މޮސްކޯ (08 އޮކްޓޯބަރު 2025) : އީރާނުގެ ވައިގެ ސިފައިން ވަރުގަދަ ކުރުމަށާއި ދިފާއީ ބާރުތައް ވަރުގަދަ ކުރުމަށް އެގައުމުން ފަށާފައިވާ ބިޔަ މަޝްރޫއުގެ ދަށުން ރަޝިއާގެ އެސް.ޔޫ-35 މަރުކާގެ ފައިޓާޖެޓާއި އެސް- 400 މަރުކާގެ ދިފާއީ ނިޒާމުތައް ހޯދަމުން ގެންދާކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މި ޝިޕްމެންޓާބެހޭގޮތުން ރަޝިއާއާއި އީރާނުގެ ސަރުކާރުތަކުން ރަސްމީ ސިފައެއްގައި އެއްޗެއް ނުބުނިނަމަވެސް ރަޝިއާގެ ލީކުވެފައިވާ ދިފާއީ ޑޮކިއުމެންޓްތަކަކާ ހަވާލާދީ އާރު.ޓީ ބުނާގޮތުން ރަޝިއާގައި އުފައްދާ އެސް.ޔޫ-35 މަރުކާގެ 48 ފައިޓާޖެޓް ވަނީ އީރާނުގައި އެޖެޓްތައް އެސެމްބްލް ކުރާގޮތަށް އީރާނަށް ގެންދިޔުމުގެ މަގުމަތީގައެވެ.
އަދި ރަޝިއާގައި އުފައްދާ މި ޖެޓްތަކުގެ ބައިތައް އީރާނުގައި އެސެމްބްލް ކުރުމަށް ބޭނުންވާ ކާރުޚާނާ ރަޝިއާގެ ކަމާބެހޭ ކުންފުނިތަކުން އީރާނުގައި މިހާރުދަނީ ބިނާކުރަމުންނެވެ. އަދި ޖެޓްތައް އެސެމްބްލް ކުރުމަށް ބޭނުންވާ އީރާނުގެ އިންޖިނޭރުންގެ އެއްބެޗް ރަޝިއާގައި މިހާރު ތަމްރީނު ފުރިހަމަކޮށްފައިވާއިރު އަނެއް ބެޗް ގެ އިންޖިނޭރުން މިހާރު ގެންދަނީ ރަޝިއާގައި ތަމްރީނު ފުރިހަމަ ކުރަމުންނެވެ.
ރަޝިއާގެ އަސްކަރީ ޓްރާންސްޕޯޓް މަތިންދާ ބޯޓުތަކެއް މިފަހަކަށް އައިސް އީރާނަށް ދަތުރުތަކެއްކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ރަޝިއާގެ ހައިޓެކް ސިނާއަތާބެހޭ ކުންފުނި "ރޮސްޓެކް ކޯޕަރޭޝަން" އާ ހަވާލާދީ އާރުޓީ ބުނިގޮތުގައި ރަޝިއާއާއި އީރާން ސޮއިކޮށްފައިވާ "އެސް.ޔޫ-35" މަރުކާގެ ފައިޓާޖެޓް އީރާނަށް ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައިވަނީ "އެސް.ޔޫ-35" ގެ ހުރިހާ ބައިތަކެއް ސީދާ އީރާނުގައި އެސެމްބްލް ކުރެވޭގޮތަށެވެ. މިކަމާ ކަމާބެހޭ ފަންނީ ފެސިލިޓީތައް އީރާނުގައި ގާއިމް ކޮށްދިނުމުގެ މައްޗަށެވެ. މިއީ 15 ވަރަކަށް ބިލިޔަން ޑޮލަރުގެ އެއްބަސްވުމެކެވެ.
މި ފެސިލީޓީތައް އީރާނުގައި ގާއިމްކޮށް ނިމުމުން އެފެސިލިޓީތައް ބޭނުންކޮށްގެން އީރާން އަމިއްލައަށް "އެސް.ޔޫ-35" ގެ ފައިޓާޖެޓް އެސެމްބްލްކުރެވޭނެއެވެ. މިހުރިހާ ކަމެއް ހިނގާނީ 2025 ވަނަ އަހަރާއި 2028 ވަނަ އަހާ ދެމެދުގައެވެ.

އީރާން ތަޖުރިބާ ކުރިކަމަށް ބުނެވޭ 5 ހާސް ކިލޯމީޓަރުގެ އިންޓަކޮންޓިނެންޓަލް ބަލިސްޓިކް މިސައިލް
ނަމަވެސް އީރާނުގެ އޮންލައިން ނޫހެއްކަމަށްވާ އިރަމް ބުނާގޮތުން ރަޝިއާއާއި އީރާނާ ދެމެދު މިއަހަރު ސޮއިކުރި ކޮމްޕްރެހެންސިވް ޕާޓްނާޝިޕް އެއްބަސްވުމުގެ ދަށުން ރަޝިއާ އީރާނަށް ވިއްކާ އެސް.ޔޫ-35 މަރުކާގެ 48 ފައިޓާޖެޓް ގެ ތެރެއިން އެއްބައި ޖެޓް އީރާނަށް ފޯރުކޮށްދެނީ ރަޝިއާގައި އެތަކެތި އެސެމްބްލްކޮށް ނިންމާފައެވެ. އަނެއްބައި ޖެޓްތައް އީރާނުގައި އެސެމްބްލްކޮށް ރާވާގޮތަށެވެ.
އެސް.ޔޫ-35 ގެ ޖެޓްތައް އީރާނުގައި ރާވައި އެސެމްބްލް ކުރުމުގެ އިތުރުން މިމަރުކާގެ ޖެޓްތަކުގެ ބައެއްބައިތައް އީރާނާއި ރަޝިއާ ގުޅިގެން އީރާނުގައި އުފެއްދުމަށްވެސް ވަނި ހަމަޖެހިފައެވެ. މިއާއެކު ރަޝިއާގެ އެންމެ ޒަމާނީ ފައިޓާޖެޓް އުފެއްދުމުގެ ޓެކްނޮލޮޖީވެސް މުސްތަގްބަލްގައި އީރާނަށް ލިބިގެންދާނެކަން އީރާނުގެ ޕާލަމެންޓްގެ ބައެއް މެންބަރުންވަނީ ހާމަކުރައްވާފައެވެ.
ރަޝިއާގެ އެސް.ޔޫ-35 މަރުކާގެ ފައިޓާޖެޓްގެ އިތުރުން ޗައިނާގައި އުފައްދާ ޒަމާނީ ފައިޓާޖެޓެއް ކަމަށްވާ ޖޭ10-ސީ މާރުކާގެ ފައިޓާޖެޓް އާއި އެއާ ގުޅިފައިވާ އޮޕަރޭޝަން ސިސްޓަމްތައް ހިމެނޭ ފުލް ޝޕްމަންޓެއް އީރާނުން ގަންނަން އުޅޭކަމުގެ ނުރަސްމީ ޚަބަރުތަކެއްވެސް ދާދިފަހުންވަނީ ފެންމަތިވެފައެވެ.
މިއީ މިއަހަރު ކުރީކޮޅު އިންޑިއާގެ ވައިގެ ބާރުތަކާ ކުރިމަތިލުމަށް ޕާކިސްތާންވެސް ބޭނުންކުރި ފައިޓާޖެޓްގެ ކޮންޕްލީޓް ނިޒާމެވެ. މީގައި ހިމެނެނީ ޖޭ10-ސީ މާރުކާގެ ފައިޓާޖެޓް ގެ އިތުރުން ވައިގެތެރޭގައި އުދުހޭ ޖާސޫސީ މަތިންދާ ބޯޓާއި ބިންމަތީގައި މަސައްކަތްކުރާ ދިފާއީ ނިޒާމެކެވެ. މިކޮންޕްލީޓް ނިޒާމު ބޭނުންކޮށްގެން ޕާކިސްތާން ވަނީ ވައިގެ ހަނގުރާމައިގާ އިންޑިއާ 5 ފައިޓާޖެޓް ވައްޓާލައި އިންޑިއާ ވައިގެ މަގުން ބަލިކޮށްފައެވެ.
ޗައިނާގެ މި ނިޒާމުގައި ހިމެނޭ ވައިގެ ދިފާއީ ނިޒާމު ކަމަށްވާ އެޗް. ކިޔު-9 މަރުކާގެ ދިފާއީ ބެޓްރީތައް އީރާނަށް މިހާރު ލިބިފައިވާކަމަށާ ނަމަވެސް މަސައްކަތް ކުރެވޭ ހާލަތަށް އަދި އެނިޒާމު ގެނެވިފައިވާ ނުވާކަމަށް އީރާނުގެ ނޫހެއްކަމަށްވާ އިރަމް އޮންލައިން ބުނެއެވެ.
މީގެއިތުރުން އީރާން ގެންދަނީ އެގައުމުގެ ބަލިސްޓިކް މިސައިލް ޓެކްނޮލޮޖީވެސް އިތުރަށް ތަރައްގީ ކުރަމުންނެވެ. އީރާނުން 5 ހާސް ކިލޯމީޓަރުގެ ދުރުރާސްތާގެ އިންޓަކޮންޓިނެންޓަލް ބަލިސްޓިކް މިސައިލެއްވެސް ދާދިފަހުން ތަޖުރިބާ ކުރިކަމުގެ އަޑުތަކެއްވަނީ އަރާފައެވެ. އީރާނުގެ ޕާލަމެންޓްގެ ބައެއް މެންބަރުން މިކަން ކަށަވަރުކޮށްދެއެވެ.
ނަމަވެސް އީރާނުގެ ދިފާއީ ވުޒާރާއިން މިޚަބަރު ތެދުކުރުމަށްވެސް އަދި ދޮގުކުރުމަށްވެސްވަނީ ފަސްޖެހިފައެވެ. އިސްރާއީލުގެ ބއެއް ނޫސްތަކުންވެސްވަނީ އީރާނުން 5 ހާސް ކިލޯމީޓަރުގެ ދުރުރާސްތާގެ އިންޓަކޮންޓިނެންޓަލް ބަލިސްޓިކް މިސައިލެއް ތަޖުރިބާ ކުރިކަމަށް ބުނެފައެވެ.