ކުރިމަގު ސައްލާގެ މާލެ ސަރަހައްދުގެ ބައްދަލުވުންތަކުގައި ބައިވެރިވާން ހުޅުވާލާއިފި

ދިވެހިރާއްޖޭގެ ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045: އެންމެނަށް ފާގަތިކަން"، އެކުލަވާލުމަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް މާލެ ސަރަހައްދުގައި ބާއްވާ ކުރިމަގު ސައްލާ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ނެކްސިއާ މޯލްޑިވްސްއިން ހުޅުވާލައިފިއެވެ.

މި ބައްދަލުވުންތަކުގައި ބައިވެރިވުމަށް ރެޖިސްޓްރީކުރުމަށް ހުޅުވާލާފައިވާއިރު މާލޭގައި ދެ ބައްދަލުވުމެއް، ހުޅުމާލެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައި ބައްދަލުވުންތައް ބޭއްވުމަށް ނެކްސިއާއިން ވަނީ ރާވާފައިއެވެ.

މި ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތް:

  • އޮކްޓޫބަރު 14 - ކުރިމަގު ސައްލާ ވިލިމާލެ- ރޭގަނޑު 8:15
  • އޮކްޓޫބަރު 15 - ކުރިމަގު ސައްލާ މާލެ - ރޭގަނޑު 8:15
  • އޮކްޓޫބަރު 16 - ކުރިމަގު ސައްލާ ހުޅުމާލެ ދެވަނަ ފިޔަވަހި - ރޭގަނޑު 8:15
  • އޮކްޓޫބަރު 17 - ކުރިމަގު ސައްލާ މާލެ - ރޭގަނޑު 8:15
  • އޮކްޓޫބަރު 18 - ކުރިމަގު ސައްލާ ހުޅުމާލެ ފުރަތަމަ ފިޔަވަހި - ރޭގަނޑު 8:15

ނެކްސިއާއިން ވަނީ މި ބައްދަލުވުންތަކުގައި ބައިވެރިވުމަށް ރެޖިސްޓްރީކުރުމަށް އެ ފަރާތުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ލިންކެއް ފޯރުކޮށްދީފައިއެވެ.

ނެކްސިއާއިން މައުލޫމާތު ދޭ ގޮތުގައި ބައްދަލުވުންތައް ކުރިއަށް ގެންދަނީ މަސައްކަތު ބައްދަލުވުންތަކެއްގެ ގޮތުގައި ގުރޫޕް ހަރަކާތްތަކެއް ހިމެނޭ ގޮތަށެވެ. އެގޮތުން، ގުރޫޕްތަކަކަށް ބަހައިގެން ބައިވެރިން ކުރާ މަސައްކަތްތަކުން މައުލޫމާތު އެއްކުރެވޭނެއެވެ.

ތަރައްގީގެ ޕްލޭނަށް ރައްޔިތުންގެ މަޝްވަރާ ހޯދުމަށް ބާއްވާ މި ބައްދަލުވުންތަކުގައި ބައިވެރިންގެ ފަރާތުން ގައުމާ މެދު ކުރާ ތަސައްވުރުތައް ދެނެގަނެވޭނެއެވެ. އަދި، 2045 ވަނަ އަހަރު އަންނައިރު ބައިވެރިންގެ ނަޒަރުގައި އެކި ދާއިރާތައް ކުރިއަރައިގެން ދާނެ ގޮތް ހޯދޭނެއެވެ. މިގޮތުން ތައުލީމު އުގެނުން، ސިއްހަތު، އިގުތިސާދު، ތިމާވެށި، އުމުރާނީ ތަރައްގީ، ދަތުރުފަތުރާއި ގުޅުންތައް ފަދަ ދާއިރާތައް އޮންނަން ބޭނުންވާ ގޮތަކީ ކޮބައިތޯ ދެނެގަނެވޭނެއެވެ.

ކުރިމަގު ސައްލާގެ މި ބައްދަލުވުންތައް ކާމިޔާބުކަމާ އެކު މިހާތަނަށް ރާއްޖޭގެ 100 ރަށެއްގައި ނެކްސިއާގެ ޓީމުތަކުން ވަނީ ބާއްވާފައިއެވެ. އަދި، ތަފާތު ދާއިރާތަކާއި އުމުރުފުރާތަކަށް ނިސްބަތްވާ ފާރާތްތަކުން މި ބައްދަލުންވުންތަކުގައި ބައިވެރިވެ ވަނީ ގިނަ ޚިޔާލުތައް ހުށަހަޅާފައެވެ.

ނެކްސިއާ މޯލްޑިވްސްއިން ބުނާ ގޮތުގައި މިހާރު ވެސް އެ ކުންފުނީގެ ޓީމުތައް ރާއްޖޭގެ ހަ ސަރަހައްދެއްގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި، ކުރިއަށް އޮތް ހަތަރު ހަފުތާގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ބައްދަލުންވުންތައް ބާއްވާ ނިންމާލެވޭނެ ކަމަށް ނެކްސިއާއިން ފާހަގަކުރެއެވެ.

ކުރިމަގު ސައްލާގެ އިތުރުން ގައުމީ ތަރައްގީގެ ޕްލޭންގައި އެކިއެކި ގޮތްގޮތުން ރައްޔިތުންނަށް ބައިވެރިވެވޭނެ ފުރުސަތުތައް ނެކްސިއާއިން ވަނީ ހުޅުވާލާފައިއެވެ.

އެގޮތުން، އޮންލައިން ސާވޭގައި ބައިވެރިވުމާއި، އިލްމީ ލިޔުންތަކާއި ޚިޔާލު ހުށެހެޅުމަށް ނެކްސިއާއިން ވަނީ ހުޅުވާލާފައިއެވެ. އަދި، ހުށަހެޅޭ ފެންވަރު ރަގަޅު ދިރާސީ ލިޔުންތައް ތަރައްގީގެ ޕްލޭނާ އެކު ޝާއިއުކުރެވޭނެ ކަމުގައި އެ ފަރާތުން ފާހަގަކުރެއެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންއިން ނެކްސިއާ މޯލްޑިވްސްއާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ފުރަތަމަ ދެލިކޮޕީ އަންނަ ޖަނަވަރީ މަހުގެ ނިޔަލަށް އެކުލަވާލުމަށް ހަމަޖެހިފައިވެއެވެ.

comment ކޮމެންޓް