މިދިޔަ ހަފުތާގައި ސްކޭމްގެ އެކި މައްސަލަތަކުގައި ގެއްލުނު ތިން ލައްކަ ރުފިޔާގެ ތެރެއިން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފިއެވެ.
ފުލުހުން މިއަދު ވަނީ މިދިޔަ ހަފުތާގައި އެ މުއައްސަސާގެ އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅި ސްކޭމްގެ މައްސަތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.
އެގޮތުން، މިދިޔަ މަހު 28އިން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ސްކޭމްގެ 42 މައްސަލަ ވަނީ ހުށަހަޅާފައެވެ. އެ މައްސަލަތަކުގައި ޖުމުލަ ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ގެއްލިގެން ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން 221،242.33 ރުފިޔާ ފުލުހުން ވަނީ ހޯދާފައެވެ.

މިދިޔަ ހަފުތާގައި ފުލުހުންނަށް ހުށަހެޅި ސްކޭމްގެ މައްސަލަތަކުގެ ތަފާސްހިސާބުތައް ---- ފޮޓޯ/ ފުލުހުން
މިދިޔަ ހަފުތާގައި ފުލުހުންނަށް ހުށަހެޅި މައްސަލަތަކަށް ބަލާއިރު، އެންމެ ގިނައިން ހުށަހަޅާފައިވަނީ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަތަކެވެ. އެ ބާވަތުގެ 19 މައްސަލައެއް ހުށަހެޅިއިރު، އިމްޕާސަނޭޝަންގެ ހަތް މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.
ކަރަންސީ އެކްސްޗޭންޖުގެ ހަ މައްސަލައަކާއި އެހެނިހެން ހަތް މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. އަދި، ފިޝިން، ވިޝިން އަދި ޖޮބް ސްކޭމްގެ ތިން މައްސަލައެއް މިދިޔަ ހަފުތާގައި ރިޕޯޓުކުރިއެވެ.
ތަފާސްހިސާބުން އެނގޭ ގޮތުގައި، އެ މައްސަލަތަކުގައި ބޭނުންކޮށްފައިވާ މަންސަތަކުގެ ތެރޭގައި، ފޯންކޯލާއި އައިބޭއާއި އޮންލައިން މެސެޖިން މަންސަތަކާއި ފިޝިން ލިންކުތަކުގެ އިތުރަށް ފޭސްބުކް މާކެޓް ޕްލޭސް ހިމެނެއެވެ.
ޒަމާނަށް އަންނަ ބަދަލުތަކާއެކު، މަކަރާއި ހީލަތް ހެދުމުގައި އެކި އުކުޅުތައް ބޭނުންކުރެއެވެ. އެހެންވެ، ފައިސާ ފޮނުވުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދު ވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު ހިއްސާނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓާ އޮތެންޓިކޭޝަން ހެދުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.