ސަރުކާރުގެ ޚަރަދުގައި އަންނަ އަހަރު ހައްޖަށް ގެންދާ 50 މީހުން ހޮވައިފި

ސަރުކާރުގެ ޚަރަދުގައި ހައްޖަށް ގެންދާ މީހުންގެ ގުރުނަގަނީ --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އަންނަ އަހަރު ސަރުކާރުގެ ޚަރަދުގައި ހައްޖަށް ގެންދާނެ 50 މީހުންގެ އިސްލާމިކް މިނިސްޓްރީން މިއަދު ހޮވައިފިއެވެ.

އެ ކަމަށް ޚާއްސަކޮށް މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މީހުން ހޮވާފައިވަނީ، ޒަކާތު ހައުސްގެ ފަގީރުންގެ ދަފުތަރުގައި ހިމެނޭ މީހުންގެ ތެރެއިން އެންމެ ފަހުން މުދަލު ޒަކާތް ލިބުނު 50 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންގެ މެދުގައި ނެގި ގުރުއަތެއްގައެވެ.

އެ ލިސްޓުގައި ހިމެނެނީ 267 މީހުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ގުރުއަތު ނެގުމުގައި މިނިސްޓްރީން ބޭނުންކޮށްފައިވަނީ، އައިޑީ ކާޑު ނަންބަރު ކަމަށްވާއިރު، އެކަން ކޮށްފައިވަނީ އެންމެންނަށް ފެންނަ ގޮތަށް މިނިސްޓްރީގެ މުވައްޒަފުންނެވެ. މި ގުރުއަތުގައި ސަރުކާރުން ހައްޖަށް ގެންދާނެ 50 މީހުންގެ އިތުރަށް ޙާލަތެއް ދިމާވެގެން މީހަކު އުނިވެއްޖެނަމަ، ފުރުޞަތުދޭނެ 25 މީހުން ވަނީ ހޮވާފައެވެ.

އެ މީހުންގެ ލިސްޓު މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރާނެއެވެ.

ފާހަގަކުރެވޭ ގޮތުގައި، ފަގީރުންގެ ދަފުތަރުގައި މިހާރު ހައްޖު ނުކުރެވި ތިބި 376 މީހުން ތިބި ކަމަށާއި ސަރުކާރުން މި ދައުރުގައި އެ އެންމެން ހައްޖަށް ފޮނުވައިދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މި މަހު ތިނެއްގައި ވަނީ ބުނެފައެވެ.

https://sun.mv/212187

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގައި 1،000 މީހުން ހިލޭ ހައްޖަށް ފޮނުވުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅުގެ ދަށުން މިދިޔަ އަހަރު ވެސް 50 މީހަކު ހައްޖަށް ފޮނުވައިފައިވެއެވެ.

ސައުދީ ސަރުކާރުން ހައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް ދޫކުރަނީ 1،000 މީހުންގެ ކޯޓާއެކެވެ. އެ ކޯޓާގެ ދަށުން 850 މީހުންނަށް ކިޔޫ ތަރުތީބުން، ބަލި މީހުންގެ އެހީތެރިންނާއި ކައްކާއިން ހިމެނޭހެން އެހީތެރިންގެ ގޮތުގައި 100 މީހުން، އަދި ފަގީރުންގެ ލިސްޓުގައި ހިމެނިގެން ސަރުކާރުގެ ޚަރަދުގައި ދާ 50 މީހުންނަށް ހައްޖަށް ދެވެއެވެ.

comment ކޮމެންޓް