ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ދައުރު ހަމަވާން ދެ މަހަށް ވެފައިވަނިކޮށް އެ ޓްރައިބިއުނަލަށް ކުރިމަތިލެއްވީ ކުރިން ނިންމަވާފައި ހުރި ނިންމެވުންތައް ހިނގަމުން އަންނަ ގޮތް ބަލާލަން ޝައުޤުވެރިކަން ހުރުމުން ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެއެވެ.
ޓެކްސް އެޕީލް ޓްރެބިއުނަލްގެ ދެ މެންބަރުންގެ މަގާމު ހުސްވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އެ މަގާމަށް މީހުން ހޯދަން ތިން ފަހަރެއްގެ މަތިން ރައީސް އޮފީހުން އިއުލާނުކުރިއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަތް ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފައެވެ. އެ ލިސްޓުގެ އެންމެ ކުރީގައި އުޅުއްވަނީ މަހާޒެވެ.
ޖުޑީޝަރީ ކޮމިޓީން މިއަދު ބޭއްވި އިންޓަވިއުގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން، ޤާނޫނީ ދާއިރާގައި 17 އަހަރު ވަންދެން މަސައްކަތްކުރައްވާފައިވާ މަހާޒު ވިދާޅުވީ، ޓެކުހާ ގުޅޭ މައްސަލަތައް ނިންމުމަކީ އޭނާއަށް އެހާ އުނދަގޫކަމެއް ނޫން ކަމަށާއި ސުޕްރީމް ކޯޓުގައި ޓެކުހާ ގުޅޭ 34 މައްސަލައެއް އޮތްއިރު ގިނަ މައްސަލަތައް ނިންމީ އޭނާ ކަމަށެވެ.
"އޭގެ ތެރެއިން އެންމެ ގިނަ މައްސަލަ ނިންމި މީހަކީ އަޅުގަނޑު، ވަކިކުރުމާ ހަމައަށް ޓެކުހާ ގުޅޭ އެއްވެސް މައްސަލައެއް ނޯންނާނެ،" ވަރަށް ޔަގީންކަމާ އެކު މަހާޒު ވިދާޅުވިއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ދެން އޮތީ ވަރަށް ކުރު މުއްދަތެއްކަން ޝާހިދުގެ އިތުރުން، ކޮމިޓީގެ މުގައްރިރު އަދި މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކު ފާހަގަކުރެއްވުމާ ގުޅިގެން މަހާޒު ވިދާޅުވީ، މިއީ ކުރު މުއްދަތެއްގައިވިޔަސް ތަޖުރިބާކޮށްލަން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ހިނގި 121 މައްސަލައެއްގެ ތެރެއިން މިހާރު ވެސް މި އަހަރާއި މިދިޔަ އަހަރުގެ ގިނަ މައްސަލަތައް ތަތުބީޤުވަމުން އަންނަކަން މަހާޒު ފާހަގަކުރެއްވިއެވެ.
"އެހެންވީމާ މަތީ މަރުހަލާގެ ކޯޓެއްގަ މަސައްކަތްކުރުމަށް ފަހު ދަށު އެންމެ ލޯލެވަލްގައި މަރުހަލާގައި މަސައްކަތްކުރީމާ ކުރިން ނިންމާފައި ހުރި ނިންމުންތައް ތަތުބީޤުކުރެވިގެން އަންނަ ގޮތް، ހިންގަމުން އަންނަ ގޮތް ބަލާލަން އެކްސްޕްލޯކޮށްލަން މިއީ ރަނގަޅު ފުރުސަތެކޭ،" އޭނާ ވިދާޅުވިއެވެ.
ފަނޑިޔާރުކަމުން މަހާޒް ވަކިކުރީ ސުލޫކީ މައްސަލައެއް ބެލުމަށް ފަހުގައެވެ. އޭރު މަހާޒް ވަނީ ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމަށް ވެސް ތުހުމަތުކުރައްވާފައެވެ.