައްޕަ ބޭނުންނުވީއެވެ. މާޒީ ތަކުރާރުވާން ނޭދޭތީ އަމިއްލަ ޒަމީރު މަޖުބޫރު ކުރުވި ގޮތަށް ކަންތައް ކުރީއެވެ. ބައްޕަގެ ހަރުކަށިކަމުގެ ފަހަތުގައިވަނީ އޭނައާމެދު ފުންލޯބިކަންވެސް ނާވީއަށް ފަހުމްވިއެވެ. އެހެންނަމަވެސް ދެރައީ ބައްޕަ އަމަލުކުރި ގޮތެވެ. ކުށެއް ނެތް މައުސޫމް އިންސާނެއްގެ ފުރާނަ ދުއްވާލަން އުޅުމުންނެވެ. ނަމީރު ވެސް އިތުރު އެއްޗެއް ބުނާ ޚިޔާލެއް ނުކުރެއެވެ. އޭނާ ގޮސްވަނީ މިހާރަކަށް އައިސް އޭނާ ގިނަވަގުތު ހޭދަކުރާ ކޮޓަރިއަށެވެ. އެ މަންޒަރު ބަަލަން ހުރި ނާވީވެސް ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނަ ބައްޕަގެ ގާތުން މާފަށް އެދެން ބޭނުންވިއެވެ. އެ ބައްޕަ ކުރެވުނު ކަންތަކުން ދެރެވެފައި ހުރިފަދަ އަސަރުތަކެއް އޭނައަށް ފެނުނީތީއެވެ.
އޭނަ މަޑުމަޑުން ގޮސް ނަމީރު ވަތް ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލާފައި އެތެރެއަށް ވަނެވެ. އޭރު ނަމީރު އިނީ އެތަނުގައި ހުރި ލަކުނޑި ގޮނޑީގައި އިށީނދެ ހެއްލާލަ ހެއްލާލައެވެ. އޭނާ އިނީ ގޮނޑީގައި އަތްގަނޑުގައި އުޅަބޮށި ވިއްދާލައިގެން ނިތުގައި ގޮށްމުށުން ޖައްސާލައިގެންނެވެ. ނާވީ އެތެރެއަށް ވަތްކަންވެސް އޭނާއަށް އެނގެއެވެ. އެހެންނަމަވެސް ނާވީ އާ ވާހަކަ ދެއްކުމުގެ ޚިޔާލެއް އޭނަގެ ނެތެވެ.
"ބައްޕާ…" އޭނަ އައިކަން އެނގުމުންވެސް ނަމީރު އަޅައިނުލުމުން އެންމެފަހުން ނާވީއަށް ގޮވައިލެވުނެވެ. ނަމީރު "ހޫމްއެއް" ލައްވާލާފައި ދެންވެސް ބަލައެއް ނުލިއެވެ. ހީވަނީ އޭނަ ފުން ވިސްނުމަކަށް ގެއްލިފައި އިންހެންނެވެ. ނޫނީ ނާވީއާ ވާހަކަ ދައްކަން ބޭނުންނުވަނީއވެެ.
"ބައްޕާ…" ދެވަނަ ފަހަރަށްވެސް ނާވީ ތަކުރާރުކޮށްލިއެވެ. ނާވީ އެ އެދެނީ އޭނަގެ ސަމާލުކަންކަން އެނގި ނަމީރު އެންމެފަހުން އިސް އުފުލާލައިފިއެވެ.
"ބައްޕަ ނޫޅެން އެ އަންހެން ކުއްޖާއަށް ގެއްލުމެއް ދޭކަށް.." އެންމެ ފަރަތަމަވެސް ނަމީރު ބުނީ ހެންނެވެ. އޭނަ އޭރުވެސް ދިޔައީ ވިސްނަމުންނެވެ. ރައާބިލްއާ މެދުގައެވެ. ރައާބިލް ބޭނުން ވެއްޖެނަމަ ނާވީގެ ވާހަކަ އޭނަގެ ބައްޕައާ ހަމައަށް ގެންދެވުނީސްއެވެ. އެތަނުގެ ސިފައިންނަށް ކިޔައިދެވުނީހެވެ. އެ ޚަބަރު އެހެން މީހުންނަށްވެސް ދެވުނީހެވެ. އެހެންނަމަވެސް ރައާބިލް ޚިޔާރުކުރީ އެހެން މަގެކެވެ. އެކަމުންވެސް ރައާބިލްގެ ހިތުގެ ސާފުކަން އޭނާއަށް ޔަޤީންކުރެވިގެން ދިޔައެވެ. އޭނަގެ އެކުވެރިޔާއަކީ އެފަދަ ސާފު ހިތެއްގެ ވެރިއަކަށް ވީއިރު އޭނަ އެހާ އަމިއްލަ އެދުން ބޮޑުވީ ކޮން އިރަކު، ކިހިނެއްބާއޭ ވެސް ނަމީރުގެ ހިތަށް އެރިއެވެ. އެކަމުގެ ސަބަބުން ހިތުގައި އުފެދުނު ކުށްވެރި އިޙްސާސުން އޭނަ އެ އުޅެނީ އެންމެ ހިނދުކޮޅަކަށްވެސް މިންޖު ނުވެވިގެންނެވެ.
"އެނގޭ ތިކަން…" ނާވީ ބުނެލިއެވެ.
"ދެން؟ ކޮންކަމެއް ނާވީ ބޭނުންވަނީ؟" ނަމީރަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.
"އަޅުގަނޑަށްވެސް މާފުކުރޭ ބައްޕާ… އަޅުގަނޑަށް ބައްޕައާ ވާހަކަ ދެއްކުނީ ދައްކަން ޖެހޭ ގޮތަކަށް ނޫން. އެކަމަށް މާފަށް އެދެންވެގެން މިއައީ…" ނާވީ ބުންޏެވެ.
"ނާވީ… ބައްޕަގެ ނަސޭޙަތެއް އަޑު އަހަންޏާ އަދިވެސް ބައްޕަ ނަޞޭޙަތްދޭނީ ތިކަންތައް ހުއްޓައިލަން. އެހެން ނަސްލެއްގެ މީހަކާ އަހަރެމެންނަކާ ގުޅުމެއް ނުބޭއްވޭނެ. ކިތަންމެ ލޯބިވިޔަސް އެ ގުޅުމަކުން ރަނގަޅު އެއްވެސް ކަމެއް ނުނިކުންނާނެ. ލިބޭނީ ހުސް ގެއްލުން... ރައާބިލްއަށް ވަމުންދާ ގޮތް ފެނުމުންވެސް ދަރިފުޅު ބިރެއް ނުގަނޭތަ؟" ނަމީރުގެ ދެލޮލުން ކަރުނަ ނީރައިލިއެވެ. އޭނައަށް މިފަހަރު އެހެން ބުނެވުނީ މަޑުމަޑުންނެވެ. ކުރިން އަޑުގައި ހުންނަ ހަރުކަށިކަމުގެ އަސަރެއް މިހާރަކު ނެތެވެ. އެހެނެއްކަމަކު، މިހާރު އޭނާގެ އަޑުން ފާޅޫވަމުން ދިޔައީ ނާވީއާމެދު އޭނަ ބިރުގަތްފައިވާ ފަދަ އަސަރުރަކެކެވެ.
ނާވީ އެއްޗެއް ބުނަން އަނގަ ހުޅުވައިލި ނަމަވެސް އޭނައަށް އެންމެ ލަފުޒެއްވެސް ނުބުނެވުނެވެ. ކުއްލިއކަަށް ހުޅުވިގެން ދިޔަ ދޮރާއެކު އެ ދެމީހުންނަށްވެސް އެ ދިމާލަށް ބަލައިލަން މަޖުބޫރުވެއްޖެއެވެ. އެތަނުގައި ހުރީ ޝައިސްތާ ނޫން ދެވަނަ މީހެއް ނޫނެވެ. އޭނަ އައީ ނަމީރު ހޯދަންވެގެންނެވެ. އައިތަނާ ނާވީއާއި ނަމީރު ދައްކަމުން ދިޔަ ވާހަކަތައް އޭނައަށް އަޑު އިވުނީއެވެ. އޭރު ދޮރުވެސް ހުރީ ކުޑަކޮށް ހުޅުވިފައެވެ. ނަމީރާ ނާވީއާ ދެމެދު ނުތަނަވަސްކަމެއް އުފެދިފައިވާކަން އޭނައަށް ފާހަގަކުރެވޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އެންމެ ފުރަތަމަ އޭނަ ހީކުރީ އެއީ ނާވީ އަބަދު ބޭރުގައި އުޅޭތީ ނަމީރު ހިތްހަމަ ނުޖެހިގެން އުޅެނީކަމުގައެވެ. ކުރީކޮޅުގައި ހިތްހަމަނުޖެހޭކަން ނަމީރު ފާޅުގައި ނާވީއާ ދިމާލަށް ބުނާނެއެވެ. އެހެންނަމަވެސް، ފަހުން ފަހުން އައިސް ގޭތެރޭގައި އެކަހަލަ ވާހަކައެއް ނާވީއާ ދިމާލަށް ބުނާތީވެސް އޭނަ އަޑެއް ނާހައެވެ. ނަމީރުގެ އުޅުމަށްވެސް ބޮޑެތި ބަދަލުތަކެއް މިވީ ދުވަސްތަކުގައި އައިސްފައިވެއެވެ. އެބަދަލުތައް އޭނައަށް މީގެ ކުރިން ފެނިފައިވަނީ ރައާބިލް ޤައިދުކުރި ދުވަސްތަކުގައެވެ. އޭގެ ފަހުގައި ނަމީރު އެހާ ހިމޭންވެފައިތަން އޭނައަށް އެ ފެނުނީ އަލަށެވެ.
ނަމީރާ ނާވީގެ ނުތަނަވަސްކަމާއި މިހާރަކަށް އައިސް ނަމީރަށް އައިސްގެން އުޅޭ ބަދަލުތައް ގުޅިފައިވަނީ ހަމައެކަނި ރައާބިލްއާ ނޫންކަން ޝައިސްތާއަށް އެނގުނީ ދެންމެ ދެ ދެމީހުންގެ ވާހަކަ އަޑު އިވުމުންނެވެ.
"ކީކޭ؟ ނަމީރު… ނާވީ… ކީކޭ ދެމީހުން ތިކިޔަނީ؟" ޝައިސްތާއަށް ބުނެވުނެވެ.
"ޝައިސްތާ...." ނަމީރަށް ގޮވައިލެވުނެވެ.
"އަަހަންނަށް މި އަޑު އިވުނީ ރަނގަޅަށްތަ؟" ޝައިސްތާ އަނެއްކާވެސް ސުވާލުކޮށްލިއެވެ. އޭނަގެ ކަންފަތަށް އެ އަޑު އިވުނީ އަނެއްކާ ރަނގަޅަށް ހެއްޔެވެ؟ "ނާވީ..."
ޝައިސްތާ ނާވީއަށް ބަލައިލުމާއެކު ނާވީ އިސްޖަހައިލިއެވެ. ނަމީރުވެސް ގޮނޑިން ތެދުވިއެވެ. އެހެންނަމަވެސް އިތުރު އެއްޗެއް ބުނާކަށް އޭނަގެ ދޫ ހަރަކާތެއް ނުކުރިއެވެ. ކުއްލިއަކަށް ޝައިސްތާ އައުމުން ނާވީއަށާއި ނަމީރަށްވެސް ލިބުނީ ސިހުމެކެވެ. އެ ދެމީހުންނަށްވެސް ބުނާނެ އެއްޗެއް ނޭނގުނެވެ. ޝައިސްތާއަށް ހަޤީޤަތް އޮޅުވައިނުލެވޭނެކަން އެ ދެމީހުންނަށްވެސް އެނގެއެވެ. ހަނު ތިބެވުނު ސަބަބަކީ އެއީއެވެ.
"ނަމީރު… ކިހިނެއްތަ މިވަނީ؟ އެހެން ނަސްލެކޭ؟ ނާވީ ކީއްކުރީ؟" ޝައިސްތާގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދަތުރުކޮށްލިއެވެ. ޚާއްސަކޮށް ނާވީ އިސްޖަހައިލި ގޮތާ ނަމީރުގެ މޫނުމަތީން ފެނުނު އަސަރުތަކުން އޭނާގެ ބިރުވެރިކަން ދެގުނަވެގެން ދިޔައެވެ.
"ނާވީ…" އެކަކުވެސް ވާހަކަ ނުދެއްކުމުން ޝައިސްތާއަށް އަނެއްކާވެސް ގޮވައިލެވުނީ ނާވީއަށެވެ. އޭނަ ޖަވާބެއް ބޭނުމެވެ. ހުރިހާ ކަމެއްގެ ތަފްސީލް އެނގެން ބޭނުމެވެ.
"ކޮންމެވެސް މީހަކު މި ވެގެން އުޅޭ ގޮތެއް އަހަންނަށް ކިޔައިދީބަލަ." ޝައިސްތާގެ އަޑު ކޮންމެވެސް ވަރަކަށް ބާރުވެލިއެވެ.
"ދަރިފުޅު ކީއްކޮށްގެންތަ ތިއުޅެނީ؟ " ޝައިސްތާ ނާވީގެ ކުރިމައްޗަށް އަރާފައި ސުވާލުކޮށްލިއެވެ. "ނާވީ. އަހަންނާ ހަތަރު ކަޅި ހަމަކޮށްފަ ޖަވާބު ދީ… ނާވީ އެހެން ނަސްލެއްގެ ކާކު ދެކެތަ ލޯބިވީ؟ ތި ކުރެވުނީ ކިހާވަރެއްގެ ކަމެއްކަން އެނގޭތަ؟ ނަމީރު. ނާވީއަކީ އަހަރެންގެ ވެސް ދަރިއެއް. ހުރިހާކަމެއް އެނގުމުގެ ހައްޤު އަހަންނަށް ވެސް ލިބިގެންވޭ.." ނާވީ އިންސިއަކާ ގުޅުން ބާއްވާކަން ގާތްގަނޑަކަށް ޝައިސްތާއަށް ޔަޤީންކުރެވުނު ނަމަވެސް އޭނަ އެ ވާހަކަ އަޑު އަހަން ބޭނުންވަނީ އެއިން ކޮންމެވެސް އެކެއްގެ ދުލުންނެވެ. ހަޤީޤަތުގައި އެއީ ތެދެއްކަމުގައި ޤަބޫލުކުރަންވެސް އޭނަގެ ޒަމީރު ދިޔައީ ދެކޮޅު ހަދަމުންނެވެ.
"ކޮން ނަސްލެއްގެ ކާކު ދެކެހޭ ނާވީ ލޯބިވީ؟" ނާވީ ޝައިސްތާއާ ހަތަރު ކަޅި ހަމަކޮށްލުމާއެކު، އޭނަ ސުވާލުކޮށްލިއެވެ.
"އިންސިއެއް… ." ނާވީއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. އޭނަގެ ކޯތާފަތް މައްޗަށް ޝައިސްތާގެ އަތުގެ ހޫނު އެތިފަހަރެއް އަރައިގެން އަރައިގެން ދިޔައެވެ. ނަގައިގަތް ދިލައާއެކު، ޝައިސްތާގެ އަތް ޖެހުނު ދިމާލުން ދަނބު އައްޔެއް އެރިއެވެ. ހަމައެއާއެކި ޝައިސްތާގެ ދެލޯ ދިއްލިގެން ގޮސް ބާރު ވައިރޯޅިއެއް ޖެހިލިއެވެ. އެއާއެކު، ކުޑަ ދޮރުތައް ކައިރީގައި ދަމާފައިވާ ހުދުކުލައިގެ ދޮރު ފޮތިތައްވެސް ކެތްނުވެގެން ނަށަން ފެށިއެވެ.
"މަންމާ…." ނާވީ އެއްޗެއް ބުނަން އުޅުނު ނަމަވެސް ދެވަނަ ފަހަރަށްވެސް ޝައިސްތާގެ އަތުގެ ހަމަލާއެއް ނާވީގެ ކޯތާފަތް މައްޗަށް އަމާޒުވެގެން ދިޔައެވެ. ދެން ފެނުނީ ޝައިސްތާގެ ދެލޮލުން ފައިބަން ފެށި ކަރުނަތަ ތަކެވެ. ވާނީވެސް އެހެންތާ އެވެ. މި ނޫނީ ދުވަހަކުވެސް އޭނާ ނާވީގެ ގަޔަށް އެގޮތަށް އަތް އިސްކޮށްފައެއް ނުވެއެވެ. އޭނަ ނާވީ ދެކެ އެހާވެސް ލޯބިިވެއެވެ. އޭނަގެ ދެލޮލުން ކަރުނަތައް ފައިބަމުން ދިޔައިރު ރޮނގުދެމިގެން ދާ ކޮންމެ ކަރުނަ ތިއްކެތް ހިނދެނީ ކުޑަ ދަނބުކުލައިގެ ދުންކޮޅަކާ އެއްކޮށެވެ. އެއީ ޝައިސްތާމެން ޝަހަރުގެ މީހުންނަށް ޚާއްސަ ސިފައެކެވެ. ނާވީގެ ދުލުން އެ ހަޤީޤަތަށް އެއްބަސްވުމުން އޭނައަށް ބަލައިލެވުނީ ނަމީރަށެވެ. އެކަން ޔަޤީންކޮށްދޭށޭ ބުނާފަދައަކުންނެވެ. ނަމީރުވެސް، ގޮތްހުސްވެފައިވާ ފަދައަކުން ބޯ ޖަހައިލުމުން ޝައިސްތާގެ ކަންބޮޑުވުން އިތުރުވުން ނޫންކަމެއް ނުވިއެވެ.
"އެކަންތައް ނަމީރަށް އެނގުމުން ކީއްވެ ނާވީ ނުހުއްޓުވީ؟ ކީއްވެ ދޫކޮށްގެން ހުރީ؟ ނާވީއަށް ކުޑަވެސް އަނިޔާއެއް ވާތަން ބަލާކަށް އަހަންނަކަށް ކެތެއް ނުކުރެވޭނެ. ބައްޕަގެ ހަރުކަށިކަމާއި އެ ހުންނަ ރުންކުރުކަން އެންމެ ރަނގަޅަށް އެނގޭނީ ނަމީރަށް. ރައާބިލް… ރައާބިލްއަށް ވީ ގޮތްވެސް އެންމެ ރަނގަޅަށް އެނގޭނީ ހަމަ ނަމީރަށް." ޝައިސްތާއަށް އެހާހިސާބަށް ބުނެފައި މަޑުޖެހުނެވެ. އޭނާ އައިވަގުތު ކަންފަތުގައި ޖެހުނު ނަމީރުގެ ޖުމްލަމަތީން އޭނަ ހަނދާންވީއެވެ. "ނާވީ… ނާވީއަށް ރައާބިލްގެ ހަޤީޤަތް އެނގުނީ ކިހިނެއް؟" އޭނަ އަނެއްކާވެސް ނަމީރަށް ބަލައިލިއެވެ.
"ނާވީ އެ އިންސި ހިމާޔަތްކުރަންވެގެން ރައާބިލްގެ އެހީ ހޯދަން އަހަރެމެންނަށް ނޭނގި ބިންގަރާހަށް ދިޔައީ…އަހަރެން އޭނަ ހުއްޓުވަން ވަރަށް އުޅުނިން. އެކަމަކު…. " އިތުރަށް އެއްވެސް ކަމެއް ފޮރުވުމުގެ މާނައެއް ނެތްކަން ވިސްނުމާއެކު ނަމީރު ބުންޏެވެ.
"ކީއްވެ ތިއިން އެއްވެސް ވާހަކައެއް އަހަރެން ކައިރީ ނުބުނީ؟ ނާވީ ދަރިފުޅާ. ހެޔޮނުވާނެ! މަންމައަށް ދުވަހެއްގެ ކޮޅުންވެސް ކަމެއް ކޮށްދެންޏާ ތިކަންތައް ހުއްޓާލާ." ޝައިސްތާ ބުނެލިއެވެ. "ކާފައަށް ނާވީ ތިކުރާ ކަންތައް އެނގިއްޖެނަމަ އަންނާނެ ޒަލްޒަލާއެއް އެނގެނީއެއް ނޫން. އެ އިންސި ދޫކޮށްލާ… މީގެފަހުން އެމީހުންގެ ތެރެއަށް ނުދޭ. އަހަރެމެންގެ ތެރެއިން ކުއްޖަކާ ގުޅޭ. އޭރުން އިސާހިތަކު އޭނަ މަތީން ހަނދާން ނައްތައިލެވިދާނެ."
ޝައިސްތާގެ އަޑުން އޭނަ އެކަމާ މެދު ފިކުރުވބޮޑުވެފައިވާ މިންވަރު ހާމަވަމުން ދިޔައެވެ. އެއީ އެމީހުންނަށް ނާވީއަށް މާބޮޑަށް މިނިވަންކަން ދެވުމުގެ ނަތީޖާހެއްޔެވެ؟ ނާވީ އުޅޭ ނޫޅޭ ގޮތް ނުބެލުމުގެ ނަތީޖާހެއްޔެވެ؟ މާ ބޮޑަށް އިތުރުބާރުކުރެވުމުގެ ނަތީޖާ ހެއްޔެވެ؟
"މަންމާ… އަޅުގަނޑަށް ރަނީމް ދޫކޮށްލެވޭކަށް ނެތް. އަޅުގަނޑު ލޯބިވަނީ ހަމައެކަނި ރަނީމް ދެކެ. އޭނަ ރައްކާތެރިކޮށްދޭނެކަމަށް އަޅުގަނޑު އަމިއްލަ ނަފްސަށްވެސް ވަޢުދުވިން." ނާވީ ބުނެލިއެވެ. އޭނަ ނަމީރުގެ ގާތުގައި ބުނެފައިވާ ބަސްތައް ޝައިސްތާއަށް ވެސް އިއްވައިލިއެވެ.
ރަނީމް އެެއީ އެ ކުއްޖާއަށް ކިޔާ ނަންތަ؟" ޝައިސްތާ އެހެން އަހައިލުމާއެކު، ނާވީ ބޯ ޖަހައިލިއެވެ.
"ކީއްވެތަ ނުވިސްނެނީ؟ ނަމީރު އޭނައަށް ވިސްނަދީބަލަ. އެކަމުގައި ހުރި ނުރައްކާތެރިކަން ކިޔައިދީބަލަ ހުރި ހަމައެކަނި ދަރިފުޅު ރައާބިލް ފަދައިން ތޭރިތަކުގެ ތެރޭގައި ޤައިދުވާކަށް އަހަރެން ނޭދެން. އަނެއްކާވެސް އެފަދަ މާޒީއެއް ތަކުރާރުވާކަށް އަހަރެން ނޭދެން." ޝައިސްތާ ބުންޏެވެ. އޭނަގެ ހަނދާނަށް ދެން އައީ ނާވީގެ އެކުވެރިޔާ ދައިސަމްއެވެ.
"ދައިސަމްއަށް ތިކަން އެނގޭތަ؟" ޝައިސްތާ އޭނަގެ އަނެއް ސުވާލު ނާވީއާ އަމާޒުކޮށްލުމާއެކު، އެ ސުވާލުގެ ޖަވާބެއްގެ ގޮތުން ނާވީ ބޯ ޖަހައިލިއެވެ. ޝައިސްތާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަނެއްކާ މާޒީ އަލުން ތަކުރާރުވަނީ ހެއްޔެވެ؟ މިފަހަރު ރައާބިލްގެ މަޤާމުގައި އެހުރީ އޭނަގެ ދަރިފުޅުވެ. އަދި ނަމީރު ހުރި މަޤާމުގައި އެހުރީ ދައިސަމްއެވެ. ދެން ހަދާނީ ކިހިނަކުން ހެއްޔެވެ؟ ނާވީއަށް ވިސްނައިދޭނީ ކިހިނަކުން ހެއްޔެވެ؟
"މަންމާ… މަންމައަށް އަޅުގަނޑު ހުރިހާ ވާހަކައެއްވެސް ކިޔައިދޭނަން. ރުޅިމަޑުކޮށްލާފަ އަޅުގަނޑު ދައްކާ ވާހަކަ އަޑު އަހާލަބަލަ." ނާވީ ޝައިސްތާގެ އަތުގައި ހިފައްޓައިލިއެވެ. ޝައިސްތާ ނާވީގެ އަތް ފޮޅުވައިލިއެވެ. ބަހާ އަމަލުން އޭނަ ނާވީއާ މެދު ނުރުހުންވެފައި ހުރިކަން ޝައިސްތާ ދިޔައީ ދައްކަމުންނެެވެ. ދެން ޝައިސްތާ ބަލައިލީ ނަމީރަށެވެ. ނަމީރު ބޯ ޖަހައިލުމުން ޝައިސްތާ އޭނަ އެބަ އަޑު އަހަމޭ ބުނާފަދައަކުން، ނާވީއަށް އިޝާރާތްކޮށްލީ ވާހަކަ ކުރިއަށް ގެންދިޔުމަށް އެދިއެވެ.
"މަންމާ… ރަނީމްއަކީ… ރަނީމްއަކީ ރައާބިލްގެ… ރައާބިލްގެ ދަރިފުޅު…" ނާވީ ހާމަކޮށްލި ހަޤީޤަތާއެކު ޝައިސްތާއަށްވެސް ޝޮކެއް ލިބިގެން ދިޔައެވެ.
"ރައާބިލްގެ ދަރިފުޅޭ؟ އެކަމަކު އެ ދަރިފުޅު މަރުވެއްޖެކަމުގައި ނަމީރު ބުނީމެއްނު." އޭނައަށް ޤަބޫލުނުކުރެވޭ ފަދައަކުން ނަމީރަށް ބަލައިލެވުނެވެ. ނަމީރު ކުށްވެރިއެއް ފަދައިން ދެލޯ މަރައިލުމަށްފަހު ފުންނޭވާއެއް ދޫކޮށްލުމާއެކު، ޝައިސްތާއަށް ދެއަތުން ބޮލުގައި ހިފައްޓައިލެވުނެވެ.
"ކިހިނެއް މިވަނީ؟ ރައާބިލްއަށް އަނެއްކާ ތިކަން އެނގޭތަ؟" ނަމީރު ރައާބިލްގެ ގާތުގައިވެސް ދަރިފުޅު މަރުވީކަމުގައި ބުނެފައިވާތީ ޝައިސްތާއަށް އަހައިލެވުނެވެ. "އަނެއްކާ ނާވީ އޭނައާ ގުޅުނީ އެކަން އެނގިހުރެތަ؟ ހުރިހާކަމެއް ނިކަން މަންމައަށް ކިޔައިދީބަލަ. " ޝައިސްތާގެ ކެތްތެރިކަން ކޮޅުން ލާން ފެށިއެވެ. އެއާއެކު ނާވީއާއި ނަމީރާ ދެމީހުން ފެށިގެން ނިމެންދެން ކަންތައްވީ ގޮތް ޝައިސްތާއަށް ކިޔައިދިނެވެ.
"މިކަންތައް މާމައާއި ކާފައަށް ސިއްރުކޮށްދީ މަންމާ…" ނާވީ އެދުނެވެ. ޝައިސްތާ އެއްޗެއް ނުބުނެ އެތަނުން ދިޔަނަމަވެސް، އެމީހުންގެ އެ އެދުން ފުރިހަމަކޮށްދޭނެ ކަމުގެ ޔަޤީންކަން ދެމީހުންނަށްވެސް އޮތެވެ.
*****
ނާވީ ރުއްފަލަށް ދިޔައީ ރަނީމްއާ ބައްދަލުކޮށްލާށެވެ. މިރޭވެސް ރަނީމް އެތަނަށް ދިޔައިރު އޭނާއަށް ކުރިން ރޭ ކުރުވި އިޙްސާސްވެސް ކުރުވިއެވެ. އެހެންނަމަވެސް މިރޭ އޭނަ ބިރެއް ނުގަނެއެވެ. އެހެނެއްކަމަކު، އޭނަގެ ހިތުގައިވަނީ ހިތްހަމަޖެހުމެކެވެ. ރުއްފަލުގައި ހުރި ނާވީ ފެނުމާއެކު އެމީހަކު އޭނަގެ ފަހަތުން އައުން މަޑުޖައްސައިލިކަން ރަނީމްއަށް އިޙްސާސްކުރެވުމާއެކު، ކުޑަކޮށް ހީނލެވުނެވެ. އޭނަ ގޮސް ނާވީގެ ފުރަގަހުގައި ހުއްޓުނެވެ. އޭރު ނާވީ ހުރީ އުނދޯލި އެލުވާފައި ހުރި ގަސްކައިރީގައި މޫދަށް ނަޒަރު ހުއްޓާލައިގެންނެވެ. ރަނީމް އޭނާގެ ފަހަތުގައި މަޑުކޮށްލުމާއެކު، ނާވީ އެނބުރިލިއެވެ. އޭނާ ހުރީ ހިނިތުންވެލައިގެންނެވެ.
"މަންމަ ކިހިނެއް؟" ނާވީ އެންމެ ފުރަތަމަވެސް ސުވާލުކޮށްލިއެވެ. ރަނީމް މިރޭ ހުރީ އެހެންރޭރެއަށް ވުރެ ހަމަ ޖެހިލައިގެންކަން އޭނައަށް ފާހަގަކުރެވުނެވެ.
"މަންމަ މިއަދު ވަރަށް ރަނގަޅު." ރަނީމް ހިނިތުންވެލިއެވެ.
ނާވީ ރަނީމްއާ ކައިރިއަށް ޖެހިލުމަށްފަހު، ރަނީމްގެ އަތުގައި ހިފައްޓައިލިއެވެ. އޭނަ ރަނީމްގެ އަތުގައި އަޅާފައި އޮތް އުޅާއަށް ބަލައިލިއެވެ.
"އަހަރެން ބުނީތީ ކަމެއް ކޮށްދީފާނަންތަ؟" ނާވީ ސުވާލުކޮށްލިއެވެ.
"އަހަރެން ހިޔެއްނުކުރަން ނާވީ އަހަރެންގާތު ކަމަކު ކިޔާފާނެއެކޭ. އަހަރެން ހީކުރީ އަބަދުވެސް ނާވީގެ އެހީ ހޯދަން ޖެހޭނީ އަހަރެންކަމަށް." ރަނީމްއަށް މަޖާވިއެވެ. ނާވީ ލުއިކޮށް ހީނލިއެވެ. އޭނަ ވަޔާ ނަށަމުން ދިޔަ ރަނީމްގެ އިސްތަށިގަނޑު ކަންފަތް ދޮށަށް ލައްވައިލަ ދެމުން ވާހަކަ ދެއްކިއެވެ.
"ތި އުޅާ ރަނީމްގެ އަތުން ނަގާލެވިދާނެތަ؟ ކުޑަވަގުތު ކޮޅަކަށް އަހަންނަށް ދެވިދާނެތަ؟" ނާވީ އެދުނެވެ.
(ނުނިމޭ)