ފުލުހަކު ދުއްވި ކާރު އެކްސިޑެންޓުވުމުން، އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންގޮސްދީފައި ގެއަށްދިޔަ ނަމަވެސް އެކްސިޑެންޓު ހިނގިކަން ފުލުހުންނަށް ރިޕޯޓުނުކުރުމުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގީ މިދިޔަ މަހު 12 ވަނަ ދުވަހުގެ ރޭ 1:00 އެހާކަންހާއިރު ކަމަށެވެ.
އެ ގޮތުން، މި މައްސަލައިގައި ހައްޔަރުކުރި 33 އަހަރުގެ ދިވެހި ފިރިހެން މީހާ ދުއްވި ކާރުން އެރޭ ހުޅުމާލޭ ފިތުރޯނު މަހު ވެމްކޯ ކައިރިން އައި ސައިކަލެއްގައި ޖެހި އެކްސިޑެންޓުުވީ ކަމަށް ފުލުހުން ބުންޏެވެ. އެކްސިޑެންޓު ހިނގުމުން އަނިޔާވި މީހާ ކާރުގައި ހޮސްޕިޓަލަށް ގެންގޮސްދިން ކަމަށް ފުލުހުން ބުންޏެވެ.
އެކަމަކު، އެ މީހާ އެކްސިޑެންޓުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުނުކުރުމުން މަޑުނުކޮށްދިޔަކަމުގެ ތުހުމަތުގައި ވަނީ ހައްޔަރުކޮށްފައެވެ. ކޯޓުގައި އިންވެސްޓިގޭޝަން އޮފިސަރު ވަނީ ފުލުހުންނަށް ރިޕޯޓުނުކޮށް، ފިލީ ކަމަށް ބުނެފައެވެ.
އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރުތުތަކެއް ކުރުމަށް ފަހު ދޫކޮށްލާފައެވެ. އެ އަމުރުން އެނގޭ ގޮތުގައި އެ މީހާއަކީ ފުލުހުންގެ ވަޒީފާ އަދާކުރާ މީހެކެވެ.
ކޯޓުން އޭނާ ދޫކޮށްލީ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެއެވެ.