ކޮރަޕްޝަންގެ ތުހުމަތުގައި, އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަންނަ ހޯމަ ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުކުރުމަށް މިއަދު ޗިޓު ފޮނުވައިފިއެވެ.
އެ ޗިޓުގައިވަނީ، ފައްޔާޒް ހާޒިރުކުރަނީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކަށީގެންނުވާ ބަދަލެއް ދިނުމަށް 2019ގައި އޮލްޓަނޭޓް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީން ނިންމުމުގައި ފައްޔާޒް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމަށް ތުހުމަތުކޮށްފައެވެ.
އޭގެ އިތުރަށް، ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބެންނުޖެހޭ މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައި މަސައްކަތްކުރުމުގެ އިތުރުން ފައްޔާޒްގެ އެ އަމަލުގެ ސަބަބުން ދައުލަތަށް ގެއްލުންވެފައިވާ ކަމަށް އޭސީސީން ތުހުމަތުކޮށްފައިވެއެވެ. ސްވިފްޓް އިންޖިނިއަރިން ކުންފުންޏަކީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.
ފައްޔާޒް އޭސީސީއަށް ހާޒިރުވުމަށް އަންގާފައިވަނީ، އަންނަ ހޯމަ ދުވަހު ހެނދުނު 09:30 އަށް އެ ކޮމިޝަން ހިންގާ މ. ފިނިވަރު، ހަތްވަނަ ފަންގިފިލާއަށެވެ.
މިދިޔަ އެމްޑީޕީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައެއް ނޯންނާނެ ކަމަށެވެ.
އިންސާފުވެރި ތަހުގީގެއް އޭސީސީން ކުރާނެ ކަމަށް މިއަދު ގަބޫލެއްނުކުރާ ކަމަށާއި ފާއިތުވި ދެ އަހަރަކީ މި ސަރުކާރުން ދައުލަތުގެ ފާރަވެރިވުމުގެ ނިޒާމު އެއްކޮށް ފުނޑާލި ދެ އަހަރު ކަމަށް ފައްޔާޒް ތުހުމަތުކުރެއްވިއެވެ.
"ވަޒީފާގެ ޔަގީންކަން ހޯދުމަށް ޒިންމާދާރު މަގާމުތަކުގައި ތިބި މީހުން [ރައީސް] މުއިއްޒު އަންގަވާހާ ގޮތަކަށް ކަންކަން ކުރަމުން އަންނަކަން ދިވެހިންނަށް ވަރަށް ސާފު. ސިޔާސީ ނުފޫޒުގައި ޖެހި ވަކި އަތަކަށް ޖެހިގެން ތަހުގީގު ހިންގާ މީހުންނާ ގާނޫނު އަރާ ހަމަކުރާނެ،" ފައްޔާޒް ވިދާޅުވިއެވެ.
މީގެ އިތުރަށް، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވި ފަހުން ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށާއި މިނިވަން މުއައްސަސާތައް މިނިވަން ކުރަން ޖެހިފައިވުމުގެ މުހިންމުކަން ސާފުވާ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.
ދައުލަތް ބޭނުންކޮށްގެން "ބިރުދައްކަން" މަސައްކަތްކޮށް، ޖަލަށްލީ ނަމަވެސް ޑިމޮކްރެޓިކް ރާއްޖެ ރައްޔިތުންނަށް އަސާސީ ހައްގުތައް ކަށަވަރުކޮށްދޭން ކުރަން ޖެހޭ މަސައްކަތް ކުރުމުގައި ރައްޔިތުން ފަހަތަކަށް ނުޖެއްސޭނެކަން ފައްޔާޒް ފާހަގަކުރެއްވިއެވެ.
ކުރީ ސަރުކާރުން ގެއްލުމުގެ ބަދަލުގައި ބައެއް ފަރާތްތަކަށް ބަދަލުދިން ގޮތުން, ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި، ފައްޔާޒުގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމްގެ މައްސަލަ ބަލައި އަވަސް ތަހުގީގެއް ހިންގުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އޭސީސީއަށް އެންގީ ޑިސެންބަރު 17، 2024 ގައެވެ.
މިދިޔަ ސަރުކާރުން އެކި ކުންފުނިތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.6 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.