ފުޓްބޯޅައަށް އޮތް ފޯރި ގަދަ ކުރުމަށް، ގައުމީ ޓީމާއި ރޮބޯމެންގެ ކުޑަކުދިންގެ ހަވީރެއް

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ އަންގާރަ ދުވަހު ތަޖިކިސްތާނާ ދެކޮޅަށް ކުޅޭ މެޗަށް ސަޕޯޓަރުން ދަނޑަށް ވެއްދުމަށް ޓަކައި, ޚާއްސަ ކުޑަކުދިންގެ ހަވީރެއް މިއަދު ބާއްވަން ތައްޔާރުވެއްޖެއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން "ފޯރީގައި ދަނޑަށް" ނަމުގައި ބާއްވާ ކުޑަކުދިންގެ ހަވީރު ކުރިއަށްދާނީ އާޓިފިޝަލް ބީޗް ސަރަހައްދުގައި ހަވީރު 04:00އިން އިރުއޮއްސި 06:00 އަށެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން މި ހަވީރު ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ގައުމީ ޓީމާއެކު ދިވެހިން ތިބިކަން އަންގައިދިނުމެވެ. އަދި ކުޑަކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތުތަކެއް ފަހިކޮށްދިނުން ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.

މި ކުޑަކުދިންގެ ހަވީރުގައި ރޮބޮމޭން އާއި މަޝްހޫރު ފްރީސްޓައިލާ ސައިފްގެ އިތުރުން މަގުބޫލު ބޮޑުބެރު ގްރޫޕް ބިދަބިންގެ ހަރަކާތްތައް ފެންނާނެއެވެ.

މީގެއިތުރުން ރާއްޖެ އަދި ތަޖިކިސްތާނު މެޗުގެ ޓިކެޓް ވިއްކުންވެސް އެ ސަރަހައްދުގައި މިއަދު ހަވީރު ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އަދި މި ހަރަކާތުގެ ތެރެއިން ގައުމީ ޓީމުގެ ކުޅުންތެރިންނާ ބައްދަލުކޮށް ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ވަނީ އާންމުންނަށް ހުޅުވާލާފައެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި ތަޖިކިސްތާނު ބައްދަލުކުރާ މެޗުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ ގޮނޑިބަރި ޓިކެޓް 100 ރުފިޔާއަށް އަދި ސިޑިބަރީ ޓިކެޓް 50 ރުފިޔާއަށެވެ.

ރާއްޖޭގެ ފުޓުބޯޅައިގެ ފޯރި އަލުން ނަގައި، ކޮޅަށް ޖެހުމުގެ ގޮތުން އެފްއޭއެމުން ގިނަ ހަރަކާތްތަކެއް ވަނީ ރާވައިފައެވެ. އެގޮތުން ގައުމީ ޓީމުގެ ހަރަކާތްތައް ފުޅާކޮށް، ފޯރިގަދަކުރުމުގެ އިތުރުން އަތޮޅުތެރޭގައި ފުޓުބޯޅައިގެ ފޯރި ވަރުގަދަ ކުރުމުގެ ހަރަކާތްތަކެއްވެސް މީގެ ތެރޭގައި ހިމެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު