ފަނަރަ އަހަރަށް ފަހު، މާލެ ސަރަހައްދުގެ ދަރިވަރުން ކޭމްޕު ކުރާނެ ސަރަހައްދެއް ހަމަޖައްސައި، މިއަދު އެ ތަން ހުޅުވައިފިއެވެ.
ކްރޮސްރޯޑްސްގައި އޮންނަ މި ސަރަހައްދު ހުޅުވައިދެއްވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.
މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ، މާލެ ސަރަހައްދުގެ ދަރިވަރުންނަށް ކޭމްޕިން ގްރައުންޑެއް ނެތި 15 އަހަރު ވެއްޖެ ކަމަށެވެ. ދަރިވަރުންނަށް އެކި ހުނަރުތަކާއި ގާބިލުކަން ލިބިފައިވާކަން ކަށަވަރުކުރުމަށް، ކެޑޭޓާއި ސްކައުޓާއި ގާލްގައިޑަކީ މުހިންމު ހަރަކާތްތައް ކަމަށް ރައީސް ގަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް، ދަރިވަރުން ކޭމްޕްކުރަން ޚާއްސަކޮށްފައިވާ ސަރަހައްދު ބައްލަވައިލައްވަނީ -- ފޮޓޯ/ ރައީސް އޮފީސް
ޝަފީއު ވިދާޅުވީ މިއަދު ހުޅުވީ، އެ ހަރަކާތްތަކަށް ވަރަށް އެކަށީގެންވާ ބިމެއް ކަމަށެވެ. އެގޮތުން، ކޭމްޕު ކުރާނެ އަމާން ސަރަހައްދެއް ކުދިންނަށް ލިބިފައި އޮތުމަކީ ބެލެނިވެރިންނާއި މުދައްރިސުންނަށް ލިބޭނެ ހިތްހަމަޖެހުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ކޭމްޕިން ގްރައުންޑަކީ ތައުލީމީ އެކިއެކި ހަރަކާތްތައް ވެސް ހިންގާނެ ގްރައުންޑެއް ގޮތުގައި އޮންނާނެ. އަބަދު ކެޑޭޓު، އަބަދު ސްކައުޓް ނުވަތަ ގާލްގައިޑް ކޭމްޕުގައި ނުތިއްބަވާނެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
އެ ތަނަށް، ދަރިވަރުން ތިމާވެއްޓާ ގުޅޭ ގޮތުން ދިރާސާތައް ހެދުމަށާއި ފިޝަރީސް ސައިންސް ދަތުރުތަކަށް ވެސް ދެވޭނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.
ކޭމްޕު ކުރާ ސަރަހައްދު ހުޅުވައިދެއްވުމަށް ފަހު ރައީސް ވަނީ އެ ސަރަހައްދު ބައްލަވާލައްވައިފައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރުންނާއި ގާލްގައިޑާއި ކެޑޭޓުގެ އިތުރަށް ސްކައުޓުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.