މުރަނގަ އާލާކުރަން މިނިސްޓްރީން ކޮންސަލްޓެންޓަކު ހޯދަނީ

މިނިސްޓަރު މާރިޔާ: މުރަނގަ އާލާކުރަން ކޮންސަލްޓެންޓަކު އަންނަނީ ހޯދަމުން -- ފޮޓޯ/ ރައީސް އޮފީސް

މުރަނގަ އާލާކުރަން ކޮންސަލްޓެންޓަކު ހޯދަން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން މިއަދު އަލުން އިއުލާނުކޮށްފިއެވެ.

ކުރިން ވެސް އެ ޕްރޮގްރާމަށް ކޮންސަލްޓެންޓެއް ހޯދަން އިއުލާނުކުރިއެވެ. އެކަމަކު، އެއްވެސް ފަރާތަކުން އެ ފަހަރު ބިޑު ހުށަހަޅާފައެއް ނުވެއެވެ.

އެހެންވެ، މިނިސްޓްރީން އިއްޔެ ވަނީ މުރަނގަ އާލާކުރުމުގެ ޕްރޮގްރާމަށް ކޮންސަލްޓެންޓެއް ހޯދަން އަނެއްކާ ވެސް އިއުލާނުކޮށްފައެވެ. އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހު 16ވާ ބުރާސްފަތި ދުވަހުގެ 11:30ގެ ނިޔަލަށް އަންދާސީ ހިސާބު ހުށަހަޅަން ވަނީ ފުރުސަތު ހުޅުވާލާފައެވެ.

މިނިސްޓްރީން ބުނީ، މުރަނގައަކީ ރާއްޖެއާއި އެހެން އޭޝިއާ ގައުމުތަކުގައި ހެދޭ ނުހަނު ފައިދާހުރި ބާވަތެއް ކަމަށެވެ.

މި މަޝްރޫއު ކުރިއަށް ގެންދަނީ މުރަނގައިން ލިބޭ ފައިދާތަކަށް މީހުން ހޭލުންތެރިކުރުވައި، އެ ހައްދައި އާލާކޮށް، އަދި ދެމެހެއްޓެނިވި ގޮތެއްގައި އާލާކުރަން ހިތްވަރު ދިނުމުގެ ގޮތުން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އެ މަޝްރޫއަށް ކޮންސަލްޓެންޓެއް ހޯދަނީ 30 ދުވަހުގެ މުއްދަތަކަށެވެ.

މި މަޝްރޫއުގެ ދަށުން ކޮންސަލްޓެންޓު ކުރަންޖެހޭ މަސައްކަތުގެ ތެރޭގައި މަޝްރޫއާ ގުޅޭ ދިރާސާ ހެދުމާއި މަޝްރޫއަށް ބޭނުންވާނެ އެންމެހައި ސާމާނާއި ޚަރަދުގެ ލިސްޓެއް ތައްޔާރުކުރުން ވެސް ހިމެނެއެވެ.

މީގެ އިތުރުން، މި މަޝްރޫއަށް ބޭނުންވާ މާސްޓާ ޕްލޭން ތައްޔާރުކުރުމަކީ ވެސް ކޮންސަލްޓެންޓުގެ ޒިންމާއެކެވެ.

ކޮންސަލްޓެންޓުގެ ޝަރުތުތަކުގެ ތެރޭގައި ދަނޑުވެރިކަން، ފުޑް ސައިންސް، ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން މާސްޓާސް ޑިގުރީ ހާސިލުކޮށްފައިވުން ހިމެނެއެވެ. އަދި، އެ މީހާއަކީ މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހޭނެ ކަމަށް ވެސް އިއުލާނުގައިވެއެވެ.

މުރަނގަ އިންދުމުގެ ޕްރޮގްރާމާ ގުޅޭ ގޮތުން މިނިސްޓްރީން ބުނީ އެއީ ސިއްހީ ގިނަ ފައިދާތަކެއް ލިބޭ ގަހަކަށް ވިޔަސް ރާއްޖޭގައި މުރަނގަ އެންމެ އެކަށީގެންވާ ގޮތަށް ބޭނުންނުކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، "ކޮކޮނަޓް ރިހެބިލިޓޭޝަން"ގެ ނަމުގައި ކުރިއަށް ގެންދާ ރުއް އާލާކުރުމުގެ ޕްރޮގްރާމަކަށް ކޮންސަލްޓެންޓުން ހޯދަން ވެސް ވަނީ އިއުލާނުކޮށްފައެވެ. މިނިސްޓްރީން ބުނީ، މިއީ ރާއްޖޭގައި ޒަމާނުއްސުރެ ހެދެމުން އަންނަ ރުއްތައް އުމުރުން ދުވަސްވުމާއި ތަފާތު އެހެނިހެން ސަބަބުތަކާ ހުރެ މަތިވަރު ދަށްވާތީ ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

comment ކޮމެންޓް