ހޮލީވުޑްގެ އެންމެ މަގުބޫލު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ޓޭލާ ސްވިފްޓް މިދިޔަ ހަފުތާ ބަންދުގައި ނެރުނު އޭނާގެ އާ ސްޓޫޑިއޯ އަލްބަމް ގިނަ ފޭނުންނަށް ވެސް ކަމުނުދާ ކަމަށް ބުނެފިއެވެ.
ޓޭލާ އޭނާގެ 12 ވަނަ ސްޓޫޑިއޯ އަލްބަމް "ލައިފް އޮފް އަ ޝޯ ގާލް" ރިލީޒްކޮށްފައިވަނީ މިދިޔަ ހަފުތާ ބަންދާ ދިމާކޮށެވެ. އަލްބަމް ރިލީޒްކުރުމުގެ ކުރީން އޭނާ ބުނަމުން އައީ މިއީ އޭނާ މިހާތަނަށް އެންމެ ހިތްހަމަޖެހިގެން ތައްޔަރު ކުރި އަލްބަމް ކަމަށެވެ. އަދި މިއީ މިހާތަނަށް އޭނާ ނެރޭނެ އެންމެ މޮޅު އަދި އެންމެ ތަފާތު އަލްބަމަށް ވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
އަލްބަމް ރިލީޒްކުރުމުގެ ކުރީން އޭނާ އަލްބަމް ޕްރޮމޯޓްކުރަމުން އައީ "ބާލެސްކް" 1920ގެ އަހަރުގެ ތަކުގެ ތީމު ތަކުންނެވެ. ނަމަވެސް އެންމެ ފަހުން އަލްބަމް ރިލީޒްކުރިއިރު ލަވަތަކުން އެއިން އެއްވެސް ކަމެއް ފެންނާކަށް ނެތެވެ.
ލަވަތަކުގެ ލިރިކްސް ވެސް ވަރަށް ދެރަ ކަމަށް އެތައް ފޭނުންނެއް އަންނަނީ ބުނަމުންނެވެ. އެގޮތުން ބައެއް ލިރިކްސްތަކަކީ އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ލިރިކްސްތަކެއް ކަމަށް އެތައް ބަޔަކު އަންނަނީ ބުނަމުނެނެވެ.
މީގެ ކުރީން ޓޭލާ ދިފާއު ކުރަމުން އައި އެތައް ބަޔަކު އޭނާ ދިފާއު ކުރުން ވެސް ވަނީ ސޯޝަލް މީޑިއާގައި ހުއްޓާލާފައެވެ.
ކްރިޓީކުންގެ މެދުގައި މި އަލްބަމްގެ މަގުބޫލުކަން ވެސް ކުޑައެވެ. އެހެންނަމަވެސް އާމްދަނީއަށް ބަލާ ނަމަ މި އަލްބަމް އަންނަނީ ރިކޯޑުތައް މުގުރަމުންނެވެ. މިހާތަނަށް އެންމެ ކުޑަ މުއްދަތެއްގައި އެންމެ ގިނަ އަދަދެއްގެ ރެކޯޑުތައް ވިއްކާފައވާ އާޓިސްޓުގެ ރެކޯޑު ވަނީ ޓޭލާގެ މި އަލްބަމް މުގުރާލާފައެވެ.