ޓެކްސް އެޕީލް ޓްރައިބިއުނަލުން ހުސްވެފައިވާ ދެ މަގާމަށް ބޭފުޅުން އައްޔަންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ލިސްޓުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި މަހާޒް އަލީ ޒާހިރަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެންމެ މަތީ މާކްސް މިއަދު ދީފިއެވެ.
ޓްރައިބުނަލްގެ ދެ މަގާމެއް ހުސްވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ޓްރައިބިއުނަލަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް ވަނީ ހަތް ނަމެއް މަޖިލީހަށް ފޮނުއްވައިފައެވެ. އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ މަހާޒުގެ ނަމެވެ.
އެ ނަންތައް ޖުޑިޝަރީ ކޮމިޓީން މިއަދު ވަނީ ދިރާސާކޮށްފައެވެ. އެ ހަތް ބޭފުޅުންގެ ތެރެއިން، ކޮމިޓީން ފާސްވާ މާކްސް ކަމަށްވާ 75 އިންސައްތައަށް ވުރެ މަތިން މާކްސް ލިބުނީ ފަސް ބޭފުޅުންނަށެވެ. އެ ބޭފުޅުންގެ ތެރެއިން 97 އިންސައްތަ މާކްސް ލިބިވަޑައިގެން، ލިސްޓުގެ އެންމެ ކުރީގައި އުޅުއްވަނީ މަހާޒެވެ.
މަހާޒްގެ އިތުރަށް، 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބުނީ:
- އިބްރާހިމް އަފީފު - 91 އިންސައްތަ
- ޝަވްފާ އިބްރާހިމް - 83 އިންސައްތަ
- އަހުމަދު ޔާމީން - 80 އިންސައްތަ
ވެރިކަން ކުރާ ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ ކޮމިޓީން އެ ނަންތައް ފާސްކުރުމަށް ފަހު މިހާރު ވަނީ ތަޅުމަށް ފޮނުވައިފައެވެ.
މަޖިލީހުގެ މާދަމާގެ ޖަލްސާގައި ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓު އިއްވުން ހިމަނައިފައިވެއެވެ.
ޓެކްސް ޓްރައިބިއުނަލްއަށް މަހާޒް އައްޔަނުކުރަން ކޮމިޓީން ފާސްކުރިއިރު، އެ ޓްރައިބިއުނަލަށް ކުރިމަތިލެއްވީ ކުރިން ނިންމަވާފައި ހުރި ނިންމެވުންތައް ހިނގަމުން އަންނަ ގޮތް ބައްލަވަން ޝައުގުވެރިކަން ހުރުމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ފަނޑިޔާރުކަމުން މަހާޒް ވަކިކުރީ ސުލޫކީ މައްސަލައެއް ބެލުމަށް ފަހުގައެވެ. އޭރު މަހާޒް ވަނީ ޕީއެންސީގެ މި ސަރުކާރާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމަށް ވެސް ތުހުމަތުކުރައްވާފައެވެ.