ކޮމިޓީން އެންމެ މަތީ މާކްސް ލިބުނު މަހާޒަށް، ތަޅުމުން ބުނީ ނޫނެކޭ

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް: އޭނާ ޓެކްސް ޓްރައިބިއުނަލަށް އައްޔަން ކުރުމަށް ރައީސް ނަން ފޮނުއްވި -- ފޮޓޯ/ ރައީސް އޮފީސް

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލައްވާފައިވާ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރަށް ކޮމިޓީ މަރުހަލާގައި އެންމެ މަތީ މާކްސް ލިބުނު ނަމަވެސް، އޭނާއަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ.

ޓްރައިބުނަލްގެ ދެ މަގާމެއް ހުސްވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ޓްރައިބިއުނަލަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް ވަނީ ހަތް ނަމެއް މަޖިލީހަށް ފޮނުއްވައިފައެވެ. އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ މަހާޒުގެ ނަމެވެ.

އެ ނަންތައް ޖުޑިޝަރީ ކޮމިޓީން އިއްޔެ ވަނީ ދިރާސާކޮށްފައެވެ. އެ ހަތް ބޭފުޅުންގެ ތެރެއިން، ކޮމިޓީން ފާސްވާ މާކްސް ކަމަށްވާ 75 އިންސައްތައަށް ވުރެ މަތިން މާކްސް ލިބުނީ ފަސް ބޭފުޅުންނަށެވެ. އެ ބޭފުޅުންގެ ތެރެއިން 97 އިންސައްތަ މާކްސް ލިބިވަޑައިގެން، ލިސްޓުގެ އެންމެ ކުރީގައި އުޅުއްވީ ވެސް މަހާޒެވެ.

https://sun.mv/212365

އެހެންވެ، އޭނާ ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަންކުރަން ރުހުން ހޯދަން މަޖިލީހުގެ ތަޅުމުގައި މިއަދު ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވެވަޑައިގެން 46 މެންބަރުންގެ ތެރެއިން 41 މެންބަރަކު ވަނީ މަހާޒު އައްޔަންކުރަން ނުފެންނަ ކަމަށް ވޯޓުދެއްވާފައެވެ. އޭނާ އައްޔަންކުރަން ފެންނަ ކަމަށް ވޯޓުދެއްވީ އެންމެ ހަތަރު މެންބަރުންނެވެ. އެއީ، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލާއި، ޕީއެންސީއަށް ނިސްބަތްވާ މަޑަވެލީ ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒާއި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރެވެ.

ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވަނީ ވަކި ގޮތަކަށް ވޯޓުދެއްވަން ބޭނުންނުވާ ކަމަށް ވޯޓުދެއްވާފައެވެ. އެހެންވެ، ޓެކްސް އެޕީލް ޓްރައިބިނުލަށް އައްޔަންކުރަން މަހާޒްގެ ނަން ފާސްނުވިކަން ރިޔާސަތުން ވަނީ އިއުލާނުކޮށްފައެވެ.

ތަޅުމުން ފާސްވީ ދެވަނައަށް އެންމެ މަތީ މާކްސް ކޮމިޓީން ލިބުނު އިބްރާހިމް އަފީފްގެ ނަމެވެ. އޭނާއަށް ކޮމިޓީން ވަނީ 91 މާކްސް ދީފައެވެ. އޭނާ ޓްރައިބިއުނަލަށް އައްޔަންކުރަން ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 53 މެންބަރުންގެ އިއްތިފާގުން ވަނީ އޭނާއަށް ރުހުން ދީފައެވެ.

https://sun.mv/212300

ޓެކްސް ޓްރައިބިއުނަލްއަށް މަހާޒް އައްޔަނުކުރަން ކޮމިޓީން ފާސްކުރި ނަމަވެސް ތަޅުމުން ފާސްނުވިއިރު، އެ ޓްރައިބިއުނަލަށް ކުރިމަތިލެއްވީ ކުރިން ނިންމަވާފައި ހުރި ނިންމެވުންތައް ހިނގަމުން އަންނަ ގޮތް ބައްލަވަން ޝައުގުވެރިކަން ހުރުމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މަހާޒް ވަކިކުރީ ސުލޫކީ މައްސަލައެއް ބެލުމަށް ފަހުގައެވެ. އޭރު މަހާޒް ވަނީ ޕީއެންސީގެ މި ސަރުކާރާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމަށް ވެސް ތުހުމަތުކުރައްވާފައެވެ.

އެހެންވެ، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ރައީސް ފޮނުއްވި ނަންފުޅުތަކުގެ ކުރީގައި މަހާޒް އޮތުމުން ހައިރާންކަން ލިބުނެވެ.

comment ކޮމެންޓް