ދޫނިދޫގައި އެމްޑީޕީގެ މެންބަރުން ހަޅުތާލުކުރުން: ފުލުހުން ބުނީ މޮނިޓާކުރަމުން އަންނަ ކަމަށް

އެމްޑީޕީގެ އެއްވުމުން ހައްޔަރުކޮށް، ބަންދު ޖަހައިފައިވާ މީހުން: ބޭސް ފަރުވާ ނުލިބޭ ކަމަށް ބުނެ، އެ މީހުން ވަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފައި -- ފޮޓޯ/ އެމްޑީޕީ

ސަރުކާރާ ދެކޮޅަށް އެމްޑީޕީން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުން ހައްޔަރުކޮށް، ދޫނިދޫ ކަސްޓޯޑިއަލްގައި ބަންދުކޮށްފައިވާ ހަ މީހުން ކުރަމުން އަންނަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު މޮނިޓާ ކުރަމުން އަންނަ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިރޭ ވަނީ، ދޫނިދޫގައި ބަންދުގައި ތިބި އެ ޕާޓީގެ މެންބަރުންނަށް ބޭސް ފަރުވާ ނުލިބި، ތަހުގީގު ދިގުލައިގެން ދާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، އެ ކަންބޮޑުވުންތަކާ ގުޅިގެން އެ ހަ މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފައިވާ ކަމަށެވެ.

އެމްޑީޕީން ސަރުކާރަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް ބޭއްވި 'ލޫޓުވައިފި، ލޫޓުވައިފި' އެއްވުމުން ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފައިވާ ހަ މީހުންނަކީ:

  • ދާންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔައުގޫބު އަބްދުالله
  • ކުޅުދުއްފުށި އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔާސިރު އަބްދުއްލަތީފް
  • މާފުށީ ކައުންސިލް ރައީސް ހަސަން ސޮލާހް
  • އަޒީމް އަލީ
  • އެމްޑީޕީގެ ނިމިދިޔަ ދައުރުގައި ރައީސް އޮފީހުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް އަލީ ޖުމާން
  • ޙަސަން ޝާކިރު

އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އެ މުއައްސަސާގެ ބަންދުގައި ތިބި ބަޔަކު ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާތީ ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑުން އެ މީހުން މޮނިޓާ ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލައިގެ މައުލޫމާތު އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އާ ހިއްސާކޮށްފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅޭ ގޮތުން އެޗްއާރުސީއެމުން ބުނެފައިވަނީ، ދޫނިދޫގައި ތިބި މީހުންނާ އެ ކޮމިޝަނުން މިއަދު ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި ބަންދުގައި ތިބި މީހުން ހިއްސާކޮށްފައިވާ ކަންކަމާ ގުޅިގެން އެ ކޮމިޝަނުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ދީފައިނުވެއެވެ.

އެމްޑީޕީގެ އެއްވުން ބޭއްވުމުގެ ކުރިން ފުލުހުން ވަނީ އެއްވުމުގެ ތެރެއިން ހަމަނުޖެހުން ހިންގަން އުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަމަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ.

ހުކުރު ދުވަހުގެ ރޭ އެއްވުން ބޭއްވިއިރު، އެމްޑީޕީން ހިނގާލުން ބާއްވަން ހުއްދަ ދިން މަގު ނޫން އެހެން މަގަކުން ދިޔުމަށް މަސައްކަތްކުރިއެވެ. އެއާއެކު ފުލުހުން ސަފު ހަދައި އެ މީހުން ހުއްޓުވުމުން ކުރިމަތިލުމަކަށް ދިޔައެވެ. އަދި ފުލުހުން ތަކުރާރުކޮށް ޕެޕާ ސްޕްރޭ ޖަހައި، ތޫނު އަޑެއް ފޮނުވާ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރްއޭޑީ) ބޭނުންކުރިއެވެ.

https://sun.mv/212227

ފުލުހުން ވަނީ އެ މުއައްސަސާއިން ބާރުގެ ބޭނުންކުރުން ދިފާއުކޮށް، އެއްވުން ރޫޅާލުމުގައި އިސްކުރީ ގާނޫނާއި ގަވައިދުތަކުގެ ހަމަތަކާއި، "ކެތްތެރިކަމާއި ޕްރޮފެޝަނަލްކަން" ކަމަށް ބުނެފައެވެ.

މީގެ އިތުރުން އެ މުޒާހަރާގައި ވަކިވަކި އޮފިސަރުން އަމަލުކުރި ގޮތް ކުށްވެރިކޮށް، ސޯޝަލް މީޑިއާގައި އެ އޮފިސަރުންގެ ފޮޓޯ ހިއްސާކުރަމުން ދާތީ ފުލުހުން ވަނީ އިންޒާރެއް ދީފައެވެ. އެގޮތުން ރޭ ނެރުނު ބަޔާނެއްގައި ވަނީ ފުލުހުންގެ ވަކިވަކި އޮފިސަރުންނަށް ބިރު ހީވާ ގޮތަށް ސޯޝަލްމީޑިއާގައި އަމަލެއް ހިންގައިފިނަމަ، އެފަދަ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

އެއަށްފަހު، ކޯޓު އަމުރެއްގެ ދަށުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރެއްގެ ފޯނު ވަނީ، ފޭސްބުކްގައި ފުލުހުންނަށް އިންޒާރު ދިނުމުގެ ތުހުމަތުގައި ހިފަހައްޓައިފައެވެ.

comment ކޮމެންޓް