ބައިސްކޯފުގެ ދާރުލްއާސާރު ފެނި ޗައިނާގެ ސަފީރު 'އަޖައިބު'ވެއްޖެ، ތައުރީފު އޮއްސާލައްވައިފި

ޗައިނާގެ ސަފީރު ކޮންގް ޝިއަންހުއާ: ސަފީރު ވަނީ ބައިސްކޯފު ދާރުލްއާސާރު ބައްލަވާލައްވައި ތައުރީފްކުރައްވައިފަ --- ފޮޓޯ: ކޮންގް ޝިއަންހުއާ: އެކްސް

ޗައިނާގެ ސަފީރު ކޮންގް ޝިއަންހުއާ، "ބައިސްކޯފު"ގެ ދާރުލްއާސާރު ބައްލަވާލައްވައި، ބައިސްކޯފަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައިފިއެވެ.

ރާއްޖޭގެ ރީތިކަން ސޯޝަލް މީޑިއާގައި އަބަދުވެސް ހިއްސާކުރައްވާ ޗައިނާގެ ސަފީރު 'އެކްސް'އަށް ދޫކުރެއްވި ޕޯސްޓެއްގައި ލިޔުއްވިގޮތުގައި، ބައިސްކޯފުގެ ދާރުލްއާސާރުގައި ކުރެވުނީ ވަރަށް ޝައުގުވެރި ތަޖުރިބާއެކެވެ.

ދިވެހި ސަގާފަތް ކުރިއަރުވަން ކުރާ މިފަދަ މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ވެސް ކުރިއަރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކިއެކި ހަނދާންތަކާއި ތާރީޚާއި ސަގާފަތާއި އާދަކާދަ ރައްކާތެރިކުރުމަކީ އަހަރެމެންގެ ހަމައެކަނި ޒިންމާއެއްނޫން، މި މަސައްކަތުގެ ސަބަބުން ޚާއްސަކޮށް ފަތުރުވެރިކަން ކުރިއަރައިދާނެ،" ފޮޓޯތަކަކާ އެކީ ސަފީރު ހިއްސާކުރެއްވި ޕޯސްޓުގައިވެއެވެ.

https://sun.mv/207757

ޗައިނާ ސަފީރުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްވެސް ވަނީ ބައިސްކޯފު ދާރުލްއާސާރު ބައްލަވާލެއްވުމަށް މިދިޔަ ޖޫން މަހުގެ ކުރީކޮޅު ޒިޔާރަތްކުރައްވައިފައެވެ.

މައުމޫން އިންސްޓަގްރާމްގައި ކުރެއްވި ޕޯސްޓެއްގައިވަނީ، ދިވެހި ސަގާފީ ތަރިކަ ހިމާޔަތްކުރުމަށް މަސައްކަތްކުރުމަށް ބައިސްކޯފުން ކުރަމުން އަންނަ މަސައްކަތަށް ތައުރީފުކުރައްވައިފައެވެ.

ބައިސްކޯފް ދާރުލްއާސާރުގެ ފަރާތުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، އަމާޒަކީ ސްކޫލް ކުދިންނަށާއި ފަތުރުވެރިންނަށާއި އެ ދާރުލްއާސާރު ބަލައިލަން ބޭނުންވާ އެންމެންނަށް އެ ފުރުސަތު ފަހިކޮށްދިނުމެވެ.

މިތަން އާންމުންނަށް ވަދެވޭހެން ހުޅުވައިލާއިރު، ދާރުލްއާސާރުގައި ހުންނަ ކޮންމެ އެއްޗެއްގައި ބާ ކޯޑެއް ހަރުކުރުމުގެ ވިސްނުން އެ މީހުން ގެންގުޅެއެވެ. މި ބާކޯޑު ސްކޭން ކޮށްލުމުން އެ އެއްޗަކާ ބެހޭ މައުލޫމާތު ބަލައިލެވޭނެއެވެ.

comment ކޮމެންޓް