ހަމާސް ޖަމާއަތް ފުނޑުފުނޑުކޮށްލެވިއްޖެ: ނަތަންޔާހޫ

ބައިނަލްއަގްވާމީ ކޯޓަށް ފިލައިގެން އުޅޭ ނަތަންުޔާހޫ

ޓެލްއަވީވު (07 އޮކްޓޯބަރު 2025): ޣައްޒާގެ ހަނގުރާމައަށް ދެ އަހަރުވީއިރު ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތް ފުނޑުފުނޑުކޮށްލުމުގައި އިސްރާއީލު ކާމިޔާބު ހޯދައިފިކަމަށް ބައިނަލްއަގުވާމީ އަދާލަތަށް ބޭނުންވެފައިވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

ނަތަންޔާހޫއަކީ ހަނގުރާމައިގެ ޖަރީމާ ހިންގިކަމުގެ ކުށުގައި ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް ބޭނުންވެފައިވާ މީހެކެވެ. އެ ކޯޓުން ހައްޔަރުކުރުމުގެ އަމުރު ނެރުމުން އެ ކޯޓަށް ފިލައިގެން އުޅޭ މީހެކެވެ.

އެމެރިކާގެ ޔަހޫދީ ނޫސްވެރިއެއް ކަމަށްވާ ބެން ޝަޕިރޯގެ ޕޮޑްކާސްޓަށް ދިން ބަސްދީގަތުމެއްގައި ނަތަންޔާހޫ ބުނީ ހަމާސް ފުނޑުފުނޑުކޮށް ލެވިފައިވާތީ ޣައްޒާގައި އިސްރާއީލު ކުރަމުން ގެންދާ ހަނގުރާމަ ނިމުމާ ގާތަށް ގޮސްފައިވާކަމުގައެވެ.

ނަމަވެސް، ހަމާސް އަސްކަރީ ގޮތުން ބަލިކުރެވިއްޖެތޯ ކުރި ސުވާލެއްގެ ޖަވާބުގައި ނަތަންޔާހޫ ބުނީ ހަމާސް ފުނޑުފުނޑު ކޮށްލެވުނު ނަމަވެސް ހަމާސް އަސްކަރީ ގޮތުން އަދިވެސް ބަލި ނުކުރެވޭކަމުގައެވެ.

ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ ރަހީނުން ބާރުގެ ބޭނުންކޮށްގެން މިނިވަންކުރުމުގައި އިސްރާއީލަށް އެއްވެސް ކާމިޔާބެއް ލިބިފައިވޭތޯ ކުރި ސުވާލެއްގެ ޖަވާބުގައި ނަތަންޔާހޫ ވަކި އެއްޗެއް ނުބުނެއެވެ. އަދި، ޣައްޒާ ހިފައި އިސްރާއީލުގެ ކޮންޓްރޯލްގެ ދަށަށް ޣައްޒާ ގެނެވިއްޖެތޯ ކުރި ސުވާލުގެ ޖަވާބުގައި ވެސް އެއްޗެއް ބުނުމަށް ނަތަންޔާހޫ ވަނީ ފަސްޖެހިފައެވެ.

ނަމަވެސް، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ކުއްލި އަސްކަރީ ހަމަލާއަށް ދެ އަހަރު މިއަދު ފުރޭއިރު އިސްރާއީލުން ވަނީ އަސްކަރީ ގޮތުން ކުރިއަށް ވުރެ ވެސް މާ ބޮޑަށް ބާރުގަދަވެފައި ކަމަށް ނަތަންޔާހޫ ބުންޏެވެ.

ޔަމަންގެ ހޫޘީ ޖަމާއަތުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އިސްރާއީލަށް މިސައިލާއި ޑްރޯނުން ދޭ ހަމަލާތައް ހުއްޓުވުމުގައި ވެސް އިސްރާއީލަށް ކާމިޔާބު ލިބިފައެއް ނުވެއެވެ. މިދިޔަ އާދީއްތަ ދުވަހު ވެސް ހޫޘީންވަނީ އިސްރާއީލުގެ މައި އެއާޕޯޓަށް ބަލިސްޓިކް މިސައިލުން ހަމަލާތަކެއް ދީފައެވެ. މިކަމުގެ ސަބަބުން އިސްރާއީލުގެ މިލިޔަނަކަށް ވުރެ ގިނަ މީހުން ބިންގަރާސްތަކަށް ވަންނަން ޖެހި އެއް ގަޑީއިރަށް އިސްރާއީލުގެ މައި އެއާޕޯޓް ވެސް ބަންދުކުރަން ޖެހުނެވެ.

އަސްކަރީ މުހައްލިލުން ވިދާޅުވާ ގޮތުގައި ޣައްޒާގައި އިސްރާއީލުން ކުރަނީ ހަނގުރާމައެއް ނޫނެވެ. އިސްރާއީލުން ފައިޓާޖެޓުންނާއި އެ ނޫން ވެސް ބަރުހަތިޔާރުން ހަމަލާދެނީ ޣައްޒާގެ ހަތިޔާރު ނެތް އާންމުންނަށެވެ. އެހެންކަމުން ޣައްޒާގައި އިސްރާއީލު ހިންގަނީ ހަތިޔާރުނެތް އާންމުންނާ ދެކޮޅަށް ގަތުލުއާންމުތަކެކެވެ. ނަސްލު ނައްތާލުމުގެ ޖަރީމާތަކެކެވެ. ހަނގުރާމައެއް ނޫނެވެ.

ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް ފިލައިގެން އުޅޭ ނަތަންޔާހޫ، ބެން ޝަޕިރޯ ގެ ޕޮޑްކާސްޓަށް ދިން ބަސްދީގަތުމުގައި ބުނީ، ޓްރަމްޕް ގެ ޕްލޭނާ އެއްގޮތަށް ހަދާ ޑީލާ އެކު ހަމާސްއިން އިސްރާއީލުގެ އަސީރުން މިނިވަންކުރާނެ ކަމުގައެވެ. އެއާއެކު ޣައްޒާގެ ހަނގުރާމަ ނިމުމަކަށް އައިސް ޣައްޒާގައި އޮތް ހަމާސްގެ ވެރިކަން ވެސް ވެއްޓޭނެ ކަމުގައެވެ. އަދި ހަމާސްގެ ބާރު ވެސް ޣައްޒާއިން ނެތި ގެންދާނެ ކަމުގައެވެ.

ހަމާސްއާ އެކު ޑީލްއެއް ނުހަދައި ބާރުގެ ބޭނުންކޮށްގެން އިސްރާއީލަށް މިކަންކަން ނުކުރެވުނީ ކީއްވެގެންތޯ ކުރި ސުވާލަށް ޖަވާބު ދިނުމަށް ވެސް ނަތަންޔާހޫ ވަނީ ފަސްޖެހިފައެވެ.

އިސްރާއީލުން ޣައްޒާގައި ހަނގުރާމަ ކުރަނީ އެމެރިކާއާއި ޔޫރަޕްގެ ގިނަ ގައުމުތަކަކުން އެންމެ ޒަމާނީ ހަތިޔާރާއި ވަސީލަތްތަކާ އަދި ޖާސޫސީ މައުލޫމާތު ލިބިގެންނެވެ. އަދި، ހުޅަނގުގެ ބާރުތަކުގެ ރައްކާތެރިކަމާއި ހިމާޔަތް ވެސް ލިބިގެންނެވެ. ނަމަވެސް، ހަމާސްއަކީ އެއްވެސް ފަރާތަކުން ހަތިޔާރެއް ހިމާޔަތެއް އަދި ޖާސޫސީ މައުލޫމާތެއް ވެސް ލިބޭ ޖަމާއަތެއް ނޫނެވެ. އެޖަމާއަތަށް ހުރިހާ ކަމެއްވަނީ މަނާކޮށްފައެވެ. ހަމާސް އޮތީ ވެސް އިސްރާއީލުގެ ހަރުކަށި ހިސާރުގެ ދަށުގައެވެ.

ނަމަވެސް، ޣައްޒާގެ ހަނގުރާމައަށް ދެ އަހަރު ވީއިރު ވެސް ޣައްޒާގައިވާ ހަމާސް ޖަމާއަތުގެ ބިންގަރާސްތައް ހޯދުމުގައި ވެސް އަދި އިސްރާއީލުގެ އަސީރުން ހައްޔަރުކޮށްފައި ތިބި ތަންތަން ދެނެގަތުމުގައި ވެސް އިސްރާއީލަށް އެއްވެސް ކާމިޔާބެއް ލިބިފައެއް ނުވެއެވެ.

މީގެ އިތުރުން, ޣައްޒާގެ ރައްޔިތުންގެ ބޮލަށް ބޮންއަޅައިގެން އެ މީހުން ޑަޒަން ޑަޒަނަށް ޝަހީދުކޮށްގެން ވެސް އަދި ކާބޯތަކެތިން މަހުރޫމުކޮށް ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސައިގެން އެ މީހުން ޝަހީދުކޮށްގެން ވެސް ޣައްޒާގެ ރައްޔިތުން އެ މީހުންގެ ވަޒަނުން ބޭރުކޮށްލުމުގައި އިސްރާއީލުވަނީ މުޅިން ނާކާމިޔާބުވެފައެވެ. މީގެ އިތުރުން، ޣައްޒާގެ ރައްޔިތުން ހަމާސްއާ ދެކޮޅަށް ނެރުމަށް އިސްރާއީލާއި އެމެރިކާ ރޭވި ރޭވުންތައްވެސްވަނީ ނާކާމިޔާބުވެފައެވެ.

comment ކޮމެންޓް