ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ބައެއް ފުލުހުން ފަރުވާ ކުޑަކުރި ކަމަށް ރިޔާސީ ކޮމިޝަނުން ބުނެފައިވާތީ އެ މައްސަލައިގައި މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
ޔުމްނު ވެއްޓުނު މައްސަލަ ފެންމަތިވީ އޭޕްރީލް 18، 2025 ގައެވެ.
އެ މައްސަލަ ހިނގި ގޮތް ތަހުގީގުކުރަން އެކުލަވައިލި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ވަނީ ވަކިވަކި ފުލުހުން އިހުމާލުވެފައިވާ ކަމަށް ބުނެފައެވެ. އަދި، ތަހުގީގުގައި ވެސް ފަރުވާކުޑަކޮށްފައިވުމުން ފިޔަވަޅު އަޅަން ރިޕޯޓުގައި ވަނީ ލަފާ ދީފައެވެ.
އެހެންވެ، އެ ފިޔަވަޅުތައް އަޅާފައިވޭތޯ ސުވާލުކުރީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)އެވެ.
އެ ސުވާލަށް ލިޔުމުން މިއަދު ދެއްވި ޖަވާބުގައި ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ، ވަކިވަކި ފުލުހުން އިހުމާލުވެފައިވާ މިންވަރު ދެނެގަންނަން ތަހުގީގު ފަށައި، ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި، ވީ އެންމެ އަވަހަކަށް ތަހުގީގު ނިންމަން މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންވެ، މި މައްސަލައިގައި ކޮމިޝަންގެ ރިޕޯޓު ޖޫން މަހު އާންމުކުރި ނަމަވެސް މިހާތަނަށް އެއްވެސް ފުލުހަކާ މެދު ފިޔަވަޅެއް އަޅާފައިނުވާކަން ވަނީ އެނގިފައެވެ.
"ކޮމިޝަންގެ ހުށަހެޅުންތައް ތަންފީޒުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ،" އިހުސާންގެ ޖަވާބުގައިވެއެވެ.
ކޮމިޝަންގެ ރިޕޯޓުގައި ފުލުހުންނާ ގުޅޭ ގޮތުން ފާހަގަކޮށްފައިވާ ބައެއް ކަންކަން:
- ކްރައިމް ސީން ޕްރޮސެސްކޮށް ނިމުނުއިރު ވެސް، މައްސަލަ ތަހުގީގުކުރާ އޮފިސަރަކު ސީންއަށް ހާޒިރުވެފައި ނެތުން.
- އެހެންކަމުން ތަހުގީގަށް ބޭނުންވާ ފުރިހަމަ މައުލޫމާތާއި ހެކިތައް އެވަގުތު ހޯދިފައިނުވުން.
- ކުށުގެ ވެށްޓަށް ދިޔަ ސީން އޮފް ކްރައިމް އޮފިސަރު، ކްރައިމް ސީން ޕްރޮސެސްކުރިއިރު، ކުށުގެ ވެށީގެ ހުރިހާ ސަރަހައްދެއް އެކަށީގެންވާ ގޮތެއްގައި ޕްރޮސެސްކޮށްފައިނުވުން އަދި ސީން އޮފް ކްރައިމް އޮފިސަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ނުކޮށް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސީން ދޫކޮށްލައިފައިވުން.
- މައްސަލައިގައި އެންމެ މުހިންމު އެއް ތަންކަމުގައިވާ ޔުމްނު އޮތް މިޓާޒްގެ ފުރާޅުމަތިން އެއްވެސް ހެއްކެއް ލިބޭތޯ މަސައްކަތެއް ކުރެވިފައި ނުވުމާއި، ކުށުގެ ވެށީގެ ބައުންޑްރީއެއް ކަނޑައެޅިފައި ނެތުމާއި، ކުށުގެ ވެށި ރައްކައުތެރިކުރެވިފައި ނުވުން.
އެ ރިޕޯޓުގައި، ޔުމްނުއަށް ފުރަތަމަ ފަރުވާ ދިން އައިޖީއެމްއެޗްގެ މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ޔުމްނުއަށް ޖިންސީ އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށްޓަކައި އައިޖީއެމްއެޗްގެ އައިސީޔޫއިން، އައިޖީއެމްއެޗްގެ އެފްޕީޔޫއަށް އެންގުމަށް ފަހު، އެފްޕީޔޫގެ މުވައްޒަފު އެޓެންޑުނުވުމުން އެކަން ނުކޮށް ދޫކޮށްލައިފައިވުމެވެ.

ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ވަނީ ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުން އޭރު ހުރި އަހުމަދު ދާއޫދު ދޮގު ބަޔާނެއް ދިން ކަމަށެވެ. އަދި، ހާދިސާ ހިނގި ދުވަހު އެކި ފަހަރުމަތިން ދާއޫދު އިހުސާނާ ވާހަކަދައްކާފައިވާ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.
ދާއޫދަކީ ޔުމްނުއާ އެކު ފެންޓީނިއާގޭގައި އުޅުނު އަދި މި މައްސަލައިގައި ހައްޔަރުކޮށް ދައުވާކުރި ހަމައެކަނި މީހާ ކަމަށްވާ ރައުދު އަހުމަދު ޒިލާލްގެ އެއްބަނޑު އެއްބަފާ ބޭބެއެވެ.
ރިޔާސީ ކޮމިޝަންގެ ރިޕޯޓް އާންމުކުރި ފަހުން ދާއޫދު ވަނީ މަގާމުން ވަކިކޮށްފައެވެ.
އެ މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާ ގުޅޭ ގޮތުން ރިޕޯޓުގައި ބުނެފައިވަނީ، ތަހުގީގު ކުރިއަށް ދަނިކޮށް އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް އަމީން ގުޅުއްވުމަކީ ބަލައިގަންނަން ދަތި ކަމެއް ކަމަށާއި ނަމަވެސް އޭގެ ސަބަބުން ތަހުގީގަށް އަސަރުނުކުރާ ކަމަށެވެ.
ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގުކުރާތާ އެތައް މަހެއް ވީއިރު، އެ މައްސަލައިގައި އޭނާގެ ބަޔާން އަދިވެސް ނުދެއެވެ.
އެ ހާދިސާއާ ގުޅިގެން ޔުމްނުއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ, އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު, އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔައީ އޭޕްރީމް މަހުގެ 26 ވަނަ ދުވަހުގެ ރެއެވެ.