ނެޓްފްލިކްސްގެ އެންމެ ބޮޑު އެއް ޝޯ ކަމަށްވާ "ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަން ތައްޔާރުކުރުމަށްޓަކައި 500 މިލިއަން ޑޮލަރާ ގާތްކުރާ އަދަދެއް ޚަރަދުވެފައިވާ ކަމަށް ޕްރޮޑަކްޝަނުން ހާމަކޮށްފިއެވެ.
ސްޓްރޭންޖާ ތިންގްސްގެ ފަހު ސީޒަން ނުވަތަ ފަސްވަނަ ސީޒަންގެ މަސައްކަތް ފަށާފައިވަނީ މީގެ ތިން އަހަރު ކުރީންނެވެ. އެއަށް ފަހު އެކި ސަބަބުތަކާ ހުރެ ޝޯގެ ޝޫޓިން ޑިލޭވަމުން ގޮސް އެ ނިންމާލެވޭ ވަރުވީ އެތައް ބައެއްގެ ފާޑު ކިޔުންތައް ރައްދުވެފައިވާ ދަނޑިވަޅެއްގައި މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ.
މިހާރު ޕްރޮޑަކްޝަނުން ތައްޔާރުވަމުން އަންނަނީ ފަހު ސީޒަންގެ ފުރަތަމަ ބައި އަންނަ މަހުގައި ދެއްކުމަށެވެ.
ޕްރޮޑަކްޝަނުން ދާދިފަހުން ހާމަކޮށްފައިވާ ގޮތުގައި މި ޝޯގެ ފަހު ސީޒަންގެ ކޮންމެ އެޕިސޯޑެއް ތައްޔާރު ކުރުމަށްޓަކައި ގާތްގަނޑަކަށް 50 މިލިއަން ޑޮލަރާއި 60 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ވަނީ ޚަރަދުވެފައެވެ. މި ސީޒަންގައި އަށް އެޕިސޯޑެއް ދެއްކުމަށް ހަމަޖެހިފައިވާއިރު، މި އަދަދަށް ބަލާނަމަ އާ ސީޒަންގެ ހަރަދު ހުންނާނީ 400 މިލިއަނާއި 480 މިލިއަން ޑޮލަރާ ދެމެދުގައެވެ.
މިއީ އަދި ޝޯގެ ޕްރޮމޯޝަނާއި ޕްރިމިއާއަށް ވެސް ހިނގާނެ ޚަރަދުތަކަށް ނުބަލައެވެ.
އާ ސީޒަނަކީ މިހާތަނަށް ނެރޭ އެންމެ ދިގު ސީޒަނަށް ވެސް ވާނެ ކަމަށް ޕްރޮޑަކްޝަނުން ބުނެއެވެ. އެގޮތުން، އެޕިސޯޑުތަކުގެ ދިގުމުން ހުންނަނީ 60 މިނެޓާއި 90 މިނެޓާ ދެމެދުގައެވެ. އެއާއެކު ބައެއް އެޕިސޯޑުތަކުގެ ދިގުމިން ފީޗާ ފިލްމުތަކާ އެއްވަރު ވާނެއެވެ.
ސްޓްރޭންޖާ ތިންގްސްގެ އާ ސީޒަން ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބައި އަންނަ މަހުގެ 26ގައި ދެއްކުމަށް ހަމަޖެހިފައިވާއިރު ދެވަނަ ބައި ނެރޭނީ ޑިސެންބަރު 25 ގައެވެ. އަދި ފަހު ބައި ނެރޭނީ ޑިސެންބަރު 31ގައެވެ.