ނައިބު ރައީސްގެ އެދިވަޑައިގަތުމެއް: 'ގައުމުތަކުގައި ރާއްޖެ ތަމުސީލުކުރާއިރު، ގައުމުގެ ޝަރަފު ދަމަހައްޓަވާ'

ނައިބު ރައީސް ގައުމީ ސީނިއާ ވޮލީ ބޯޅަ ޓީމާއެކު: ހުސައިން ވަނީ ބޭރުގައުމުތަކުގައި ރާއްޖެ ތަމްސީލުކުރާއިރު، ގައުމުގެ ޝަރަފު ދެމެހެއްޓުމަށް އެދިވަޑައިގެންފައި --- ފޮޓޯ/ ރައީސް އޮފީސް

ބޭރު ގައުމުތަކުގައި ދިވެހިރާއްޖެ ތަމުސީލުކުރާއިރު، ގައުމުގެ ޝަރަފާއި ރީތި ނަން ދެމެހެއްޓުމަށް ކުޅުންތެރިންގެ ކިބައިން ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް މިއަދު އެދިވަޑައިގެންފިއެވެ.

ގައުމީ ސީނިއާ ވޮލީބޯޅަ ޓީމު އިއުލާނުކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ހަފުލާގައި ނައިބު ރައީސް ވިދާޅުވީ، ދިވެހި ޤައުމީ ޓީމުތަކުން ކުޅިވަރުގައި ހޯދާ ކާމިޔާބީއަށް ރައްޔިތުން ފަޚުވެރިވާ ކަމަށެވެ. ވޮލީބޯޅަ ޓީމު ވެސް މުބާރާތުގެ ތަށި ހޯދުމުގެ އުންމީދުގައި ކުޅުމަށް ނައިބު ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ވޮލީއަކީ، ރާއްޖޭގައި މިހާރު ކާމިޔާބާއި ކުރިއެރުން ހޯދަމުން އަންނަ ކުޅިވަރެއްކަން ފާހަގަކުރައްވައި، ހުސައިން ވިދާޅުވީ، ސަރުކާރުން ރާއްޖޭގައި ވޮލީ ކުރިއެރުވުމަށް މަސައްކަތް ކުރާ ކަމަށެވެ.

އޭގެ އިތުރަށް، މުސްތަގުބަލުގައި ވެސް މި ދާއިރާ ކުރިއެރުވުމަށް އެހީތެރިކަން ދެއްވާނެކަމުގައި ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

މިއަދު އިޢުލާނުކުރި ރާއްޖޭގެ ޤައުމީ ސީނިއަ ވޮލީބޯޅަ ޓީމަކީ، ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން، ކާވާ މެންސް ކަޕް 2025ގައި، ރާއްޖެ ތަމުސިލުކުރާ ޓީމެވެ. ޖުމުލަ ހަ ޤައުމަކުން ބައިވެރިވާ މި މުބާރާތް ކުރިއަށް ދާނީ ބަންގްދަލޭޝްގެ ވެރިރަށް ޑާކާގައި، މި މަހުގެ 22 އިން 28 އަށެވެ. މި މުބާރުގެ ތަމުރީނަށް ޓީމު މިއަދު ތައިލޭންޑަށް ފުރާނެއެވެ.

ސްޕޯޓްސް މިނިސްޓަރު ރާފިއުއާއި ނައިބު ރައީސް ސަލާންކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ޤައުމީ ސީނިއަ ވޮލީބޯޅަ ޓީމު އިޢުލާނުކުރުމަށް ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ޢަބްދުﷲ ރާފިޢުގެ އިތުރަށް މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ވޮލީ ބޯލް އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ

comment ކޮމެންޓް