ދިވެހިރާއްޖޭގައި ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިން (ޓީވެޓް)ގެ ޚިދުމަތްދޭތާ 50 އަހަރު ފުރޭ މުނާސަބުގައި، މޯލްޑިވްސް ޕޮލިޓެކްނީކްއިން އެހާރާއި މިހާރު ދައްކުވައިދޭ ގޮތަށް ކުރިއަށްގެންދާ ފޮޓޯ މައުރަޒު "ވޮކޭޝަނަލް ޖާނީ އިން ފްރޭމްސް" ރަސްމީކޮށް ހުޅުވައިފިއެވެ.
މި މައުރަޒު މިއަދު ރަސްމީކޮށް ހުޅުވައިދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.

ނައިބު ރައީސް ފޮޓޯ މައުރަޒު ބައްލަވާލައްވަނީ: މިއީ ޓީވެޓް ޚިދުމަތުގެ އެހާރާއި މިހާރު ފެންނަ މައުރަޒެއް -- ސަން ފޮޓޯ/ މާނިއު މުހައްމަދު
ސިފްކޯ ހޯލުގައި މިއަދު ހެނދުނު ކުރިއަށްދިޔަ ރަސްމިއްޔާތުގައި މި ފޮޓޯ މައުރަޒު ހުޅުއްވައިދެއްވުމަށް ފަހު ނައިބު ރައީސް ވަނީ، އިއްޒަތްތެރިން ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ފިލާ ބޯޑުގައި ސޮއިކުރައްވާފައެވެ. އަދި، މޯލްޑިވްސް ޕޮލިޓެކްނީކްގެ ދަރިވަރުން ތައްޔާރުކުރައްވާފައިވާ އުފެއްދުމެއް، ނައިބު ރައީސަށް ވަނީ އަރުވާފައެވެ. މި އުފެއްދުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަތްޕުޅަށް އެރުވީ، މޯލްޑިވްސް ޕޮލިޓެކްނިކްގެ ޗީފް އެގްޒެކެޓިވް އޮފިސަރު، ޛޫޝާން ކަމާލުއްދީނެވެ.

ނައިބު ރައީސް ފޮޓޯ މައުރަޒު ބައްލަވާލައްވަނީ: މިއީ ޓީވެޓްގެ ޚިދުމަތަށް 50 އަހަރު ފުރުން ފާހަގަކުރަން ފެށި މައުރަޒެއް -- ސަން ފޮޓޯ/ މާނިއު މުހައްމަދު
އެއަށް ފަހު، ނައިބު ރައީސް ހުސައިން ވަނީ، "ވޮކޭޝަނަލް ޖާނީ އިން ފްރޭމްސް" ފޮޓޯ މައުރަޒު ބައްލަވާލައްވާފައެވެ.
މި މައުރަޒަކީ ރާއްޖޭގެ ތަރައްޤީއަށް ޓީވެޓް ދާއިރާއިން ކޮށްފައިވާ އަގުހުރި ޚިދުމަތްތަކާއި، މި ދާއިރާއިން ކުރިމަގުގައި ކުރާނެ މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތަކެއް އެކުލެވޭ މައުރަޒެކެވެ. މި މައުރަޒު ކުރިއަށްދާނީ މި މަހު 7 އަދި 8 ގައި ސިފްކޯ ހޯލުގައެވެ.

ފޮޓޯ މައުރަޒުގެ ތެރެއިން: މިއީ ޓީވެޓް ޚިދުމަތުގެ އެހާރާއި މިހާރު ފެންނަ މައުރަޒެއް -- ސަން ފޮޓޯ/ މާނިއު މުހައްމަދު
އެކި އަހަރުތަކުގައި އެކި ނަންނަމުގައި ހިންގަމުން ގެންގޮސްފައިވާ، ދިވެހިރާއްޖޭގައި ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގް (ޓީވެޓް)ގެ ޚިދުމަތް ރަސްމީ ސިފައެއްގައި ފެށުނީ 1975 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ.