ބޭބީ ޕައުޑަރުން ކެންސަރު ޖެހުނު ކަމަށް ބުނި މީހަކަށް 966 މިލިއަން ޑޮލަރު ދޭން ޖެހިއްޖެ

ޖޯންސަން އެންޑް ޖޯންސަން (ޖޭ އެންޑް ޖޭ) އިން އުފައްދާ ބޭބީ ޕައުޑާ. ޖޭ އެންޑް ޖޭގެ ބެބީ ޕައުޑަރާއި އެހެނިހެން ޓަލްކް ޕްރޮޑަކްޓްތައް ބޭނުންކުރުމުން ކެންސަރު ޖެހުނު ކަމަށް ބުނާ 67،000 އަށް ވުރެ ގިނަ ދައުވާ އެ ކުންފުނީގެ މައްޗަށް ވަނީ ކޮށްފައި. ފޮޓޯ/ރޮއިޓާސް

ޖޯންސަން އެންޑް ޖޯންސަން (ޖޭއެންޖޭއެން)އިން އުފައްދާ ޓަލްކް ހިމެނޭ ކުޑަކުދިންގެ ބޭބީ ޕައުޑަރު ދިގު މުއްދަތަކަށް ބޭނުންކުރުމުގެ ސަބަބުން މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ކެންސަރު ބައްޔެއް ކަމަށްވާ، މެސޯތެލިއޯމާ ޖެހިގެން މަރުވެފައިވާ ކަމަށް ބުނާ އަންހެނެއްގެ އާއިލާއަށް 966 މިލިއަން ޑޮލަރު ދައްކަން އެ ކުންފުންޏަށް އަމުރުކޮށްފިއެވެ.

އެފަދަ ދައުވާއެއްގައި މީގެ ކުރިން ވެސް 15 މިލިއަން ޑޮލަރު ދައްކަން އެ ކުންފުނީގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

ކުންފުނިން ފައިސާ ދައްކަން ޖެހެނީ 2021 ވަނަ އަހަރު މަރުވި މޭ މޫރުގެ އާއިލާއަށެވެ. އެ އާއިލާއިން ދައުވާކުރީ ހަމަ އެ އަހަރު ޖޯންސަން އެންޑް ޖޯންސަންގެ ޓަލްކް ބެބީ ޕައުޑާ ޕްރޮޑަކްޓްތަކުގައި އެސްބެސްޓޯސް ފައިބަރު ހުރުމުން މަދުން ނޫނީ ނުފެންނަ ކެންސަރު މޫރަށް ޖެހުނު ކަމަށް ބުނެއެވެ. ކޯޓަށް ހުށަހެޅި މައްސަލަތަކުގައިވާ ގޮތުން ޖޫރީން ވަނީ 16 މިލިއަން ޑޮލަރު ގެއްލުމުގެ ބަދަލާއި 950 މިލިއަން ޑޮލަރު އަދަބެއްގެ ގޮތުގައި ދެއްކުމަށް އަމުރުކޮށްފައެވެ.

އާންމުކޮށް އަދަބެއްގެ ގޮތުގައި ދޭ ބަދަލު ކަނޑައަޅާނީ ގެއްލުމުގެ ބަދަލަށްވުރެ ނުވަ ގުނަ ބޮޑުނުވާ ގޮތަށް ކަމަށް އެމެރިކާގެ ސްޕްރީމް ކޯޓުން ނިންމާފައިވާތީ އެ ހުކުމް ކުޑަކުރުމަށް އިސްތިއުނާފުކުރެވިދާނެ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

ޖޭ އެންޑް ޖޭގެ ނައިބު ރައީސް އޮފް ލިޓިގޭޝަން އެރިކް ހާސް ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ ހުކުމަކީ "ބޮޑު އަދި ގާނޫނު އަސާސީއާ ޚިލާފު ހުކުމެއް" ކަމަށާއި އެ ކުންފުނިން ހުކުމް އިސްތިއުނާފުކުރަން ރާވާފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނެފައިވަނީ އެ މީހުންގެ އުފެއްދުންތަކަކީ ރައްކާތެރި، އެސްބެސްޓޯސް ނުހިމެނޭ އަދި ކެންސަރު ނުޖެހޭ އުފެއްދުންތަކެއް ކަމަށެވެ. ކެންސަރާއި އެ ކުންފުނީގެ ބެބީ ޕައުޑާ ޕްރޮޑަކްޓްތަކާ ގުޅުން ހުރި ކަމަށް ބުނެ އާއިލާއަކަށް ގެއްލުމުގެ ބަދަލު ދޭން ޖޯންސަން އެންޑް ޖޯންސަންއަށް އަމުރުކުރި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ.

ކުރިން 2016 ވަނަ އަހަރު މިސޫރީގެ ކޯޓަކުން ވަނީ އޯވަރީ ކެންސަރު ޖެހިގެން މަރުވި ޖެކްލީން ފޮކްސްގެ އާއިލާއަށް 72 މިލިއަން ޑޮލަރު ދައްކަން އަމުރުކޮށްފައެވެ.

ކުންފުނީގެ އުފެއްދުންތައް ރައްކާތެރި ކަމަށް ބުނެ ކޮންސިއުމަރުންނަށް އޮޅުވާލި ކަމަށް ބުނާ ދައުވާތަކެއް ހައްލު ކުރުމަށް 700 މިލިއަން ޑޮލަރު ވެސް މިދިޔަ އަހަރު ދައްކަން ކުންފުންޏަށް މަޖުބޫރުވިއެވެ.

ކޯޓުގެ ހިސާބުތަކުން ދައްކާ ގޮތުގައި ޖޭ އެންޑް ޖޭގެ ބެބީ ޕައުޑަރާއި އެހެނިހެން ޓަލްކް ޕްރޮޑަކްޓްތައް ބޭނުންކުރުމުން ކެންސަރު ޖެހުނު ކަމަށް ބުނާ 67،000 އަށް ވުރެ ގިނަ ދައުވާ އެ ކުންފުންޏާ ދެކޮޅަށް ވަނީ ހުށަހަޅާފައެވެ.

ދޮގު މައުލޫމާތުތަކަކާ ގުޅިގެން ކަމަށް ބުނެ ޓަލްކް ބޭނުންކޮށްގެން އުފައްދާ ބެބީ ޕައުޑާ ވިއްކުން ޖޯންސަން އެންޑް ޖޯންސަންއިން ވަނީ 2020 ވަނަ އަހަރު އެމެރިކާގައި ހުއްޓާލާފައެވެ. އަދި، 2022 ވަނަ އަހަރު ވަނީ ދުނިޔޭގެ ފެންވަރުގައި އެ އުފެއްދުންތައް ވިއްކުން ނިންމާލުމަށް ރާވާފައިވާކަން ވެސް އިއުލާންކޮށްފައެވެ.

މިގޮތަށް ނިންމުމުގެ ކުރިން އެ ކުންފުނިން ބެބީ ޕައުޑަރު ވިއްކާތާ ގާތްގަނޑަކަށް 130 އަހަރު ވެއްޖެއެވެ. އެގޮތުން ކޯންސްޓާޗް ހިމެނޭ އުފެއްދުމުގެ ވާޝަނެއް މިހާރު ވެސް ވިއްކައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް