ފަތުރުވެރިކަމަށް މަޝްހޫރު ކ. މާފުށީގައި ސިޓީ ހޮޓަލެއް އިމާރާތްކުރާނެ ބަޔަކު ހޯދަން ދެވަނަ ފަހަރަށް ހައްޖު ކޯޕަރޭޝަނުން މިއަދު އިއުލާނުކޮށްފިއެވެ.
އެންމެ ފުރަތަމަ އެ ކޯޕަރޭޝަނުން މާފުށީގައި ސިޓީ ހޮޓަލެއް އިމާރާތްކުރާނެ ބަޔަކު ހޯދަން އިއުލާނުކުރީ މީގެ ދެމަސްކުރިން، މިދިޔަ އޮގަސްޓު ހައެއްގައެވެ.
އޭގެފަހުން މިއަދު އެ ކޯޕަރޭޝަނުން ވަނީ އެ އިއުލާނު ބާތިލުކޮށް، ސިޓީ ހޮޓަލެއް އިމާރާތް ކުރާނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށް އަލުން ބުނެފައެވެ.
މި ޕްރޮޖެކްޓު ކުރިއަށް ގެންދަނީ އެ ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުނި މާފުށި އިސްލާމިކް ޓުއަރިޒަމް ޕްރައިވެޓް ލިމިޓެޑް (އެމްއައިޓީ)ގެ ދަށުންނެވެ.
ބިޑިންގައި ރަޖިސްޓްރީވުމަށް އަންނަ އަންގާރަ ދުވަހާ ހަމައަށް މުއްދަތެއް ވަނީ ދީފައެވެ. އިއުލާނުގައިވާ ގޮތުން، ރަޖިސްޓްރީވުމަށް ފަހު، އަނބުރާ ނުލިބޭ ގޮތަށް 30،000 ރުފިޔާ ނުވަތަ 2،000 ޑޮލަރުގެ ފީއެއް އަންގާރަ ދުވަހުގެ ކުރިން ދައްކަން ޖެހެއެވެ.
ބިޑު ހުޅުވާނީ އަންނަ މަހު 13ގައި ކަމަށްވާއިރު، މިއީ ކިތައް ކޮޓަރީގެ ހޮޓަލެއް ކަމެއް އެ ކޯޕަރޭޝަނުން ހާމައެއް ނުކުރެއެވެ.
ފާހަގަކުރެވޭ ގޮތުގައި، މާފުށީގައި ހަލާލް ޓޫރިޒަމް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ، މިދިޔަ ނޮވެންބަރު ހަތަރެއްގައެވެ.
އެ ކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ޑިސެމްބަރު ތިނެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ޙައްޖު ކޯޕަރޭޝަނުން ގެސްޓްހައުސް ވިޔަފާރިކުރުމާ މެދު އެ ކުންފުނީގެ ބޯޑުންނާއި ހިއްސާދާރުން ވިސްނާލަންޖެހޭ ކަމަށެވެ. އަދި، އެ ފަދައިން ވިޔަފާރިކުރުމުގެ ނަތީޖާ ރަނގަޅުނުވާނެ ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.
އެ ކަމުގައި މިނިސްޓްރީގެ ލަފައަށް އެ ކޯޕަރޭޝަނުން ތަބާވާނެ ކަމަށް ޝަކީލް ވަނީ ވިދާޅުވެފައެވެ.