އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންނަށް ޢުމްރާ ކުންފުނި ނުހިންގޭ ގޮތް ހަދަން މަޝްވަރާކުރަނީ

ޙައްޖުވެރިއެއް: މިނިސްޓްރީގެ މުވައްޒަފުންނަށް ޢުމްރާ ގްރޫޕް ނުހިންގޭ ގޮތް ހަދަން މަޝްވަރާކުރަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީގެ މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް ޢުމްރާ ކުންފުނިތައް ނުހިންގޭ ގޮތް ހެދުމަށް މަޝްވަރާކުރަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މިނިސްޓްރީއަކީ ރާއްޖޭގެ ޢުމްރާ ކުންފުނިތައް ރެގިއުލޭޓުކުރާ މިނިސްޓްރީއަށް ވާތީ، އެ މިނިސްޓްރީގެ މަގާމުތަކުގައި ތިބޭ މީހުންނަށް ޢުމްރާ ކުންފުނި ހިންގުމުގައި އަމަލީ ގޮތުން ބައިވެރިނުވެވޭ ގޮތް ހެދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އެކަމަކު، އެ ކަމާ ބެހޭ އިތުރު ތަފުސީލެއް މިނިސްޓަރު ނުދެއްވައެވެ.

މިނިސްޓަރު އެހެން ވިދާޅުވިއިރު، ޢުމްރާއަށް ގެންދާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ނެގުމުގެ މައްސަލަތައް ވެސް ދޭތެރެއަކުން ފެންމަތިވިއެވެ. އެގޮތުން، އުމްރާއަށް ގެންދާނެ ކަމަށް ބުނެ، މަޝްއަރު ޓުއާސްއިން ބަޔަކަށް ފޮނުވި ޗެކްތަކެއް ބައުންސް ވެފައިވާ މައްސަލައެއް މިދިޔަ އަހަރު ފެންމަތިވިއެވެ.

އެ ޗެކްތައް ބައުންސްވެގެން މަޝްއަރު ޓުއާސްގެ ފަރާތުން މިދިޔަ ރޯދަމަހު ޢުމްރާއަށް ގެންދިޔަ 48 ޢުމްރާވެރިން ސައުދީގައި ތާށިވިއެވެ. އެ މީހުން ރާއްޖެ ގެނައި އެ އެޖެންސީގެ ޚަރަދުގައެވެ.

https://sun.mv/211450

އެ މައްސަލައިގައި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ ސާބިތުވެ، މަޝްއަރު ޓުއާސްގެ ވެރިޔާ އަލީ ފާރިސް ވަނީ ތިން އަހަރަށް ޖަލަށް ލާފައެވެ.

comment ކޮމެންޓް