ސިފައިންނާއި ފުލުހުންގެ އިތުރުން ކަސްޓަމްސްގެ ވެރިންގެ މާލީ ބަޔާން ވެސް ހާމަކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރްޒޫގް މިއަދު ވިދާޅުވެއްޖެއެވެ.
މިނިވަން މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ އިސްލާހެއް ހުށަހަޅުއްވާފައެވެ. ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުންވަނީ އެ އިސްލާހު ބަލައިގަނެ، އެއަށް ތާއީދު ވެސް ކޮށްފައެވެ.
އެ އިސްލާހުގެ ބަހުސްގައި ވާހަކަދައްކަވަމުން މެންބަރު އަޒާން މިއަދު ވިދާޅުވީ، ސިފައިންނާއި ފުލުހުންނާއި ކަސްޓަމްސްގެ އިސްވެރިންގެ މާލީ ބަޔާން ވެސް ހުށަހަޅަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"މީގެ އިތުރުން އަޅުގަނޑުމެން އެބަޖެހޭ ދައުލަތުގެ އެކިއެކި ކުންފުނި އެސްއޯއީތަކުގެ އިސްވެރިން ވެސް އަދި ސިފައިންނާއި ފުލުހުންނާއި ކަސްޓަމްސް މި ފަދަ އެންމެހާ މުއައްސަސާތަކުގެ އިސްވެރިން ހަމަ މިގޮތަށް މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށް ހަދަން،" އޭނާ ވިދާޅުވިއެވެ.

ރައީސް މުއިއްޒު، ފުލުހުންނާއި ސިފައިންނާ އެކު: ސިފައިންނާއި ފުލުހުންގެ ވެރިން ވެސް މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތް ހަދަން އަޒާން ވަނީ ގޮވާލައްވާފައި -- ފޮޓޯ/ ރައީސް އޮފީސް
އޭނާ ވިދާޅުވީ، ފެންނަނީ ކޮންމެ ފަސް އަހަރު މަގާމުގައި ތިއްބަވާ ބޭފުޅުން މަގާމުން ވަކިވެވަޑައިގަންނަވާއިރު ބޮޑެތި މުއްސަނދިންނަށް ވެފައި ތިބޭ މަންޒަރު ކަމަށެވެ. އެކަން ހުއްޓުވަން އަޅަންޖެހޭ އެންމެ މުހިންމު އެއް ފިޔަވަޅަކީ އެ މީހުންގެ މާލީ ބަޔާންތައް ހާމަކުރަންޖެހޭ ގޮތް ހެދުން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ހަމައެކަނި އިސްވެރިންގެ އިތުރަށް އެ މީހުންގެ އަނބިން/ފިރިންގެ އިތުރުން 18 އަހަރުނުވާ ދަރިންގެ މާލީ ބަޔާން ވެސް ހާމަކުރަންޖެހޭ ގޮތް ހަދަން އޭނާ ގޮވާލެއްވިއެވެ.
އަޒާން ވިދާޅުވީ ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި އަމަލުކުރާ ގޮތަކީ އަދި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއަކީ ވެސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި އެ ބޭފުޅުންގެ ޑިޕެންޑެންޓުންގެ މާލީ ބަޔާންތައް ހާމަކުރުން ކަމަށެވެ. އަދި، މަގާމުން ވަކިވެވަޑައިގަތުމަށް ފަހު ވެސް ވަކި އަހަރުތަކެއް ވަންދެން މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށް ބަދަލުކުރަން އޭނާ ގޮވާލެއްވިއެވެ.
"އެ ބޭފުޅުން މަގާމާ ހަވާލުވާއިރު ބައި ރުފިޔާ ވެސް ނޯންނަ ބޭފުޅުން، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުއްސަނދިވާތަން އެބަފެނޭ. ތަކުރާރުކޮށް މި ކަންތައްތައް އާންމުވެގެންދާއިރު ވެސް ހުއްޓުވޭނެ ގޮތެއް ނޯވޭ،" އޭނާ ވިދާޅުވިއެވެ.
މި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ކޮރަޕްޝަން ހުއްޓުވަން މި އަހަރު ތެރޭ ހަ ގާނޫނެއް މަޖިލީހަށް ފޮނުއްވާނެ ކަމަށް ވިދާޅުވެފައެވެ.
"އިސްލާހުތަކުގެ ތެރޭގައި އެބަ ހިމެނޭ، އެ ބޭފުޅުންގެ މާލީ ބަޔާން ހާމަކުރަން. އޭގެ އިތުރަށް އެ ބޭފުޅުންގެ ޑިޕެންޑެންޓުން އަނބިން ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ވެސް ހުށަހަޅަންޖެހޭ. ދުނިޔޭގެ އެހެން ތަންތާ ވެސް ބެސްޓް ޕްރެކްޓިސްއަކީ ވެސް މިއީ،" އަޒާން ވިދާޅުވިއެވެ.
"ރާއްޖޭގައި ވެސް ވަރަށް ގިނައިން ކުރާ ކަމެއް މި ފަދަ މަގާމުތަކާ ހަވާލުވާ ބައެއް ބޭފުޅުން އެ ބޭފުޅުންގެ ހުރިހާ މުދަލެއް، މިލްކިއްޔާތެއް ބަދަލުކޮށްލަނީ އަނބިންނަށް ފިރިންނަށް ނޫނީ 18 އަހަރު ނުފުރޭ ދަރިންނަށް،"
ކުޑޫ ހުށަހެޅުއްވީ މަޤާމުތަކާ ހަވާލުވާ ބޭފުޅުން ހަވާލުވާތާ ފުރަތަމަ 30 ދުވަހުގެ ތެރޭ އެ ފަރާތެއްގެ މިލްކިއްޔާތުގައިވާ ފައިސާއާއި މުދަލުގެ ތަފުސީލުތައް ހުށަހަޅަންޖެހޭ ގޮތް ހެދުމަށާއި، މަޤާމުތަކާ ހަވާލުވާތާ އެއް އަހަރު ދުވަސް ފާއިތުވާތާ ތިން މަހުގެ ތެރޭ ލައިސަންސް ލިބިފައިވާ އޮޑިޓަރަކު އޮޑިޓްކޮށްފައިވާ މާލީ ބަޔާނެއް ހުށަހެޅުމަށެވެ.
މާލީ ބަޔާން ހުށަހަޅަންޖެހޭ ބޭފުޅުންގެ ތެރޭގައި، ކުންފުނިތަކުގެ ޗެއާޕާސަނުން، މެނޭޖިން ޑިރެކްޓަރުން، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން، ސީއީއޯ، ސީއޯއޯ ފަދަ މަގާމުތަކާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ސަލާމަތީ ޚިދުމަތްތަކުގެ ވެރިން ވެސް ހިމެނެއެވެ. އަދި، މާލީ ބަޔާން ބަޔާންކޮށްފައިވާ މުއްދަތުގައި ހުށަނާޅައިފިނަމަ 5،000 ރުފިޔާއިން ޖޫރިމަނާކުރަން ވެސް ކުޑޫ ހުށަހެޅުއްވިއެވެ.
ސަރުކާރުގެ ވަޒީރުން މާލީ ބަޔާން ހާމަނުކުރާނަމަ މުސާރައިން ކެނޑޭ ގޮތަށް، ގާނޫނުއަސާސީ އިސްލާހުކުރުމަށް ވެސް ކުޑޫ ވަނީ ހުށަހަޅުއްވައިފައެވެ.