ތަޖިކިސްތާނު އަތުން ރާއްޖެއަށް ދެ ލަނޑުގެ ބައްޔެއް

ރާއްޖެއާ ތަޖިކިސްތާން މެޗުގެ ތެރެއިން-- ފޮޓޯ: އޭއެފްސީ

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރަށުން ބޭރުގައި ތަޖިކިސްތާން އަތުން ރާއްޖެ ބަލިވެއްޖެއެވެ.

ތަޖިކިސްތާންގެ ހިސޯރް ސްޓޭޑިއަމްގައި ކުޅުނު މެޗުން ރާއްޖެ ބަލިވެފައިވަނީ 2-0ގެ ނަތީޖާއަކުންނެވެ. މިއީ މި ފަހަރުގެ ކޮލިފައިންގައި ރާއްޖޭން ކުޅުނު ތިންވަނަ މެޗެވެ. މި ތިން މެޗުންވެސް ރާއްޖެ ވަނީ ބަލިވެފައެވެ.

ފުރަތަމަ މެޗުގައި ފިލިޕީންސް އަތުން 4-1އިން ބަލިވިއިރު ދެވަނަ މެޗުގައި ޓިމޯ ލެސްޓޭ އަތުން ބަލިވީ 1-0 އިންނެވެ.

މެޗުގައި އެ ޓީމުން ޖެހި ދެ ލަނޑުގައިވެސް ރާއްޖޭގެ ޑިފެންސަށް ވަނީ ގޯސްތަކެއް ހެދިފައެވެ. މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ތަޖިކިސްތާނުން ލީޑުނެގީ ރުސްތަމް ސޮއިރޯވް ދިން ބޯޅައަކުން ޝަހްރޮމް ސަމިއެވްގެ ލަނޑުންނެވެ.

އެއަށްފަހު މެޗުގެ 30 ވަނަ މިނެޓުގައި ތަޖިކިސްތާންގެ ދެވަނަ ލަނޑަކީ ރާއްޖޭގެ ގޯލްކީޕަރު، މުޙައްމަދު ފައިސަލް ސަލާމަތްކުރަން އުޅުނު ބޯޅައެއް ޕެނަލްޓީއޭރިޔާ ތެރޭގައި ހުރި ޝެރްވޯނީ މަބަޓްޝޮއޭވް އަށް ލިބުމުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ތަޖިކިސްތާނުން ޓެމްޕޯ ހިފަހައްޓާފައިވާއިރު، ރާއްޖޭން ބޮޑަށް ޑިފެންސަށް އިސްކަންދީގެން ކުޅުނު މި ހާފުގައި ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އިތުރު ވަގުތުގެ ތެރޭގައި ހަސަން ރާއިފް ހަސަން (ހަންނަ) ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.

މިއީ މިދިޔަ އޮގަސްޓް މަހު ރާއްޖޭގެ ކޯޗުކަމާ ހަވާލުވި މުޙައްމަދު ޝިޔާޒް (މޯހަން)ގެ އިރުޝާދުގެ ދަށުން ބަލިވި ފުރަތަމަ ފަހަރެވެ. އޭނާގެ ކޯޗުކަމުގައި ރާއްޖޭން ކުޅުނު ފުރަތަމަ ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކުރިއިރު، އަނެއް މެޗުން ވަނީ އެއްވަރުވެފައެވެ. އެއީ، މިދިޔަ މަހު ސްރީ ލަންކާގައި އެ ޓީމާ ދެކޮޅަށް ސައުތު އޭޝިއަން ސުޕަ ކަޕްގައި ކުޅުނު މެޗުތަކެވެ.

ކޮލިފައިންގައި ރާއްޖެ ދެން ކުޅޭ މެޗުގައި އަންނަ އަންގާރަ ދުވަހު އަމިއްލަ ދަނޑުގައި ނިކުންނާނީ ތަޖިކިސްތާނާ ދެކޮޅަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު