ތައުލީމީ ދާއިރާއިން ގުޅުން ބަދަހިކުރަން ޖަޕާނާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މިއަދު މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު އިޝިގާމީ ރުމީކޯ، މެޑަމް ސާޖިދާގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގައެވެ.
މި އަހަރަކީ ޖަޕާނާއި ރާއްޖޭގެ ސިޔާސީ ގުޅުމަށް 58 އަހަރު ފުރޭ އަހަރެވެ.
އެހެންވެ، ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) މެދުވެރިކޮށް، ރާއްޖޭގައި ތަމުރީނާއި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި ތައުލީމީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ މައްޗަށް ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޖަޕާނު ސަފީރާއި މެޑަމް ސާޖިދާ: ދެ ބޭފުޅުން ވަނީ ގުޅުން ބަދަހިކުރަން މަޝްވަރާކުރައްވާފައި -- ފޮޓޯ/ ރައީސް އޮފީސް
އެ އޮފީހުން ބުނީ، މިހާރު ވެސް ރާއްޖޭގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމަށްވާ ޖަޕާން އޯވަސީސް ކޯޕަރޭޝަން ވޮލަންޓިއާޒް (ޖޭއޯސީވީ) އިން ސްޕެޝަލައިޒްޑް އެޑިއުކޭޝަނާއި ފިޒިކަލް އެޑިއުކޭޝަންގެ ދާއިރާތަކުން މިހާރު ކުރަމުންދާ މަސައްކަތްތައް މެޑަމް ސާޖިދާ ފާހަގަކުރެއްވި ކަމަށެވެ. އެ ގޮތުން، ޖަޕާނު ސަރުކާރުން މިފަދަ މަޝްރޫޢުތަކާއި، ރާއްޖޭގެ އުމްރާނީ، މުވާސަލާތީ، އަދި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި އެ ކަމަށް ޝުކުރުއަދާކުރެއްވި ކަމަށް އެ އޮފީހުން ބުންޏެވެ.
މިއަދުގެ ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ސަފީރު އިޝިގާމީ ރުމީކޯ ވަނީ ރާއްޖޭގެ ތަރައްގީގައި ޖަޕާނުން ބައިވެރިވަމުންދާނޭކަމުގެ ޔަގީންކަން ތަކުރާރުކުރައްވައި، ތައުލީމާއި، އިޖުތިމާއީ ދާއިރާތަކުން މެޑަމް ސާޖިދާ ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވާފައެވެ.