މަޝްހޫރު ހޯސްޓު ނާއްޕެގެ ބަންދަށް 5 ދުވަސް، ބާކީ 3 މީހުންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

ކުޑަކުދިންތަކެއް އެކްސްޕްލޮއިޓުކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުން: އެމީހުންގެ ބަންދަށް ވަނީ މުއްދަތު ޖަހާފައި ---

ބައިބަލާ މުބާރާތްތައް ހޯސްޓުކުރުމަށް މަޝްހޫރު ނާފިއު ރަޝީދު (ނާއްޕެ)ގެ ބަންދަށް އިތުރު ފަސް ދުވަސް އިއްޔެ ޖަހައިފިއެވެ.

ކުޑަކުދިންތަކެއް އެކްސްޕޮލައިޓު ކުރުމުގެ ތުހުމަތުގައި ނާއްޕެ ހިމެނޭހެން ހަތަރު މީހުން މާލެއިން ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހެވެ. އެއީ، ނާއްޕެއާއި އަލީ އަޝްރަފް (35އ)/މ އެތުމާ، ލުހާން ސަޢީދު (41އ)/ޕެރިސް ގދ. ވާދޫ، އަދި އިބްރާހިމް ޝިނާން އަހުމަދު (33އ) ހ. ފިނިކުރިއެވެ.

އޭގެ ތެރެއިން ޝިނާނަކީ އެޓާނީ ޖެނެރަލްގެ އޮފީހުގައި ކުރިން މަސައްކަތްކުރެއްވި ގާނޫނީ ވަކީލެއްކަން 'ސަން'އަށް ވަނީ އެނގިފައެވެ. އެނގިފައިވާ ގޮތުގައި އޭނާ ވަނީ 2023 ވަނަ އަހަރު އެ އޮފީހުން ވަކިވެފައެވެ. އަދި މިހާރު ހުރީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ވަކީލެއްގެ މަގާމުގައެެވެ.

އޭރު އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދުކުރީ ތިން ދުވަހަށެވެ. އެ މުއްދަތު ހަމަވެ، އިއްޔެ އެ މީހުން ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ.

"ސަން"އިން މިއަދު ސުވާލުކުރުމުން ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ، އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ނާއްޕެ ފަސް ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ. އަދި، މައްސަލައިގައި ހިމެނޭ ބާކީ ތިން މީހުން އިތުރު 10 ދުވަހަށް ބަންދުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ކުރިން ބުނީ، ހަތަރު މީހުން ހައްޔަރުކުރީ ހެންވޭރުގައި ހުންނަ ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް، އެ ތަނުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ރަބަރު ޕެކެޓަކާ އެކުގައި ކަމަށެވެ. އަދި، ހައްޔަރުކުރި ހަތަރު މީހުންގެ ކުޑަކަމުދާ ތަކެތީގެ ވަގުތީ ނަތީޖާ މަސްތުވާއެއްޗެއްސަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުންނަށް ކޮށްފައިވަނީ ކުޑަކުދިންތަކެއް އެކްސްޕްލޮއިޓްކުރުމުގެ ކުށުގެ ތުހުމަތެވެ.

އެ ގޮތުން، ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި އަނިޔާ ލިބުނު ކުޑަކުދިންގެ ތެރޭގައި 17 އަހަރުގެ ދެ އަންހެން ކުދިންނާއި 16 އަހަރާއި 17 އަހަރުގެ ދެ ފިރިހެން ކުދިން ހިމެނެއެވެ. އެކަމަކު، އެ ކުދިންނަށް ކުރި އަނިޔާއާއި އެކްސްޕްލޮއިޓްކުރިގޮތާ ބެހޭ އެއްވެސް ތަފުސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

comment ކޮމެންޓް