ޑިޒްނީގެ މަގުބޫލު އޮރިޖިނަލް އެނިމޭޓެޑް ފިލްމު ކަމަށްވާ "ޓޭންގަލްޑް"އަށް ބިނާކޮށް ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ލައިވް އެކްޝަން ފިލްމުގެ މަސައްކަތް މެދުކަނޑާލުމަށް ފަހު އަލުން ފަށައިފިއެވެ.
ޑިޒްނީގެ މަޝްހޫރު ކެރެކްޓަރު ރެޕަންޒެލްއަށް ބިނާކޮށް ތައްޔާރުކޮށްފައިވާ އެނިމޭޓެޑް ފިލްމެއް ކަމަށްވާ ޓޭންގަލްޑް ނެރެފައިވަނީ 2010ވަނަ އަހަރެވެ. މި ފިލްމުގައި ރެޕަންޒެލްގެ ވާހަކަ ތަފާތު ގޮތަކަށް ގެނެސްދީފައިވެއެވެ.
މިއީ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ އެނިމޭޝަނަކަށްވާއިރު އެތައް ބަޔަކު މީގެ އިތުރު ބަޔަކަށް އިންތިޒާރު ވެސް ކުރާ ކާޓޫނެކެވެ. ނަމަވެސް، ޑިޒްނީއިން މީގެ އަހަރެއް ކުރީން އިއުލާނު ކޮށްފައިވަނީ މި ފިލްމުގެ ލައިވް އެކްޝަނެއް އުފައްދަން އުޅޭ ކަމަށެވެ.
ފިލްމުގެ މަސައްކަތްތައް ޕްރީ ޕްރޮޑަކްޝަން ލެވެލްގައި އޮވެ ކާސްޓިން އާ ހިސާބަށް ގޮސް އޮއްވައި ޑިޒްނީއިން ޕްރޮޖެކްޓު މެދުކަނޑާލީ މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.
އެއަށް ފަހު އިތުރު ވާހަކައެއްގެ އަޑު ނީވި އޮވެ ދާދިފަހުން ހާމަކޮށްފައިވަނީ ފިލްމުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށެވެ. މިހާރު ވާހަކަ ދެކެވެމުން ދަނީ ފިލްމުގެ ވިލަންގެ ރޯލު ފައިނަލް ކުރުމަށެވެ. ވާހަކަ ދެކެވޭ ގޮތުގައި މި ރޯލަށް، ހޮލީވުޑް އޭލިސްޓް ސްކާލެޓް ޖޯހެންސަން ހަމަޖެއްސުމާ މެދު މަޝްވަރާތައް ކުރިއަށް އެބަ ދެއެވެ.
ނަމަވެސް، އޭގެ އިތުރުން ފިލްމާ ގުޅޭ އިތުރު ވާހަކަތަކެއް ދެކެވިފައެއް ނުވެއެވެ. މީގެ ކުރީން ލީޑް ރޯލަށް ސެބްރީނާ ކާޕެންޓާ ހަމަޖެއްސުމާ ގުޅޭގޮތުން ވާހަކަ ދެކެވިފައިވެއެވެ. ނަމަވެސް، މި ވާހަކަތައް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
މި ފިލްމު ޑައިރެކްޓު ކުރުމަށް ހަވާލު ކޮށްފައިވަނީ "ގްރޭޓެސްޓް ޝޯމަން" އުފެއްދި މައިކަލް ގްރޭސީ އާއެވެ. މި ފިލްމު އަދި ނެރޭނެ ތާރީހެއް ނޭނގެއެވެ.