ބޮޑު ބްރޭކަކަށް ފަހު ހުވާގެ އާ ސީޒަނެއް

ދިގު މެދުކެނޑުމަކަށް ފަހު ބައިސްކޯފުގެ އެންމެ ފުރަތަމަ އެއް ޝޯ ކަމަށްވާ "ހުވާ"ގެ ތިންވަނަ ސީޒަނެއްގެ މަސައްކަތް ފަށައިފިއެވެ.

މިހާތަނަށް ދެ ސީޒަން ގެނެސްދީފައިވާ މި ޝޯގެ އެންމެ ފަހު އެޕިސޯޑެއް ގެނެސްދީފައިވަނީ 2020 ވަނަ އަހަރުގައި ކޮވިޑްގެ ތެރެއިންނެވެ. ކޮވިޑާ ގުޅިގެން މަސައްކަތް ހުއްޓުނު ގޮތަށް ޝޯ އޮތީ ހުއްޓިފައެވެ. އެއާއެކުވެސް ޝޯ ނިމޭގޮތް ބަލަން އެތައް ބަޔަކު ތިބީ ބޭނުންވެފައެވެ.

ޖުމުލަ 102 އެޕިސޯޑު މިހާތަނަށް ދައްކާފައިވާ މި ޝޯގެ ތިންވަނަ ސީޒަންގެ ޝޫޓިން މި ހަފުތާގައި ވަނީ ފަށާފައެވެ.

ފާތިމަތު ނަހުލާއާއި އާއިޝަތު ރިޝްމީ އެކުގައި ޑައިރެކްޓު ކުރާ ހުވާއަކީ ބޮޑު ޚަރަދުތަކެއް ކޮށް ގިނަ ކާސްޓުންނާއެކު ފެށި ޝޯއެކެވެ. އެގޮތުން، މީގެ ކުރީން ސީޒަންތަކުގައި ޝޯގެ ކާސްޓުންގެ ގޮތުގައި އިންޑަސްޓްރީގެ 40 އަށްވުރެ ގިނަ ތަރީން ހަރަކާތްތެރިވެފައިވެއެވެ.

ނަހުލާގެ އަސަރު ގަދަ ވާހަކައަކަށް ގެނެސްދިން "ހުވާ"ގެ ފުރަތަމަ ސީޒަނުގެ މައިގަނޑު ކާސްޓުންގެ ތެރޭގައި ޔޫސުފް ޝަފީރު (ޔޫއްޕެ)އާއި ޝީލާ ނަޖީބާއި މުހައްމަދު ފައިސަލާއި މަރްޔަމް އައްޒައާއި ރަވީ ފާރޫގާއި އައިމިނަތު ރިޝްފާއާއި އަލީ އާޒިމް (ދޮން އައްޔަ)އާއި އިރުފާނާ އިބްރާހީމާއި އިބްރާހީމް ޖިހާދު ޖިމީ ފަދަ އެތައް ތަރިންނެއް ހިމެނެއެވެ.

މީގެ ތެރެއިން ގިނަ ތަރީންތަކެއް އާ ސީޒަނުން ވެސް ފެންނާނެއެވެ. "ހުވާ"ގެ ފުރަތަމަ ސީޒަނުގައި 82 އެޕިސޯޑް ގެނެސްދީފައިވެއެވެ. ސީޒަން ދެއެއްގައި ހިމެނެނީ 20 އެޕިސޯޑެވެ. ނަމަވެސް، އެންމެ ފުރަތަމަ އެ ސީޒަނުގައި ވެސް 70 ވަރަކަށް އެޕިސޯޑު ހިމެނުމަށް ޕްރޮޑަކްޝަނުން ގަސްދުކޮށްފައިވެއެވެ.

އަލަށް މަސައްކަތް ފަށާފައިވާ ސީޒަންގައި ހިމެނެނީ ކިތައް އެޕިސޯޑު ކަމެއް ހާމަކޮށްފައެއް ނުވެއެވެ. އަދި، މި ސީޒަން ސްޓްރީމް ކުރަން ފަށާނެ ތާރީޚެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް