މިދިޔަ މަހު ދިހަވަނަ ދުވަހު ކުޅުދުއްފުށީ ސިޓީގައި ހުޅުވި މަށިކުޅި ޕްލެޓުފޯމްގެ ލައިޓުތަކަށް ގެއްލުންދީގެން ހެދިތާ އެއް ދުވަސް ނުވަނީސް އަނެއްކާ ވެސް އެ ލައިޓުތަކަށް ގެއްލުންދީފިއެވެ.
ކުޅުދުއްފުށީގެ މޭޔަރު މުޙައްމަދު އާތިފް ރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ މަށިކުޅި ޕްލެޓުފޯމުގެ ލައިޓުތަކަށް ބަޔަކު ގެއްލުންދީފައިވާ ކަމަށެވެ.
އެހެންވެ، އިއްޔެ އެ ލައިޓުތައް ހެދި ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު، ރޭގެ ވަގުތެއްގައި އަނެއްކާ ވެސް އެ ލައިޓުތަކަށް ބަޔަކު ގެއްލުންދީފައިވާ ކަމަށް އޭނާ ލިޔުއްވާފައިވެއެވެ.
ބޮޑު ޚަރަދެއްކޮށްގެން ހަދާފައިވާ ތަނަކަށްވާއިރު، މިފަދަ އަމަލުތަކުގެ ސަބަބުން ރަށުގެ ތަރައްގީއަށް ހުރަސް އެޅޭނެ ކަމަށާއި ރައްޔިތުންގެ މާލިއްޔަތަށް ގެއްލުންވާނެ ކަމަށް އާތިފް ވިދާޅުވިއެވެ. އަދި، ބައިނަލްއަގުވާމީ ފަރާތްތަކުގެ އަތުން އިތުރަށް ފަންޑު ހޯދުމުގައި ދަތިތައް ކުރިމަތިވުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވައި، އާތިފް ވަނީ އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަަށް އިލްތިމާސްކުރައްވާފައެވެ.
އެފަދަ އަމަލެއް ހިންގަނިކޮށް ފެނިއްޖެ ނަމަ ކަމާ ބެހޭ އިދާރާތަކަށް ރިޕޯޓުކޮށްދިނުމަށް އޭނާ އެދިވަޑައިގެންފައިވެއެވެ.
ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހެދި މަށި ކުޅި ޕްލެޓުފޯމަށް އަރައިގެން އަންނައިރު މަރުހަބާ ކިޔަނީ ވަށައިގެން ހުރި ބޮޑެތި ފެހި ގަސްތަކުންނެވެ. އެ ގަސްތަކުގެ ހިޔަނި އެޅި ފެންގަނޑުގެ ކުލަ އޮންނަނީ ވަޅު ފެހިކުލައެއްގައެވެ. އެ ރީތި މާހައުލު ފަޅުފިލުވައިދެނީ ކުޅީގައި އުޅޭ ބޭންގުތަކާއި އެހެން ދިރުންތަކެވެ.
މި ފަދަ ޕްލެޓްފޯމްތައް ފުވައްމުލައް ސިޓީ ފަދަ އެހެން ރަށްރަށުގައި ވެސް ހަދާފައި ހުރެއެވެ. އަދި، އެ ތަންތަނަށް ގިނަ ބައެއްގެ ސަމާލުކަން ލިބެއެވެ.