ބޭނުންތެރި ގިނަ ލިޔުންތަކެއް ހިމެނޭ، ޑރ. އަޝްރަފްގެ "35 ކޮލަމު" ތައާރަފުކޮށްފި

މުޖުތަމައަށް ބޭނުންތެރި ގިނަ ލިޔުންތަކެއް ހިމެނޭ، ޑރ. އަޝްރަފް އަބްދުއްރަހީމްގެ ފޮތް "35 ކޮލަމް" މިއަދު ތައާރަފުކޮށްފިއެވެ.

މި ފޮތް ތައާރަފުކޮށްފައިވަނީ އެ ކަމަށް ޚާއްސަކޮށް ބޭއްވި، އެސްއެސްޓީވީގެ ޕްރޮގްރާމެއްގެ ތެރެއިންނެވެ.

މި ފޮތުގައި ހިމަނައިފައިވަނީ ސަން އޮންލައިނަށް ޑރ. އަޝްރަފް ލިޔުއްވައިފައިވާ 35 ކޮލަމެވެ. މި ކޮލަމުތަކުގެ ތެރޭގައި އަދަބީ އެކި ލިޔުންތަކާއި، ދިރާސީ ނަޒަރަކުން ލިޔުއްވައިފައިވާ ލިޔުންތަކާއި، އިޖުތިމާއީ އެކި ލިޔުންތައް ހިމެނެއެވެ.

މި ފޮތާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޑރ. އަޝްރަފް ވިދާޅުވީ، މި ފޮތުގައި ހިމެނޭ ކޮލަމުތަކަކީ މައުލޫމާތު ލިބޭނެ ފަދަ، ލިޔުންތަކަކަށް ވާނެ ކަމަށެވެ. އަދި މުޖުތަމައުއިން ފެންނަ އެކި މަންޒަރުތަކާމެދު ދެކެވަޑައިގަންނަވާ ގޮތާއި، ގެނެވިދާނެކަމަށް ދެކެވަޑައިގަންނަވާ ބައެއް އިސްލާހީ ބަދަލުތަކުގެ ވާހަކަ ވެސް އެ ފޮތުގައި ހުންނާނެ ކަމަށް ވިދާޅުވިއެވެ.

ޑރ. އަޝްރަފް ވިދާޅުވީ، ސަން އޮންލައިންއަށް ލިޔުއްވި ކޮލަމުތައް ފޮތަކަށް އެކުލަވައިލެވި، ޗާޕުކޮށްގެން ނެރެވިފައި މި ވަނީ ވަރަށް ގިނަ ބައެއްގެ މަސައްކަތާއި، ދެއްވި ހިތްވަރުން ކަމަށެވެ. އެގޮތުން ފޮތް ލިޔުމަށް އަބަދުވެސް ހިތްވަރު ދެއްވި އެއް ބޭފުޅަކީ މަރްހޫމު މަޑުލު މުޙައްމަދު ވަހީދުކަން ފާހަގަކުރެއްވިއެވެ.

ޑރ. އަޝްރަފް ވަނީ، މި މަސައްކަތުގައި އެހީތެރިވެދެއްވި ބޭފުޅުންނަށް ޝުކުރު އަދައިކުރައްވައިފައެވެ.

ޑރ. އަޝްރަފްގެ ''35 ކޮލަމު'': މި ފޮތުގައި ހިމަނައިފައިވަނީ ސަން އޮންލައިނަށް ޑރ. އަޝްރަފް ލިޔުއްވައިފައިވާ 35 ކޮލަމު --

އެގޮތުން ފޮތުގެ ބޭރު ޑިޒައިންކޮށްދެއްވި އަބްދުﷲ ޝަފީއު (އަބޯ)އާއި، ލޭއައުޓް ހައްދަވައިދެއްވި އަބްދުﷲ ހުމައިދާއި، ފޮތް ޕްރޫފް ރީޑްކޮށްދެއްވި ލިޔުންތެރިޔާ ހަސަން ޝާކިރަށް ޝުކުރު އަދައިކުރެއްވިއެވެ. އަދި ސަން އޮންލައިންއަށާއި، އެސްއެސް މީޑިއާގެ ސީއީއޯ މުޙައްމަދު ޢާޞިފް (މޮންދު)އަށް ވެސް ޝުކުރު އަދައިކުރެއްވިއެވެ.

ކިޔުންތެރިންގެ މެދުގައި މަގުބޫލު ލިޔުންތަކެއް، ފޮތެއްގެ ސިފައިގައި ތައާރަފުވިއިރު މި ފޮތަކީ ސްކޫލު ދަރިވަރުންނަށް ވެސް ވަރަށް ބޭނުންތެރި ފޮތަކަށް ވާނެއެވެ.

މި ފޮތް މިހާރު އާންމުކޮށް، ވިއްކަން ވަނީ ހުޅުވައިލައިފައެވެ. ފޮތެއް ވިއްކާ އަގަކީ 100 ރުފިޔާއެވެ. ފޮތް ބައްލަވައިގަންނަން ބޭނުންފުޅުވާ ބޭފުޅުން، 7684346 ނަންބަރަށް ގުޅުއްވުމުން ފޮތް ލިބިވަޑައިގަންނަވާނެއެވެ.

comment ކޮމެންޓް