ފުލުހުންގެ ކޮމިޝަނަރު ރައްޔިތުންގެ ވޯޓަކުން ހޮވޭ، އަދި ވަކިކުރެވޭ ގޮތަށް ހަދަންޖެހޭ ކަމަށް، ޤާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ލިޔުއްވުމާ ގުޅިގެން، އެއީ އެންމެ ރަނގަޅު އުސޫލު ނޫން ކަމަށް، ފުލުހުންގެ ކުރީގެ އިސްބޭފުޅުން ވިދާޅުވެއްޖެއެވެ.
އަލީ އިއްޔެ 'އެކްސް'ގައި ލިޔުއްވިގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ބާރާއި ނުފޫޒުގެ ދަށުގައި ފުލުހުންގެ ކޮމިޝަނަރަކު ހުރެގެން ނޫނީ ދުވަހަކުވެސް ފުލުހުންގެ މަސައްކަތް ރައްޔިތުންނަށްޓަކައެއް ނުކުރެވޭނެއެވެ.
އަލީގެ ޕޯސްޓު ކޯޓްނުކުރެއްވި ނަމަވެސް، ކުރިން ފުލުހުންގެ އެސިސްޓަންޓް ކޮމިޝަނަރުގެ މަގާމު ފުރުއްވުމަށް ފަހު، މިހާރު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމު ފުރުއްވަމުން ގެންދަވާ ޑރ. އަބްދުالله ފައިރޫޝް ލިޔުއްވިގޮތުގައި، ފުލުހުންގެ ކޮމިޝަނަރަކު ކަމަށް ފުލުހަކު އިންތިޚާބުކޮށްފިނަމަ ނަތީޖާއަކަށް ވާނީ ސިޔާސީ ތަނަކަށް ފުލުހުންގެ ޚިދުމަތް ބަދަލުވުމެވެ.
އޭނާ ލިޔުއްވިގޮތުގައި، ފުލުހުންގެ ކޮމިޝަނަރުގެ މަގާމެއްގައި ހުންނަވާ ބޭފުޅަކީ ހިންގުމުގެ މިނިވަންކަމާއި ހަމަހަމަކަމާއި ޕްރޮފެޝަނަލް ބޭފުޅަކަށް ވާންޖެހެއެވެ.
"ސަލާމަތީ ބާރުތަކުގެ އިސްބޭފުޅުން ޚިދުމަތްކުރަންވާނީ ގާނޫނާއި ގަވައިދުގައިވާ ގޮތަށް،" އޭނާ ލިޔުއްވާފައިވެއެވެ.
ފައިރޫޝްގެ ޕޯސްޓަށް ރައްދުދެއްވައި އަލީ ވަނީ، ރައީސުލްޖުމްހޫރިއްޔާއަށް ފުލުހުންގެ ކޮމިޝަނަރު މަޤާމުން ވަކިކުރެވެންޏާ ހިންގުމުގެ މިނިވަންކަމާއި ހަމަހަމަކަމާއި ޕްރޮފެޝަނަލްކަމާ އެކީ އެ މަސައްކަތްކުރެވޭނީ ކިހިނަކުންތޯ ސުވާލު އުފައްދަވައިފައެވެ.

ޤާނޫނީ ވަކީލު އަލީ ހުސައިން -- ސަން ފޮޓޯ/ ނާއިޝް ނާހިދު
އަލީގެ ޕޯސްޓާ ގުޅިގެން އިތުރު ތަފްސީލު ހޯދުމަށް 'ސަން'އިން މަސައްކަތްކުރި ނަމަވެސް، އަލީގެ ޖަވާބެއް ލިބޭގޮތް ވަނީ ނުވެފައެވެ.
ފުލުހުންގެ ކޮމިޝަނަރަކު އިންތިޚާބުކުރެވޭ ގޮތް ހަދަންޖެހޭ ކަމަށް އަލީ ކުރެއްވި ޕޯސްޓާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން ކުރީގެ ކޮމިޝަނަރު އަބްދުالله ރިޔާޒު ވިދާޅުވީ، ރައްޔިތުންގެ ފަރާތުން ފުލުހުންގެ ކޮމިޝަރަކު އިންތިޚާބުކުރުމުގެ މޮޑެލް ތައާރަފްކުރީ ޔޫކޭގައި ކަމަށާއި، އެ މޮޑެލް ޔޫކޭގައި އެހާ ކާމިޔާބުނޫން ކަމަށް ދިރާސާތަކުން ދައްކާ ކަމަށެވެ.
"ފުލުހުންގެ ތެރޭގައި ހަމަ ޕްރޮފެޝަނަލް މީހުންގެ ތެރެއިން އިންޓަވިއުކުރެވިގެން އެކަމަށް ޤާބިލް މީހަކީ ކާކުތޯ ބަލައިފައި އެ މީހަކަށް އެ ފުރުސަތު ދޭންޖެހޭނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ،"
ފުލުހުންގެ ކޮމިޝަނަރަކީ ކޮންމެހެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަން ޖެހޭ މީހަކަށް ވާން ނުޖެހޭ ކަމަށާއި، ނަމަވެސް ފުލުހުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ ނަމެއް ޤާނޫނު ހަދާ މަޖިލީހުން ހޮވާ ގޮތަށް ހެދިދާނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގެ ޑިރެކްޓަރު އެ ގައުމުގައި އައްޔަންކުރަނީ އެ މޮޑެލަށެވެ.

ފުލުހުންގެ ކުރީގެ ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ރިޔާޒު ---
އެ މޮޑެލަށް އަމަލުކުރަންޏާ ޤާނޫނު ހަދާ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވަން ވާނީ ފުލުހުންގެ އިސް މަޤާމެއް އަދާކުރައްވާ ފުލުހެއް ކަމަށް ރިޔާޒް ވިދާޅުވިއެވެ.
ރައްޔިތުންގެ ފަރާތުން ފުލުހުންގެ ކޮމިޝަނަރަކު އިންތިޚާބުކޮށްފިނަމަ ނަތީޖާއަކަށް ވާނީ ފުލުހުންގެ ޚިދުމަތް ސިޔާސީވުން ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.
"ރައްޔިތުންގެ ވޯޓުން މަޖިލިސް ނަގަނީ، ރައްޔިތުންގެ ވޯޓުން ރައީސުލްޖުމްހޫރިއްޔާ ވެސް މި ހޮވަނީ، އެހެންވީމާ މަގާމުތަކަށް ނަގާ ބޭފުޅުންނަށް ބާރުތަކެއް ވެސް އޮންނަންވާނެ، ޗެކް އެންޑް ބެލެންސްވެސް އޮންނަންވާނެ،" އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި އޮންނަނީ ރިޔާސީ ނިޒާމެއްކަމަށް ވުމުން ރާއްޖޭގައި ފުލުހުންގެ ކޮމިޝަނަރަކު އައްޔަންކުރަން އެންމެ ރަނގަޅުގޮތަކީ ރިޔާޒް ގަބޫލުކުރައްވާ ގޮތުގައި އިސް މަޤާމުތަކުގައި ތިއްބެވި ފުލުހުންގެ ތެރެއިން ކޮމިޝަނަރުކަމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ހުށަހަޅުއްވައިގެން މަޖިލީހުން ނަންތައް ފާސްކުރުމެވެ.
އެ މަޤާމަށް އެއްވެސް ޤާބިލުކަމެއް ނެތް މީހަކު އައްޔަންކުރުމަކީ އެންމެ ރަނގަޅު ގޮތެއްނޫން ކަން އޭނާ ފާހަގަކުރެއްވިއެވެ.