ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަމުން އަންނަ ފުލެޓުތަކުގެ ލިސްޓަށް ބަދަލު ގެނެސް، ރިޝްވަތު ނަގައިގެން ވަކި ބަޔަކަށް ފުލެޓު ދޭން އުޅޭ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގެން، ބޭރުކޮށްލައިފިއެވެ.
މައުރޫފް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ގެދޮރުވެރިޔާ ފުލެޓުތައް ވަކި ބަޔަކަށް ދޭން ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައިގެން ވަކި ގުރުއަތެއް ބާއްވަން އުޅޭ ކަމަށް ބުނެއެވެ. އެކަމަކު، އެ މައްސަލަ އެޖެންޑާކޮށްފައެއް ނުވެއެވެ.
އެ ކަމާ ގުޅިގެން ނުރުހުން ފާޅުކުރުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ 197 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާގޮތުން ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް އެކުލެވިގެންވާ މައްސަލައަކަށް ވާންޖެހޭ ކަމަށެވެ. އެކަމަކު، މައުރޫފް ހުށަހެޅުއްވި މައްސަލައަކީ ހަގީގަތެއްކަން މެންބަރަށް ބަޔާންކޮށްދެވިފައިނުވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެހެންވެ، އެ މައްސަލަ ބަލައިނުގަންނާނެކަން ވަނީ އިއުލާނުކުރައްވާފައެވެ.
މިދިޔަ އެމްޑީޕީގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފުލެޓުގެ ތެރެއިން 350 އެއްހާ ފުލެޓު، ހައުސިން މިނިސްޓްރީގެ މުވައްޒަފުންތަކެއް ކަމަށް ބުނާ ބަޔަކު ވިއްކަން އުޅޭ ކަމަށް ފަހި ޔޫނިއަނުން ވެސް ވަނީ ތުހުމަތުކޮށްފައެވެ. އެކަމަކު، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ އެކަން ދޮގުކުރައްވާފައެވެ.
މުއްތަލިބު މީގެ ކުރިން ވިދާޅުވި ގޮތުގައި، ގެޒެޓުގައިވާ ލިސްޓާއި މިނިސްޓްރީގެ އިއުލާނާ ޚިލާފަށް އެއްވެސް ފަރާތެއް ލިސްޓަށް އިތުރުކޮށްފައިނުވާނެއެވެ. އަދި، ލިސްޓަށް އާ ބަޔަކު އިތުރުކުރުމުގެ ފުރުސަތު ވެސް ނޯންނާނެ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
"15 ނޮވެންބަރު 2023 ގައި އިއުލާންކުރެވުނު ލިސްޓަކީ ފައިނަލް ލިސްޓް. އަމަލުކުރެވޭނީ އެ ލިސްޓާ އެކު ކުރެވުނު އިއުލާނުގައިވާ ގޮތަށް. ލިސްޓުން އުނިވާނީ ޝަރުތު ހަމަނުވާކަން ޔަގީންކުރެވޭ ފަރާތްތައް އެކަނި،" މިނިސްޓަރު ލިޔުއްވި ޕޯސްޓެއްގައިވެއެވެ.
ފަހި ޔޫނިއަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މީގެ ކުރިން އެ ޔޫނިއަންގެ ފަރާތުން ގާނޫނީ ވަކީލު އަލީ ހުސައިން ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފުލެޓުގެ ތެރެއިން 350 ފުލެޓު ވިއްކާލެވެން އޮތް ކަމަށް ހައުސިން މިނިސްޓްރީގެ މުވައްޒަފުން ކަމުގައި ބުނެ، ބައެއް ފަރާތްތަކުން ފުލެޓު ގަންނާނެ މީހުން ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި، އެކަން ކުރުމަށްޓަކައި އެ މިނިސްޓްރީގެ ޕޯޓަލްގެ އެކްސެސް ރައީސް އޮފީހުގެ ދެ މުވައްޒަފަކަށް ދީފައިވާ ކަމަށް ތުހުމަތުކުރައްވައިފައެވެ.
އެގޮތުން، ފުލެޓުތައް ވިއްކަންދާ ފަރާތްތަކުން، 250،000 ރުފިޔާއަށް ފުލެޓެއް ވިއްކާކަމަށް ބުނާ ކަމަށާއި، އެތަނުން އެއް ލައްކަ ރުފިޔާ ދިނުމުން ފުލެޓު ލިސްޓުގައި ނަން ހިމަނައި، ފުލެޓު ލިބޭކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އަނެއް ދޮޅުލައްކަ ރުފިޔާ ދައްކަންޖެހޭނެ ކަމަށް ބުނަމުން އަންނަކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފުލެޓުގެ ތެރެއިން 3,000 ފުލެޓުގެ ވެރިފަރާތާއެކު އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާ ކަމަށް، އެ މަސައްކަތްކުރާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ބުނެއެވެ. މި 4000 ފުލެޓުގެ ތެރެއިން ފުރަތަމަ ހަވާލުކުރަން ނިންމާފައިވަނީ އަމާން އުދަރެސްގެ ޓަވަރު 14ގެ ފުލެޓުތަކެވެ.
އެފްޑީސީން މީގެ ކުރިން ވަނީ ފުލެޓުތައް ހަވާލުކުރާނީ އެ ފައިސާ ދެއްކުމުން ކަމަށް ބުނެފައެވެ.
ކުރީ ސަރުކާރުން ރިޔާސީ އިންތިޚާބުގެ ތެރޭގައި ގެދޮރުވެރިޔާ ފުލެޓުތައް ލިބޭ މީހުން އިއުލާންކުރި ފަހުން، އެ ލިސްޓުގައި މައްސަލަތައް އުޅޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުންޏެވެ. މި ސަރުކާރުން އައިސް، އެ މައްސަލަ ބަލައި، އެއް އަހަރަށް ވުރެ ގިނަ ދުވަސް ފަހު އައު ލިސްޓެއް މި އަހަރު ނެރުނެވެ.
އެ ލިސްޓަށް ފާޑުކިޔުން އަމާޒުވި ފަހުން ހައުސިން މިނިސްޓްރީން ވަނީ ފުލެޓް ދޭނީ ކުރީގެ ލިސްޓަށް ކަމަށް ބުނެފައެވެ.