"ރައާބިލްގެ ދަރިފުޅު ކޮބާ؟" ނާވީ ފުންނޭވާއެއް ދޫކޮށްލަމުން އެންމެފަހުން އަހައިލައިފިއެވެ.
"ބައްޕާ. ބުނެބަލަ!" ނަމީރުގެ ހިމޭންކަމުން، ނާވީއަށް އުނދަގޫވަމުން ދިޔައެވެ. ދެވަނަ ފަހަރަށް އެ ސުވާލު ތަކުރާރުކުރި ސަބަބަކީ އެއީއެވެ.
"ނާވީ އެތަނަށް ތިޔަ ދަނީ ރައާބިލްއަ ބައްދަލުކުރަންތަ؟ ކޮބާ ބޭނުމަކީ؟" ނަމީރު ދެބުމަ ގޮށް ޖަހައިލިއެވެ. ނާވީ ދައްކާ ވާހަކައަށް ޖަވާބު ދޭކަށް އޭނަ ބޭނުމެއް ނޫނެވެ. "ކާފައަށް ތިކަންތައް އެނގިއްޖެނަމަ ވާނެ ގޮތް އެނގޭތަ؟"
"ރައާބިލްގެ ދަރިފުޅު މަރެއް ނުވޭ ދޯ... ރަނީމް... އަހަރެންގެ ރަނީމްއަކީ އޭނަގެ ދަރިފުޅު ދޯ." ނަމީރު އޭނާގެ ސުވާލުތަކަށް ޖަވާބު ނުދޭހާ ހިނދަކު ނާވީ ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. އަދި ހިތުގައި އުފެދިފައިވާ ސުވާލުތަކުގެ ޖަވާބު ނުލިބޭހާ ހިނދަކު، އޭނަ މަޑަކުންވެސް ނުހުންނާނެއެވެ. ނާވީގެ މޫނުމަތީން ފެންނަމުން ދިޔަ އަސަރުތަކުގެ ސަބަބުން، ނަމީރު ވެސް ކުޑަކޮށް ޖެހިލުންވިއެވެ. ކޮންމެވެސް އެއްގޮތަކުން އޭނަ ހަޤީޤަތާ ހިސާބަށް ވާސިލް ވާނެކަން ނަމީރަށް ފަހުމްވުމާއެކު، ހިތަށް ފާޑެއްގެ ގޮތެއް ވެލިއެވެ. ނަމީރުގެ ހިމޭންކަމުން ނާވީއަށް މިފަހަރު ހުރިހާކަމެއް ސާފުވެއްޖެއެވެ.
"ހުރިހާ ކަމެއް ވެސް އެނގިއްޖެ! ތި ހިމޭންކަމުން ބައްޕަގެ ރޭވުންވެސް އެނގިއްޖެ! ކީއްވެތަ ބައްޕާ؟ ކީއްވެ؟" ނާވީއަށް އޭނަގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލެވުނެވެ. ފުންނޭވާއެއް ދޫކޮށްލަމުން އަތް މުށްކަވައިލެވުނެވެ. ހީވީ އިޙްސާސްތައް އަމިއްލަ މީހާގެ ބާރުގެ ދަށަށް ގެންނަން އުނދަގުވީ ހެންނެވެ. ނަމީރުގެ ފުށުން އެ ފެނުނީ ދުވަހަކު ވެސް އުންމީދުކުރި ފަދަ ވެސް ސިފައެއް ނޫނެވެ.
"ބައްޕަ ރަނީމް މަރައިލަން އުޅުނު ސަބަބަކީ އެއީތަ؟ ކާފަގެ އަނިޔާ އަހަންނަށް ލިބިދާނެތީ އެ އަނިޔާއިން އަހަރެން ސަލާމަތްކޮށްދޭން ބައްޕައަށް ފެނުނު ހަމަ އެކަނި ގޮތަކީ އެއީތަ؟ ރަނީމް މަރުވީމަ އެކަން އެންމެނަށް އުމުރަށް ސިއްރުވާނެތީތަ؟ އެހެންވެތަ ރައާބިލް ގާތު ރަނީމް މަރު ނުވަނީސް މަރު ވެއްޖެޔޭ ކިޔާފައި ދޮގު ހެދީ؟ ރަނީމްގެ ހަޤީޤަތް އެނގުނު ހިސާބުން ވެސް ބައްޕަގެ ހިތަކަށް އެއްޗެއް ނާރާތަ؟ ހަމަ އެއްވެސް ވަރަކަށް ޙަމްދަރުދީ ނުވޭތަ؟ އަހަރެން ސަލާމަތްކުރުމަށް ފެނުނު ހަމަ އެކަނި ގޮތަކީ އެއީތަ؟ އަހަރެން ހިތަކަށް ވެސް ނާރާ..." ނާވީއަށް ޖުމްލަ މެދު ކަނޑާލެވުނެވެ. ސިކުނޑީގެ އެތެރޭގެ ހައިޖާނުގަނޑުގެ ސަބަބުން، މީހާއަށް އުނދަގޫވަމުން ދިޔައެވެ. ބައްޕަގެ މޫނުމަތީގެ ކުލަވަރުތަކުން ހުރިހާކަމެއް އޭނައަށް އެނގި ޔަޤީންވެއްޖެއެވެ. އުންމީދުނުކުރާ ކަހަލަ ސިފަތަކެއް އެ ބައްޕަގެ ފުށުން ފެނުމުން މާޔޫސް ވާ ގޮތްވިއެވެ.
ނާވީގެ މޫނުމައްޗަށް އަރާ ފޭބި ކުލަވަރުތަކުން ނަމީރުވެސް ބަސް ހުއްޓުނެވެ. އޭނަގެ ދަރިފުޅު ކުރި ސުވާލުތަކަށް ދޭނެ ޖަވާބެއް އަތަކު ނެތެވެ. ހުރިހާކަމެއް އެވަނީ ނާވީއަށް އެނގި ސާފުވެފައެވެ. އޭނަގެ ބަސް ހުއްޓުނީ ދެން ބުނާނެ އެއްޗެއް ސިކުނޑިއަށް ނައުމުންނެވެ.
"ބައްޕަައަށް އެނގޭތަ؟ އަހަރެން ރައާބިލްއާ ބައްދަލުކުރީ އެއީ ރަނީމްގެ ބައްޕަކަން އެނގިގެނެއް ނޫން. އެކަމަކު، އަހަރެންގެ އިންސިއަށް ލިބިދާނެ ގެއްލުމަކުން އޭނަ ސަލާމަތް ކުރުމަށް އެހީއަކަށް އެދެންވެގެން. އަހަރެން އިންސިއެއް ދެކެ ލޯބިވާކަން އެނގުނީމަ އޭނަ ބުނީ ކީކޭކަން އެނގޭތަ؟ އަހަރެން ގާތު އެދުނީ އެ ކަންތައް ހުއްޓާލަން. އޭނަ ބިރުގަތީ އޭނައަށް ލިބުނު އަނިޔާ އަހަންނަށް ލިބިދާނެތީ. އޭނަ ބޭނުންވީ އެ އަނިޔާއިން އަހަރެން ސަލާމަތްކުރަން. އެ ހުރިހާކަމެއް އޭނަ އަހަންނަށް ބުނެދިނީ އަހަރެން މީ ކާކުކަން އެނގިހުރެ. ބައްޕަގެ ދަރިއެއްކަން އެނގުމުން ވެސް އޭނަގެ ހިތް ކިލަނބެއް ނުވި. އަހަންނަށް އެހީވެގެން ބައްޕަމެންގެ ކިބައިން ބަދަލު ވެސް އޭނައަށް ހިފުނީސް. އެކަމަށް ހިތްވަރުވެސް ދެވުނީސް. އެކަމަކު އޭނަ މަސައްކަތްކުރީ އަހަންނަށް ދެން ކުރިމަތިވެދާނެ ކަންތައްތަކުން ސަލާމަތްކޮށްދިނުމަށް... އޭނަގެ ހިތް ސާފު. ޝަކުވާ އުފެދުނު ނަމަވެސް، އެހެން މީހަކަށް އެ އަނިޔާ ލިބޭކަށް އޭނަ ބޭނުމެއް ނުވޭ. މިއަދު އަހަރެން ދެރަވެ ލަދު ގަނޭ އަހަރެންގެ ބައްޕައަކީ އެހާ އަނިޔާވެރި މީހަކަށްވީމަ." ހިތްވަރު ކޮށްފައި ނާވީ އޭނަގެ ހިތުގެ ޝިކާޔަތުތައް، ބަންޑުން ކުރަން ފެށިއެވެ. ބައްޕަގެ ކުރިމަތީގައި އެހިތަށް އަރަމުން ދިޔަ ހުރިހާކަމެއް ޖެހިލުމެއްނެތި ހާމަކުރަން ފެށިއެވެ. ނާވީއަށް އޭނާގެ ބައްޕައާ ވާހަކަ ދެއްކުނީ މީގެ ކުރިން ދުވަހަކުވެސް ނުދައްކާ ރާގަކަށެވެ. އޭނަ ހުރީ ނުރުހުންވެފައި ނަމަވެސް އެ ދެލޮލުން ވޭނީ ވިދުމެއްގެ އަސަރު ފެނިލިއެވެ. އެހެންނަމަވެސް މިފަހަރު ނާވީ ނަމީރާ ނަޒަރު ވަކިކޮށްލާކަށް ނޫޅުނެވެ. އޭނަ ހުރި ގޮތަށް ހުރީއެވެ. އެހިތްވަރު އޭނައަށް ލިބުނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ.
ނާވީއާ ނަޒަރު ވަކިކޮށްލަން މަޖުބޫރުވީ ނަމީރަށެވެ. ނާވީ ހާމަކުރި ވާހަކަތަކަށްފަހު، ފުރަތަމަ ފަހަރަށް ނަމީރަށް ކުށްވެރި އިޙްސާސްއެއް ކުރެވުނެވެ. ރައާބިލް އެ ޙާލުގައި ވަނިކޮށް ދޮގު ހެދުމަށްފަހު، އިތުރު ހިތްދަތިކަމެއް ދެވުނީތީއެވެ. އަމިއްލަ އެދުން އިސްކުރެވުނީތީ ލަދުވެތިވެވުނެވެ. އެންމެ ގާތް އެކުވެރިޔާއަށް އެފަދަ ގޮތަކަށް، ދެރައެއް ދޭން ވިސްނުނީތީ އަމިއްލަ ނަފްސަށް އަޑުލެވުނެވެ.
"އެއީ ބައްޕަގެ އެންމެ ގާތް ރަޙްމަތްތެރިޔާއެއް ނޫންތަ؟ ދެން ކީއްވެ އެފަދަ ގޮތަކަށް ކަންތައް ކުރަން ވިސްނީ؟" އިސްޖަހާލައިގެން އެއްޗެއް ނުބުނެ ނަމީރު ހުންނަން ފެށުމުން، އިތުރަށް ވާހަކަ ދައްކަން ނާވީއަށް ހިތްވަރު ލިބިގެން ދިޔައެވެ. ބައްޕައަށް ވިސްނައިދޭން ނާވީ ބޭނުންވިއެވެ. ކުށެއް ނެތް މީހަކު މެރުމަކީ ގޯހެކެވެ.
ނާވީ ދެއްކީ ހުސް ތެދު ވާހަކަތައްކަން ނަމީރުގެ ސިކުނޑި އޭނައަށް ވިސްނައިދެމުން ދިޔައެވެ. ހިމޭންކަން އިޚްތިޔާރުކުރި ނަމަވެސް ސިކުނޑި ހީވަނީ ފަޅައިގެން ހިނގައިދާނެހެންނެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހިސާބަށް ވެސް އޭނައަށް ވިސްނުނީ ހަމައެކަނި އަމިއްލަ ދަރިފުޅާ މެދުގައެވެ. ރަނީމްއަށް ގެއްލުން ދީގެންވެސް ނާވީއަށް ލިބޭނެ އަނިޔާއަކުން ސަލާމަތްކުރަން ބޭނުންވީއެވެ. އޭނަ އަމިއްލަ ދަރިފުޅުގެ ސަލާމަތާއި ރައްކާތެެރިކަމަށް އެދޭފަދައިން ރައާބިލްވެސް އޭނަގެ ދަރިފުޅު ހިމާޔަތްކުރަން ބޭނުންވާނެކަން ނުވިސްނުނީއެވެ. ނޫނީ އެކަމުގައި ހުރި ނުރައްކާތެރިކަމެއްގެ ސަބަބުން އެކަމަކާ މެދު ވިސްނަން ބޭނުން ނުވީއެވެ. އޭނަގެ ސިކުނޑިއަށް ދެން ވެރިވެގެން ދިޔައީ ރައާބިލް އޭރު ބުނެލި ބަސްތަކެކެވެ.
"އަހަންނަށް މި އަނިޔާ ދީފައި ކަލޭމެން އެކަކަށް ވެސް ހަމަޖެހުމެއް ނުލިބޭނެ. މިއަދު ނޫނީ މާދަން. މަގޭ އަރުތެރޭ ލީ ހިތިރަހަ ކަލޭމެންގެ އަރުބުޑުގައި ވެސް އަދި ލާނެ. ހަނދާންކުރައްޗޭ..." ނަމީރުގެ ކަންފަތުގައި އެ ބަސްތައް ގުގުމަން ފެށުމާއެކު، އޭނަ ހުރި ގޮތަށް ތިރިވިއެވެ. ހީވީ އެގޮތަށް ވައިގެ ތެރޭގައި ހުންނަންވެސް ކުޅަދާނަ ނުވީ ހެންނެވެ. ނާވީ ވެސް ގަހުން ފުންމާލައިފިއެވެ. ބައްޕަގެ މޫނުމަތީން ފެނުނު އަސަރުތަކުން އޭނައަށް ވެސް އަސަރުކުރިއެވެ. އެ ފަދަ މާޔޫސްކަމަކާއި ކުށްވެރި އަސަރުތަކެއްދުވަހަކުވެސް އޭނައަށް ފެނިފައެއް ނުވެއެވެ.
"ބައްޕާ... ކޮންމެވެސް އެއްޗެއް ބުނެބަލަ..." ނަމީރު ހިމޭންކަމާއެކީ އެއްވެސް އެއްޗެއް ނުބުނެ ހުންނަން ފެށުމުން ނާވީއަށް ބުނެވުނެވެ.
"ބައްޕަ ރައާބިލްގެ ކައިރިން މާފަށް އެދޭނީ ކިހިނެއް؟ ރަނީމް... އެއީ ރައާބިލްގެ ސަމްރާ ވިހެއި ދަރިފުޅު... ހަމައެކަނި ދަރިފުޅާ ދެތެރޭ ވިސްނާލާފަ ދޮގު ހަދަން މަޖުބޫރުވީ." ނަމީރަށް ބުނެވުނެވެ. އޭނަ ނާވީއަށް ބަލައިލިއެވެ.
"ބައްޕައަށް އެންމެ ފުރަތަމަ ރަނީމް ފެނުނީ ދަރިފުޅާއެކު އެ ރަށުގެ ރުއްފާ ތެރެއިން. އެ ދުވަހު އެ މަންޒަރު ފެނުމުން ބައްޕަގެ ހަނދާނަށް އެންމެ ފުރަތަމަ ވެސް އައީ ރައާބިލް. އެކަމުގެ ސަބަބުން ރައާބިލްއަށް ލިބުނު އަނިޔާ. އޭނަ ތަޙައްމަލް ކުރަން ޖެހުނު ވޭން. ދަރިފުޅަށް އެނގޭތަ؟ ބައްޕަ އެ ދުވަހު އެރަށް ދިޔައީ ރައާބިލްއަށް ކަމެއް ކޮށްދޭން. އޭނަ އެތައް ދުވަހެއް ވަންދެން ކުރި އާދޭސްތަކަށްފަހު، ސަމްރާއާއި އޭނަގެ ދަރިފުޅުގެ ޚަބަރު ހޯދަންވެގެން. އެކަމަކު ފެނުނު މަންޒަރާއެކު ބައްޕަ ބިރުގަތީ. އޭރު ނޭނގެ ރަނީމްއަކީ ރައާބިލްގެ ދަރިފުޅުކަމެއް. ބައްޕައަށް ރަނީމްއާ ސަމްރާގެ ގުޅުން އެގުނީ މާފަހުން. އެއީ ބައްޕަ ރަނީމްއަށް ގެއްލުން ވެސް ދިން ފަހުން. އެ ދުވަހު ނާވީ ރަނީމް ސަލާމަތްކޮށްދިނީ. ހަޤީޤަތް އެނގުނު ދުވަހުވެސް ބައްޕަ މަސައްކަތްކުރީ ރަނީމްއަށް ގެއްލުން ދިނުމަށް. އެކަމަކު އެހިތްވަރު ނުލިބުނީ ރަނީމްއާ ސަމްރާއާ ދެމީހުން އެއްކޮށް ފެނުމުން. ރަނީމްއަކީ ކާކުކަން އެނގުމުން. ނާވީއާ ދޭތެރޭ ވިސްނާލާފަ އަނެއްކާވެސް ބައްޕަ ރަނީމްއަށް ގެއްލުން ދޭން ނިންމީ. އަދި ރައާބިލްގާތު ދޮގު ހެދީ އެކަމަށް މަގުފަހި ކުރުމުގެ ގޮތުން... އެކަމަކު މިހާރު ވިސްނިއްޖެ އެއީ އެންމެ ރަނގަޅު ގޮތް ނޫންކަން..." ނަމީރުގެ އަޑުގައި ކުށްވެރިކަމުގެ އަސަރު ނޫނީ ނުވެއެވެ. އޭނަ ހުރީ ހަމަ ހަޤީޤަތުގައިވެސް ދެރަވެފައެވެ.
"ބައްޕާ..." ނާވީ އެއްޗެއް ބުނަން އުޅުނު ނަމަވެސް އަނެއްކާވެސް ނަމީރު އޭނަގެ ޖުމްލަ މެދު ކަނޑައިލިއެވެ.
"ރައާބިލްއަށް ލިބުނު އަނިޔާ އެންމެ ގާތުން ފެނުނީ ބައްޕައަށް. ވީއިރު އެފަދަ އަނިޔާއެއް އަމިއްލަ ދަރިފުޅު ތަޙައްމަލް ކުރާތަން ބަލަން ކެތްކުރާނީ ކިހިނެއް؟ އެހެންވެ އެހުރިހާގޮތަކަށް ކަންތައްކުރެވުނީ." ނަމީރުގެ އަޑުން އިންތިހާ ހިތާމަވެރިކަން ފާޅުވަމުން ދިޔައެވެ. "އަމިއްލަ އެދުން އިސްކުރެވުނީ އެހެންވެ."
"އިއްޔެވެސް މިއަދު ވެސް ބައްޕަ އިސްކުރީ އަމިއްލަ އެދުން. އެންމެ ގާތް އެކުވެރިޔާ އެ ޙާލުގައި ވާން ދޫކޮށްލީ ކީއްވެ؟" ނާވީ އަނެއްކާވެސް ސުވާލުކޮށްލިއެވެ. ހުރިހާކަމެއްގެ އެންމެ ފުނަށް ފީނަން ނާވީ ހުރީ އަޒުމު ކަނޑައަޅައިގެންނެވެ. އޭނަ އެ ދައްކަނީ ޖުންދީގެ ވާހަކަތަށްކަން ނަމީރަށް ފަހުމްވިއެވެ.
"އެ ދުވަހު ބައްޕައަށް އިތުރު ގޮތެއް ނެތުނީ. ކާފަގެ އަނިޔާއާ ކުރިމަތިލާން ޖެހުލިންވީ. ޤަބޫލުކުރަން ރައާބިލް އެކަނި ދޫކޮށްލެވުނުކަން. އަމިއްލަ އެދުން އިސްކުރެވުނުކަން ވެސް ޤަބޫލުކުރަން. އެކަމަކު... އެކަމަކު ނާވީއަށް ތިޔަ އަޑު އިވުނީ އަދި އެންމެ ރަނގަޅަކަށް ނޫން. ތީ ރައާބިލްގެ ވާހަކަ. ބައްޕައެއް ކާފަ ކައިރީގައި ޖުންދީގެ އެއްވެސް ވާހަކައެއް ނުބުނަން. އެ ހުރިހާކަމެއް ސިއްރުވެސް ކުރިން. އެންމެ ފަހު ވަގުތާ ޖެހެންދެން ރައާބިލްއަށް އެހީވުމަށް މަސައްކަތްވެސް ކުރިން. ކާފަ ސިފައިންނާއެކު ގޮސް ބައްޕަ ހައްޔަރުކުރީ ވެސް ރައާބިލް އެދުނު ކަންތައް ކޮށްދޭން ވެގެން ޖުންދީގެ ކައިރީގައި ހުއްޓާ. އެއަށްފަހު ކާފަ ބައްޕަ މިނިވަންކުރަން ކުރި ޝަރުތަކީ ރައާބިލް ހައްޔަރުކޮށްގެން ގެނައުން. އެކަމަކު ރައާބިލް ހީކުރީ ބައްޕަކަމަށް އެހުރިހާ ޚަބަރެއް ކާފައަށް ދިނީ... " ނަމީރު ފުން ނޭވާއެއް ދޫކޮށްލިއެވެ. ނާވީ ތަފްސީލް ބޭނުންވާ ފަދައަކުން ބަލަހައްޓައިގެން ހުރުމުން އޭގެ ފަހުގައި ކަންތައް ވީގޮތްވެސް އޭނަ ތަފްސީލުކޮށްދޭން ފެށިއެވެ.
"އުމުރު ދުވަހު ޖަލެއްގައި ޤައިދުވެގެން ހުންނާނެ ހިތްވަރެއް ބައްޕަގެ ނެތް. ކާފަގެ ފަރާތުން ހަރުކަށިކަން ނާވީއަށް ފެނިފައި ނެތަސް، އެކަން އެންމެ ގާތުން ފެނުނު މީހަކީ ބައްޕަ. ރައާބިލްގެ ދަރިއަކީ އިންސިއެއް. އެކަން ބައްޕައާއި ކާފަވެސް ޔަޤީންކުރިން. މިއަދު ދަރިފުޅު އިންސިއެއް ދެކެ ލޯބިވީކަން އެނގުމުންވެސް ކާފަގެ އުސޫލުތަކަކަށް ބަދަލެއް ނާންނާނެ. ކިހިނެއް ބައްޕަ ނާވީ ރައާބިލް އޮތް ޙާލަތުގައި ވާން ދޫކޮށްލާނީ..." ނަމީރު ބުންޏެވެ.
"އެކަމަކު ކީއްވެ ރަނީމް މަރާލަން އުޅުނީ؟ އޭނަގެ ކުށެއް ނެތޭ. ރަނީމްގެ މަންމަގެ ޙާލަތު ބައްޕައަށް ނުފެނޭތަ؟ ބައްޕަ ރަނީމް މަރައިލުމުން ކާކު އޭނައަށް އެހީވާނީ." ނާވީ ވާހަކަ ދެއްކިއެވެ. އޭނަގެ ވާހަކަތަކުން ނަމީރަށް ފުން އަސަރުތަކެއް ކުރަމުން ދިޔަކަން ވެސް ނާވީއަށް އެނގެއެވެ. ހިތުގެ ހުރިހާ އުދާސްތަކެއް ނަމީރުގެ ކުރިމަތީގައި ފާޅުކުރަން ފެށުނީ ވެސް އެހެންވެގެންނެވެ.
"ކޮންމެ ގޮތެއް ވިޔަސް ރަނީމް އަކީ އަޅުގަނޑުގެ ލޯބި. އެއީ އިންސާނަކަށް ވިޔެއްކަމަކު، ފަރުވާލެއް ނެތް. އަހަރެން ދުވަހަކު ވެސް އޭނަ ދުލެއް ނުކުރާނަން. ކޮންމެ ނުރައްކަލަކުން އޭނަ ސަލާމަތްކުރާނަން. އެކަމަކަށްޓަކައި، ކޮންމެ މީހަކަ ވެސް ކުރިމަތިލާން ޖެހިލުމެއް ނުވާނަން. " ނާވީ ހުރީ ގޮތުގައެވެ. އޭނަގެ އަޑުގައިވި ޖެހިލުންކުޑަކަމުން ނަމީރު ނުތަނަވަސްވިއެވެ. ނާވީއަށް ނުވިސްނެނީ ކީއްވެހެއްޔެވެ؟ ކާފައާ ކުރިމަތިލުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. މާޒީ އަލުން ތަކުރާރުވާން ޖާގަ ދޭނީ ކިހިނަކުން ހެއްޔެވެ؟ ނާވީއަށް ވިސްނައިދިނުމަކީ ނާދިރުކަމެއްކަން ނަމީރަށް ފަހުމްވިއެވެ.
"ދަރިފުޅު ރައާބިލްއަށް ހުރިހާ ވާހަކައެއް ކިޔައިދޭނީތަ؟ އޭނަގެ ދަރިފުޅުގެ ހަޤީޤަތް ބުނެދޭނީތަ؟" ނަމީރަށް ސުވާލުކޮށްލެވުނެވެ. ރައާބިލްއަށް ހަޤީޤަތް އެނގޭ ހިސާބުން ރައާބިލް އޭނަދެކެ އިތުރަށް ރުޅި އައިސް ނަފްރަތު ކުރުން ނޫން ކަމެއް ނުވާނެއެވެ.
"އެ ހައްޤު އޭނައަށް ލިބިގެންވޭ. އެތަނުގައި އޮވެ އެ ލިބޭ ވޭނަށް ކުޑަވެސް ލުޔެއް ލިބޭނެ ގޮތަކީ އެއީ." ނާވީ ބުނެލިއެވެ.
ފަތިހުގެ ފިނިކަމުގެ މައްޗަށް އިރުގެ ހޫނު އަތް ގަދަކުރަން ފެށީ ވެސް ނާވީއާއި ނަމީރާ ވާހަކަ ދައްކަން އެތަނުގައި ތިއްބައެވެ. ނަމީރު ކެނޑި ނޭޅި ނާވީ ގާތު އެކަންތައް ރައާބިލްއަށް ސިއްރުކުރަން ބުނަމުންދިޔަ ނަމަވެސް ނާވީ ގޮތެއް ދުލެއް ނުކުރިއެވެ. އުޑުމައްޗަށް ބަލައިލުމާއެކު، ނަމީރު ދާންވެގެން އަވަސްވެގަތީ އިރު އެރި ފަހުންނެވެ. އެ ދުވަހު ގަނޑުވަރުގައި އިސް ވަޒީރުންނާއެކު ބާއްވާ ބައްދަލުވުމަކަށް އޭނަ ދާން ޖެހޭތީއެވެ. ވަރަ ހުޅުވައިލާ އެތަނުން ދާން ތައްޔާރު ވެލުމަށްފަހު ނަމީރު މަޑު ޖެހިލުމަށްފަހު ނާވީއާ، ވާހަކަ ދެއްކިއެވެ.
"ވިސްނައިގެން އުޅޭތި. ކާފައަށް ކިރިޔާ ޝައްކެތް ވިޔަސް ހުރިހާކަމެއް ބޮއްސުން ލައިގެން ދާނެ." ނަމީރު އެހެން ބުނެލިހެން ހީނުވެ ފެހިނޫ އައްޔެއް އެރުމާއެކު އެނަ އުދުހިގަތެވެ. އެއާއެކު މާގިނަ އިރެއް ނުވެ ގެއްލިއްޖެއެވެ.
ނާވީ ފުންނޭވާއެއް ދޫކޮށްލިއެވެ. އެނަގެ މަޤްސަދަކަށްވީ އަނެއްކާވެސް، ބިންގަރާހަށް ވަނުމެވެ. އެހެންނަމަވެސް ދުވަހުގެ ބާކީ އޮތް ވަގުތުތަކުގައި އޭނައަށް އެކަމެއް ކާމިޔާބެއް ނުވިއެވެ.
އެ ދުވަހު ހަވީރު ރަނީމްއާ ބައްދަލުކޮށްފައި ނާވީ އެނބުރި ޝަހަރަށް އައީ އިރު އޮއްސެން އުޅެނިކޮށެވެ. ގަނޑުވަރަށް ދިޔުމުގެ ބަދަލުގައި އޭނަ ގޮސް ތިރިކޮށްލީ ބިންގަރާހުގެ ބިއްދޮށުގައިވާ ޖަންގަލީގެ ތެރެއަށެވެ. އިރުކޮޅަކު ފާރަވެރިންގެ ހަރަކާތްތަކަށް ބަލަން ގަހެއްގެ ގޮފިގަނޑު މަތީގައި އިނުމަށްފަހު، ފުންމައިލީ އެތެރެއަށް ވަދެވޭނެކަމުގެ ޔަޤީންކަން ލިބުމުންނެވެ.
އޭނަ ބިންގަރާހަށް ވަދެގެން ގޮސް ރައާބިލްގެ ގޮޅި ކައިރީގައި މަޑުކޮށްލިއެވެ. ނާވީ ފެނުމާއެކު، ރައާބިލް އައިސް ތޭރިތަކުގެ ކައިރީގައި މަޑުކޮށްލިއެވެ. އޭނަ ވާހަކަ ފެށީ ކުރީ ދުވަހު ނާވީ ވާހަކަ މެދު ކަނޑައިލި ހިސާބުންނެވެ. ރައާބިލްގެ މޫނުމަތީގައިވަނީ ކެތްތެރިކަން ކުޑަވެފައިވާ ފަދަ އަސަރެވެ.
"އަހަރެންގެ ދަރިފުޅާ ބެހޭ ގޮތުން އެނގެނީ ކޯންޗެއްކަން ބުނެދީ؟" ރައާބިލް ސުވާލުކޮށްލިއެވެ. އެއާއެކު ނާވީ ފުންނޭވާއެއް ދޫކޮށްލަމުން ހަމަޖެހިލިއެވެ. އޭނަ ހަޤީޤަތް ހާމަ ކޮށްލަން ނަފްސު ތައްޔާރުކޮށްލިއެވެ.
"އެ ދަރިފުޅު ދުނިޔޭގަ އެބަ ހުރި..." ނާވީ މަޑުމަޑުން ބުނެލިއެވެ.
"އެހެންވާނީ ކިހިނެއް؟ އަހަރެންގެ ދަރިފުޅު މަރުވިކަމަށް ބުނީ ނަމީރުގެ ދުލުން...." އިވުނު ޚަބަރުން ރައާބިލްއަށް ބޮލުގައި ހިފައްޓައިލެވުނެވެ. އެހެންވާނީ ކިހިނެއް ހެއްޔެވެ؟ އަނެއްކާ ނަމީރު އޭނައަށް ދޮގު ހެދީ ހެއްޔެވެ؟ ދޮގު ހެދި ނަމަ އެކަމުގެ މަޤްސަދަކީ ކޮބާ ހެއްޔެވެ؟ ރައާބިލް އުޅެން ފެށި ގޮތުން ނާވީއަށް އިސްޖަހައިލެވުނެވެ. ލަދުވެތިކަން އޭނައަށް އިޙްސާސްވިއެވެ.
"އެ ދަރިފުޅަށް ކިޔަނީ ރަނީމް…." ނާވީ މަޑުމަޑުން ބުނެލިއެވެ.
"ރަނީމް؟" ރައާބިލްއަށް ތަކުރާރުކޮށްލެވުނެވެ. އޭނާގެ ދެލޮލަށް ވަގުތުން ކަރުނަތައް ޖަމާވެގެން ދިޔައެވެ. އެއީ ސަމްރާ އަބަދުވެސް ބުނާ ނަމެކެވެ. އޭނަ ބުނެފައިވަނީ އަންހެން ކުއްޖަކު ލިބިއްޖެނަމަ ކިޔާނީ ރަނީމް ކަމުގައެވެ. ޖަޒުބާތުގައި ޖެހި ކުޑަ ވަގުތު ކޮޅަކަށް އޭނަ ނަމީރުމަތީން ވެސް ހަނދާން ނެތުނެވެ. ކުރި އަސަރެއްގެ ސަބަބުން ދެލޯ މަރައިލެވުނެވެ. އެ އިޙްސާއްތައް ހަމައަކަށް އަޅުވަން ރައާބިލްއަށް ކުޑަ ވަގުތު ކޮޅެއް ނެގިއެވެ. އޭނަހަމައަކަށް އެޅިލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ދެލޯ ފުހެލިއެވެ. ނަމީރު ދޮގު ހެދިކަން ހަނދާންވުމާއެކު، އަނެއްކާވެސް ރުޅިވެރިކަން ނަފްސުގައި އުތުރި އަރައިގެންފިއެވެ.
އޭނަ ބާރަކަށް ތޭރިތަކުގައި ހިފައްޓާލިއިރު ހުރީ ދަތްކުނޑި ވިކާލައިގެންނެވެ.
"ކަލޭގެ ބައްޕަ ކޮބާ؟ އޭނަ ގެނޭ... އޭނަ އަހަންނަށް ދޮގު ހެދީ ކީއްވެގެން؟..... ކޮބާހޭ އޭނަ. ގެންނާށޭ ބުނެފީމެއްނު." ރައާބިލް މޮޔައަކު ހެން އުޅެން ފެށި ގޮތުން ނާވީ ވަށައިގެން ބަލައިލިއެވެ. އެހެން ބަޔަކު އެތަނަށް އަތުވެދާނެތީ އޭނަ ޖެހިލުންވީއެވެ. ނާވީ އެދުނީ އަޑު މަޑުކުރުމަށެވެ. ރައާބިލް ހަމައަކަށް އެޅުވުން އޭނައަށް ފަސޭހަކަމަކަށް ނުވިއެވެ.
"އަހަރެން މިތަނަށް މި އަންނަނީ ކަލޭއަށް އެހީވުމަށް... ވީއިރު މިކަން އިތުރު ބަޔަކަށް އެނގިއްޖެއްޔާ، އެކަން ކޮށްދޭން އަހަންނަށް އުނދަގޫވާނެ." ނާވީ ބުނެލިއެވެ. ރައާބިލް ހަމަޖެހެން މަސައްކަތްކުރިއެވެ.
"ކަލޭ އެހާވަރުން ހަޤީޤަތް ހޯދާ އަހަންނަށް އެހީތެރިވާ ސަބަބަކީ ކޮބާ؟" އޭނަ ސުވާލުކޮށްލިއެވެ. ނާވީގެ މަޤްސަދާ މެދު ޝައުޤުވެރިކަން އުފެދުނެވެ.
"ހުރިހާ ކަމެއް ވެސް ކިޔައިދޭނަން. އެކަމަކު އަހަރެން މި ކުރާ ސުވާލަށް ޖަވާބު ދީ. ރަނީމްގެ އަތުގައި އަޅާފައި އޮތް އުޅާގެ ބޭނުމަކީ ކޮބާ؟"
(ނުނިމޭ)