އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކިޔަވައި ދިނުމަށް، ޓީޗަރުން ތަމްރީނު ކުރާ ބޮޑު ކެމްޕެއިނެއް އަންނަ އަހަރު ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދާއި މާދަމާ ކުރިއަށްދާ ޕްރިންސިޕަލުންގެ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ސުކޫލުތަކުގައި ކިޔަވައިދެމުން އަންނަނީ, އިސްލާމް ދީނާއި ގައުމު ދެކެ ލޯބިވާ ކުދިން ދިރިއުޅުމަށް ތައްޔާރު ކުރުމަށް ކަމަށެވެ.
އެގޮތުން، ގައުމު އުނގެނުމުގެ މަތީގައި ދެމިއޮންނާނީ ވިސްނައި ފިކުރު ކުރާ ޒުވާނުންނާއި ދަރިވަރުންތަކެއް އުފެދިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނޫންނަމަ، ސުކޫލު މަރުހަލާ ނިންމުމަށް ފަހު އޮއްޓަރު ހުރި ކަންކަމުގައި ޒުވާނުންނަށް ނޫޅެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ބަދަލު ގެނެވޭނީ މިހާރު ތައުލީމީ ނިޒާމުގައި އަމަލުކުރާ ގޮތް ވެސް ބަދަލުކޮށްގެންކަން ފާހަގަކުރައްވައި ޝަފީއު ވިދާޅުވީ، ޓީޗަރުން އޭއައިއަށް ތަމްރީނު ކުރުމަށް އަންނަ އަހަރު ބޮޑު ކެމްޕެއިނެއް ކުރިއަށް ގެންދާނެ ކަމަށެވެ.
ރޯދަ މަހުގައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް އެކަށިގެންވާ މުއްދަތު ހިމަނާފައިވާނީ. އަޅުގަނޑުމެން ގަސްތުކުރަނީ އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކި މާއްދާތައް ކިޔެވުމަށް ބޭނުންވާ އުކުޅުތަކާއި އެކަމުގެ ފަންނީ ގާބިލުކަން މަތިކުރުމަށް ދޭން ޖެހޭ ޓްރެއިނިން މި މުއްދަތުގެ ތެރޭގައި ދިނުންއެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު
ގައުމާ ދޭތެރޭ ވިސްނައި ފިކުރު ކުރާ ދަރިވަރުން އުފެއްދޭނީ ފަންނީ ގޮތުން ޓީޗަރުންގެ ގާބިލުކަން އިތުރުކުރެވިގެންކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޕްރިންސިޕަލުންންގެ މަހާސިންތާގައި މިނިސްޓަރު ޝަފީއު: އަންނަ އަހަރު އޭއައި ބޭނުންކޮށްގެން ކިޔަވައިދޭން ޓީޗަރުން ތަމްރީނު ކުރާ ކެމްޕެއިނެއް ފަށަނީ --- ފޮޓޯ/ ރައީސް އޮފީސް
އެފަދަ ދަރިވަރުން އުފެއްދުމަށް ކަރިކިއުލަމްއަށް ބަދަލުތައް ގެންނަމުން އަންނަކަން ފާހަގަކުރައްވައި، ޝަފީއު ވިދާޅުވީ، އަންނަ އަހަރުގެ ތެރޭގައި ކޮންޓެންޓް ރިވިޝަންގެ ބޮޑެތި މަސައްކަތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.
އޭގެއިތުރަށް، ތައުލީމީ ނިޒާމުގެ ތެރެއިން އެއް ކުއްޖަކު ވެސް ބާކީނުވުމަކީ އިސްކަންދޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި، މިއަދު ފެށި ކޮންފަރެންސްގެ ބޭނުމަކީ ޓީޗަރުންގެ ޚިޔާލު ހިމެނޭހެން ޕްރިންސިޕަލުން މަޝްވަރާ ކުރާ ކަންކަމަށް ބިނާކޮށް، ސިޔާސަތުތައް އިތުރަށް ތަރައްގީކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.
އޭއައިން ޓީޗަރުން ތަމްރީނު ކުރުމަށް ނިންމިއިރު، ރާއްޖޭގެ ސުކޫލުތަކުގައި ޖުމުލަ 11،372 ޓީޗަރުން މިދިޔަ އަހަރު ކިޔަވައިދިން ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ވަނީ ދައްކައިފައެވެ. އޭގެތެރޭގައި، 8،978 ދިވެހި ޓީޗަރުންނާއި 2،394 ބިދޭސީ ޓީޗަރުން ހިމެނެއެވެ.
މިދިޔަ އަހަރު އެންމެ ގިނަ ޓީޗަރުން ކިޔަވައިދިނީ އަތޮޅުތެރޭގައެވެ. އެގޮތުން، 8،005 ޓީޗަރަކު އަތޮޅުތެރޭގެ ސުކޫލުތަލުގައި ކިޔަވައިދިންއިރު، ވެރިރަށް މާލޭގައި 3،367 ޓީޗަރުން ވަނީ ކިޔަވައިދީފައެވެ.