ދިވެހީންގެ މެދުގައި އިޙުތިރާމުކުރުމުގެ އާދަ އަށަގެންނެވުމަށް ގައުމީ މަޝްރޫއެއް ފަށަނީ

މަހިބަދޫއަށް ރައީސް ވަޑައިގަންނަވާތީ ކުދިންތަކެއް ގައުމީ ދިދަ ހިފައިގެން: ރައީސް މުއިއްޒު މަހިބަދޫއަށް ވަޑައިގަތުން: ދިވެހީންގެ ތެރޭގައި ކުރިން އޮތް އިހުތިރާމުކުރުމުގެ އާދަ އަށަގެންނެވުމަށް އަންނަ އަހަރު ގައުމީ މަޝްރޫއެއް ފަށަނީ ---- ފޮޓޯ/ ރައީސް އޮފީސް

ކުރިން ދިވެހީންގެ ތެރޭގައި އޮތް އިޙުތިރާމުކުރުމުގެ އާދަ އަނބުރާ ގެނައުމަށް، އަންނަ އަހަރު ގައުމީ މަޝްރޫއެއް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާންކުރައްވައިފިއެވެ.

އެ މަނިކުފާނު މިހާރު ކުރައްވާ ދަތުރުފުޅުގައި އދ. މަހިބަދުއަށް ވަޑައިގެން ވިދާޅުވީ، ގައުމުގެ ނިޒާމު ތަރައްގީ ވާން ޖެހޭ ގޮތަށް، މީހުންގެ ވިސްނުމާއި އުޅުމާއި ގުޅުން ވެސް ތަރައްގީވާން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ، މީހުންގެ މެދުގައި އޮންނަ ގާތްގުޅުމާއި އިޙުތިރާމު އަދާކުރުމަކީ ކުރިން ރާއްޖޭގައި ފަޚުރުވެރިކަމާ އެކު ބަލައިގަންނަ ކަމެއް ކަމަށެވެ.

ރައީސް މުއިއްޒު މަހިބަދޫއަށް ވަޑައިގަތުން: ދިވެހީންގެ ތެރޭގައި ކުރިން އޮތް އިހުތިރާމުކުރުމުގެ އާދަ އަށަގެންނެވުމަށް އަންނަ އަހަރު ގައުމީ މަޝްރޫއެއް ފަށަނީ ---- ފޮޓޯ/ ރައީސް އޮފީސް

އެގޮތުން، ކުރިން ދިވެހީންނަކީ އެކަކު އަނެކަކަށް ކުލުނާއި ލޯތްބާ އެކީގައި އަޅާލާ ބައެއް ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، މީގެ އެތައް އަހަރެއް ކުރިން ރާއްޖެއަށް "ސިޔާސީ އޮއިވަރެއް" ވަންނަމުން ގޮސް މިހާރު އިޙުތިރާމު ކުރުން އޮތީ ވަރަށް ބޮޑަށް ނެތިފައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުރިއެކޭ އެއްގޮތަށް ދިވެހީންނަކީ އިޙުތިރާމުކުރާ ބަޔަކަށް ހެދުމަށް ބޭނުންވާ ކަމަށެވެ. އެކަމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ބޭނުން މި އަންނަ އަހަރު ތެރޭގައި ބިޔަ މަޝްރޫއެއް، އިޙުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއެއް ފަށަން. ރެސްޕެކްޓް ކެމްޕެއިނެއް ފަށަން. ރައީސް ޑރ. މުހައްމަދު މުއިއްޒު

އެކަމުގައި ކަމާ ބެހޭ ހުރިހާ އިދާރާތަކާއި ރައްޔިތުން ބައިވެރިވުމަށް އެ މަނިކުފާނު ގޮވައިލެއްވިއެވެ. އެގޮތުން، ކުރީގައި ދިވެހީންގެ ތެރޭގައި އޮތް އިޙުތިރާމު އަދާކުރުން އަނބުރާ ގެނައުމަށް ޕްރޮގްރާމެއް ފެށިޔަސް ހަގީގީ ނަތީޖާ ނިކުންނާނީ އެންމެން ބައިވެރިވުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

"މިކަމުގައި ރައްޔިތުންނާއި ކަމާ ބެހޭ ހުރިހާ މުއައްސަސާތަކާއި ސިވިލް ސޮސައިޓީގެ ހުރިހާ އެންޖީއޯތަކާއި ހުރިހާ ފަރާތްތައް ބައިވެރިވާން އަޅުގަނޑު ގޮވާލަން، ސިޔާސީ ޕާޓީތަކާއި ހުރިހާ ފަރާތްތައް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ހަގީގީ މާނައިގައި ރާއްޖެ ތަރައްގީވާނީ ވަށާ ޖެހޭ މަސައްކަތްތަކެއް ކުރެވުމުން ކަމަށެވެ.

comment ކޮމެންޓް