ގަޑިން ދަންވަރު ދޭއްޖެހިކަން އިއުލާންކުރިތާ ގިނައިރެއްނުވެ، ފޯނުގެ ރިންގުގެ އަޑު ކޮޓަރި ތެރޭގައި ގުގުމައިލިއެވެ. އަރާމު ނިންޖެއްގެ ތެރޭގައި އޮތް މިރާން ފުންމައިގެން ތެދުވިއެވެ. ގަޑިން ދެގަޑި ތޭރަ ހިނގީއެވެ. އިސްކްރީނަށް އަރާފައި އޮތް ނަންބަރު ފެނުމުން، މިރާން އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ.

"ޔޫ ނީޑް ޓު ކަމް ސަރ!..." ފޯނުގެ އަނެއްކޮޅުން ވާހަކަ ދެއްކި ފުލުސްމީހާ ބުނެލިއެވެ.

ހުޅުމާލޭގައި ކުއްޔަށް ދޫކޮށްފައިވާ އެޕާޓްމަންޓެއްގެ ތެރެއިން މަރުވެފައިވާ އަންހެނެއްގެ ހަށިގަނޑު ފެނުނީއެވެ. ގަދަކަމުން މީހަކު އެތެރެއަށް ވަދެފައިވާކަމުގެ ނިޝާނެއް ނެތެވެ. އަންހެންމީހާގެ އަގުބޮޑު ފޯނާއި ލެޕްޓޮޕާއި ވޮލެޓުފަދަ އެއްޗެއް ގެއްލިފައެއް ނުވެއެވެ. ގޭތެރޭގައި ފުލުހުންގެ ޓީމެއް ހަރަކާތްތެރިވަމުން ދިޔައެވެ. ޝައްކު ކުރެވޭ އެއްވެސް ކަމެއް، ނުވަތަ ހެއްކެއް ފެނޭތޯ މަސައްކަތް ކުރިއެވެ.

"ސަރ!..." މިރާން އެތެރެއަށް ވަންތަން ފެނުމުން، ފުލުހަކު ހަލުވި ފިޔަވަޅުތަކެއްގައި މިރާންގެ ކައިރިއަށް ދިޔައެވެ.

"ވިކްޓިމް އައިޑެންޓިފައި ކުރެވިއްޖެތަ؟..." މިރާން ސުވާލުކުރިއެވެ.

"ލައްބަ... ޝަބާނާ ގާސިމް... ޓްވެންޓީ ނައިން އިޔަރސް.." ފުލުސްމީހާ ދިއްކޮށްލީ، މަރުވެފައި އޮތް މީހާގެ އައިޑީކާޑެވެ.

"ޝައްކު ކުރެވޭ އެއްވެސް ކަމެއް؟..." ކާޑުގައި ހިފަމުން، މިރާން ސުވާލުކުރިއެވެ.

"ދެޓް ޕެއިންޓިންގް..." ފުލުސްމީހާ އިޝާރާތްކުރީ އަންހެންމީހާ އޮތް ދިމާއިން ފާރުގައި ހަރުކޮށްފައިވާ ކުރެހުމަށެވެ.

ކުރެހުމުން ފެންނަނީ އަނދިރި ގޮޅިއެކެވެ. ގޮޅީގެ މެދުގައި ވެއްޓިފައި އޮތް އަންހެނެއް ކުރަހާފައިވާއިރު، އެމީހާގެ ވަށައިގެން ރަތްކުލައިގެ ލޭ ތިކިތަކެއް ބުރާފައި ހުންނަހެން ކުލަޖައްސާފައި ހުއްޓެވެ. ތަސްވީރުގައި އަންހެންމީހާ ވެއްޓިފައި އޮތް ގޮތާއި، މަރުވެފައި އޮތް އަންހެންމީހާ އޮތްގޮތް އެއްގޮތެވެ. އެއްވެސް ތަފާތެއް ނެތެވެ. ކުރެހުމަށް ބަލަން މިރާން އިރުކޮޅަކު ހުއްޓެވެ.

"މީ ކާކުގެ ކުރެހުމެއް؟..." މިރާން ސުވާލުކުރިއެވެ.

"މުބީން..." ފުލުސްމީހާ ޖަވާބު ދިނެވެ. "އަޅުގަނޑުމެން މިކޮޅަށް އައި އިރުވެސް އެ ޕެއިންޓިންގް އިނީ އެތާ ހަރުކޮށްފަ... ގޭގެ ވެރިފަރާތުން ބުނީ، މީގެ ހަފްތާއެއް ކުރިން މި ޕެއިންޓިންގް މުބީންގެ އަތުން ގަނެގެން ގެނައީ ވިކްޓިމް އަމިއްލައަށް ކަމަށް..."

މިރާން ތަސްވީރުގެ ކައިރިއަށް ޖެހިލިއެވެ. ފުން ނަޒަރެއް ދިނެވެ. އަންހެންމީހާގެ މަރާއި އެ ކުރެހުމާއި ކޮންމެވެސް ގުޅުމެއް ވެއެވެ. ތަސްވީރުން ފެންނަ މީހާގެ ހަށިގަނޑު އޮތް ގޮތާއި މަރުވެފައިވާ މީހާގެ ހަށިގަނޑު އޮތްގޮތް އެއްގޮތްވުން އެކަމުގެ ހެއްކަކަށް ފުދެއެވެ.

"މީ އިއްތިފާގެއް ނޫން... ތަހުގީގު ނިމެންދެން އެކަކަށްވެސް މިގެއަށް ވަދެވިގެން ނުވާނެ... ހާއްސަކޮށް، އެ ޕެއިންޓިންގް... އެކަކުވެސް އެ ޕެއިންޓިންގަ އަތްލައިގެން ނުވާނެ... އެއީ މި ކޭސްގެ ކްލޫއެއް..." މިރާން ދާން ހިނގައިގަތެވެ. "މުބީންގެ އެޑްރެސް ފޮނުވާލަދީ..."

ގޭގެ ދޮރުގައި ޓަކި ޖަހައިލުމާއިއެކު، ދޮރު ހުޅުވީ ތިރީހަކަށް އަހަރުގެ ފިރިހެނެކެވެ. ކަނދުރާއާއި ހަމައަށް އޮތް އިސްތަށިގަނޑު ރަބަރަކުން އައްސައި، ހައްޔަރުކޮށްފައި އޮތްއިރު، ލައިގެން ހުރީ ގަޔަށް ދޫ ހުދު ޓީޝާޓެކެވެ. އޭނާގެ ދެލޮލުން ފެނުނީ ވަރުބަލިކަމެވެ.

"މުބީން؟..." ކުރިމަތީގައި ހުރީ މުބީން ކަން އެނގުނު ނަމަވެސް މިރާން ބޭނުންވީ ޔަގީންކުރާށެވެ.

"އެ އަންހެންމީހާގެ މަރުގެ ހަބަރު އަހަންނަށް ލިބިއްޖެ..." މިރާން އައި ބޭނުން އެނގޭ ފަދައިން މުބީން ބުނެލިއެވެ. "ތި އައީ ޕެއިންޓިންގެ ވާހަކަ އަހަންދޯ؟..."

"ވިކްޓިމްއަށް ޕެއިންޓިންގް ވިއްކިންތަ؟...." މިރާން އަހައިލިއެވެ.

"އާނ... އެކަމަކު...." މުބީން ދޫކޮށްލީ ފުން ނޭވާއެކެވެ. "އެއީ.. އެއީ އަހަރެން ވިއްކަން ކުރެހި އެއްޗެއް ނޫން..."

"ދެން ކީއްވެ ވިއްކީ؟..." މިރާންގެ މޫނުން ފެނުނީ ހައިރާންކަމެވެ.

މުބީން އެއްޗެއް ބުނަން އުޅެފައި ހިމޭންވިއެވެ. މޫނުން ފެނުނީ ނުތަނަވަސްކަމާއި ކަންބޮޑުވުމުގެ އަސަރެވެ.

"ބައެއްފަހަރު އަހަރެމެން ބޭނުންނުވާ އެތައް ކަމެއް ކުރަންޖެހޭ... ހިތަށް އުނދަގޫވިޔަސް..." މުބީންގެ ވާހަކައިން އޭނާ ކަމެއް ސިއްރުކުރަން މަސައްކަތް ކުރާކަން މިރާންއަށް އެނގުނެވެ.

"އިންސްޕެކްޓަރ މިރާން؟..." މިރާން އިތުރު އެއްޗެއް ބުނުމުގެ ކުރިން ފަހަތުން މީހަކު ގޮވާލި އަޑު އިވުނެވެ.

މިރާން ފަސްއެނބުރުނުއިރު، ކުރިމަތީގައި ހުރީ ޒުވާން އަންހެން ކުއްޖެކެވެ. ތުންފަތުގައި ލުއި ހިނިތުންވުމެއްގެ އަސަރުވީއިރު، ފިރިހެނުންގެ ހިތްތައް ކަތިލާވަރުގެ ތޫނު ކަޅިރަވައެއް ލިބިފައި ވިއެވެ. އޭނާގެ އަތުގައި ޓެބްލެޓަކާއި ކެމެރާއެއް އޮތެވެ. ހަލުވި ފިޔަވަޅުތަކެއްގައި ހިނގާލާފައި އައިސް މިރާންމެންގެ ކުރިމަތީގައި ހުއްޓިލިގޮތުން އޭނާގެ ކެރުންތެރިކަން ހާމަކޮށްދެއެވެ.

"ޒަލޫލީ... ހާބަރ ޓައިމްސްގެ ޖާނަލިސްޓެއް..." ޒަލޫލީ އޭނާގެ ކަރުގައި އަޅާފައިވާ ކާޑު ދައްކައިލަމުން، އަމިއްލަ ތައާރަފެއް ދިނެވެ.

"ހަބަރުތައް ދާލެއް ހާދަ އަވަހޭ..." އަމިއްލަ ނަފުސަށް އިވޭ ވަރަށް މިރާން ބުނެލިއެވެ.

"އައި މޭކް ޝުއަރ އޮފް ދެޓް..." މިރާން ބުނި އެއްޗެއް އަޑު އިވުނުކަން އަންގައިލުމަށް ޒަލޫލީ ބުނެލިއެވެ. "އެންމެ ރަނގަޅުތަ މި ކޭސް ކަވަރ ކުރިޔަސް؟... ޕަބްލިކްއަށް ހަގީގަތް އެނގުން މުހިއްމު..."

"ނޫނޭ..." މިރާން ދެކޮޅުހެދިއެވެ.

"އެކަމަކު، މި ކޭސް ދޫކޮށްލުން އެއީ އަހަރެންގެ ސްޓައިލެއް ނޫން..." ޒަލޫލީ ޖަހައިލީ ލުއި ހިނިގަނޑެކެވެ.

ދެ ދުވަސް ފާއިތުވެގެން ދިޔައީ ތަހުގީގަށް މާބޮޑު ކުރިއެރުމެއް ނުލިބިއެވެ. ތަހުގީގު ޓީމަށް އިތުރު ގޮންޖެހުމެއް ކުރިމަތިކުރުވީ، އިތުރު މަރަކާއި އެކުގައެވެ.

"މޫސާ ސަލީމް... ވިކްޓިމްއަށް ބައްތިރީސް އަހަރު... ބާތް ޓަބްގެ ތެރެއަށް ގެނބިގެން މަރުވީ..." ފުލުސްމީހާ މިރާންއަށް ތަފްސީލް ދިނެވެ.

ފުރަތަމަ މަރެކޭ އެއްގޮތަށް ދެވަނަ މަރުގައިވެސް އެއްގޮތްކަމެއް ހުއްޓެވެ. މަރުވެފައި އޮތް މީހާގެ ކައިރީގައި މުބީންގެ ކުރެހުމެއް އޮތެވެ. މަރުވި މީހާ އޮތީ ކުރެހުމުގައިވާ ގޮތަކަށެވެ. ހަމަ އެ މާހައުލެވެ. އެ ކުލަތަކެވެ. މުބީންގެ ކުރެހުމެކެވެ. އަނެއްކާވެސް އިއްތިފާގެއް ހެއްޔެވެ؟

ރިޕޯޓު ލިޔަން ފެށިގޮތަށް މިރާންއަށް އިނދެވުނީ ފިކުރެއްގެ ތެރެއަށް ގެއްލިފައެވެ. ތަހުގީގުގެ މިސްރާބު އަނބުރައިލަންވީ ކޮޅެއް ހުދު މިރާންއަށްވެސް ނޭނގުނެވެ. ގާތިލު ހުރިހާ ކަމެއް ކޮށްފައި ހުރީ ނުހަނު ފުރިހަމައަށެވެ. އެއްވެސް ހެއްކެއް ނެތެވެ. ގޮނޑީގައި ލެނގިލިގޮތަށް ލޯ މަރާލައިގެން އިންދާ، މިރާންގެ ނޭފަތުގައި ހަރުލީ އަންހެން ސެންޓެއްގެ މީރު ވަހެވެ. ލޯ ހުޅުވައިލިއިރު، ކުރިމަތީގައި އިން ޒަލޫލީ ފެނި، މިރާންއަށް ސިހުމެއް ލިބުނެވެ. ޒަލޫލީގެ ނަޒަރު ހުއްޓިފައިވީ ސީދާ މިރާންގެ ދެލޮލަށެވެ. މިރާން ބަލައިލުމުން ޒަލޫލީ ހިނިތުންވެލިއެވެ. މިރާން އަވަސް އަވަހަށް ހަށިގަނޑު ސީދާކޮށްލިއެވެ.

"ދެވަނަ މަރެއް.... އަނެއްކާވެސް ޕެއިންޓިންގްއެއް... އެނގޭދޯ އެބަ މި ވާ ގޮތެއް...." ޒަލޫލީ ވީހާވެސް ބޮޑަށް މޭޒާއި ކައިރިވެލިއެވެ. "ހީވޭތަ މުބީނަށް ފިއުޗަރ އެނގެނީހެން؟... ލައިކް ސްޕަރ ޕަވަރ؟... ވިޝަންސް؟..."

މިރާން ތެދުވެގެން ހިނގައިގަތެވެ. ޒަލޫލީވެސް މިރާންގެ ފަހަތުން ދިޔައެވެ. މިރާން ނުކުތީ ފުލުހުންގެ އިދާރާއިން ބޭރަށެވެ. އޭރު ތުނިތުނިކޮށް ވާރޭވެހެން ފަށައިފިއެވެ.

"އަހަރެން ގަބޫލުކުރާ އެއްޗެއް ނޫން، ސްޕަރ ޕަވަރ އަކީ... އެއްގޮތަކީ މި ހުރިހާ ކަމެއްގެ ފަހަތުގަ ހުރީ މުބީންއަށް ވުން.. އަނެއް ގޮތަކީ، ކޮންމެވެސް މީހަކު އޭނަ ފްރޭމް ކުރުން...." މިރާން އޭނާއަށް ވިސްނޭގޮތް ހާމަކުރިއެވެ.

"ކޮންމެ ގޮތެއްވިޔަސް، ހާދަ ފާޑެއްގެ ކަމެކޭ މީ..." ޒަލޫލީ ދެފަރާތަށް ބޯ ހޫރައިލިއެވެ. "ވެއިޓް... އެހެންވީމަ، މި ކޭސްގަ އަހަރެން ވޯކް ކުރިޔަސް އޯކޭތަ؟ އަހަންނަށް ޗާންސެއް ދެނީތަ؟..."

ޒަލޫލީ ބުނި އެއްޗެއް ވިސްނުމުން، މިރާންއަށް ޒަލޫލީގެ މޫނަށް ބަލައިލެވުނެވެ. ތަހުގީގުގެ މައުލޫމާތު ނޫސްވެރިއަކާއި ހިއްސާކުރެވުނުއިރުވެސް މިރާނަށް ރޭކާނުލިއެވެ. އެއީ ދުވަހަކުވެސް މިރާނަށް ވީގޮތެއް ނޫނެވެ. އޭނާއަކީ ގޮތުގައި ހިފަހައްޓާ މީހެކެވެ.

"ތޭންކް ޔޫ... ސޯ ސްވީޓް... އަހަރެން މި ކޭސް ކަވަރ ކުރާނަން... އެންމެ ތަންކޮޅެއްވެސް ދުލެއް ނުކުރާނަން... ޑީލް؟..." ޒަލޫލީ އަތް ދިއްކޮށްލިއެވެ.

މިރާން ޒަލޫލީގެ އަތަށް ބަލަން ހުއްޓާ، ޒަލޫލީ އަމިއްލައަށް މިރާންގެ އަތަށް ފިތާލާފައި މަގުމައްޗަށް ނުކުތުމަށް ދުއްވައިގަތެވެ. ތުނިކޮށް ވެހެމުންދިޔަ ވާރޭގެ ތެރޭގައި ދުވެލާފައި ގޮސް މަގު ހުރަސްކުރި މަންޒަރު ބަލަން ހުރި މިރާންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. މަގު ހުރަސްކުރުމަށްފަހު، ޒަލޫލީ ހަނާއަޅައިލިގޮތް ފެނުމުން މިރާންގެ ތުންފަތުގައިވި ހިނިތުންވުން ފުންވިއެވެ.

އިރުއޮއްސި އަނދިރިވީއިރު، މިރާން ހުރީ، މުބީންގެ ގޭގައެވެ. މުބީން ކުރަހަން ފަށައި، ނުނިމި ހުރި ގިނަ އަދަދެއްގެ ކުރެހުންތައް މިރާން ބެލިއެވެ. މުބީންގެ ހުރިހާ ކުރެހުމެއްގައިވެސް މީހުން ކުރަހާފައިވާއިރު، މޫނުގެ ގުނަވަންތައް ކުރަހާފައެއް ނުވެއެވެ. އެ ހުރިހާ ކުރެހުމެއްގެ ތެރެއިންވެސް މިރާންގެ ލޮލުގައި އަޅައިގަތީ، އެކޮޅުކޮޅުން ހަރުކޮށްފައިވާ ތަސްވީރެއްގައެވެ. މިރާން އެ ތަސްވީރު ނަގައިގެން ބެލިއެވެ.

"މީ... މީ... ދެވަނަ ވިކްޓިމް..." މިރާނަށް ބުނެވުނެވެ. "މީ ކާކު ކަން އެނގޭތަ؟..."

"އަހަންނަކަށް ނޭނގެ ތީ ކާކު ކަމެއް... މި ހުރިހާ ކަމެއް އަހަންނަށް ފެންނަނީ ހުވަފެނެއްގެ ތެރެއިން... އަހަރެން ކުރަހަނީ އަހަންނަށް ހުވަފެނުން ފެންނަ މަންޒަރުތައް... ހުވަފެނުގަ އަހަންނަށް ފެނޭ އެމީހުން މަރުވެފަ ތިބޭ މަންޒަރު..." މުބީން ތަފްސީލް ދިނެވެ.

"ތި ހީކުރީ އަހަރެން ތި ވާހަކަ ގަބޫލުކުރާނެކަމަށްތަ؟.." މިރާން ހިތްހަމަނުޖެހުނެވެ.

"އަހަރެން ބޭނުންވަނީ އެންމެ ކަމެއް... މިކަން ހުއްޓެން... މި ހުރިހާ ކަމެއް ހުއްޓެން... ފުލުހުން މިކަން ހުއްޓުވައިދީ..." މުބީން އާދޭހާއިއެކު އެދުނެވެ.

"އަހަރެމެން ތިކަން ކުރާނަން" މިރާން ބުނެލިއެވެ.

"ވަރަށް އަވަހަށް އެހެން މީހަކު މަރުވާނެ..." ހިޔާލަކަށް ގެއްލިފައި ހުރި މުބީން މިރާންއަށް ބަލައިލީ ޔަގީންކަން އެކުލެވޭ ނަޒަރަކުންނެވެ.

ރެސްޓޯރެންޓްގެ ތެރެއަށް ވަން މިރާން ފެނުމުން، ޒަލޫލީ އަތުން ހަނާ އަޅައިލިއެވެ.

"ކީއްކުރަން މިތަނުން ބައްދަލުކުރަން ބުނީ؟..." މިރާން އިނީ އެއްބުމަ އުފުލާލައިގެންނެވެ.

"އެހާ އަވަހަށް ހަނދާންނެތުނީތަ؟... އަހަރެމެން މީ ޕާޓްނާސްއޭ..." ޒަލޫލީ ތުންދަމައިލިއެވެ.

"ތީ ކޮންއިރަކު ވީ ކަމެއް؟..." މިރާން ދެފަރާތަށް ބޯ ހޫރައިލިއެވެ.

"އިއްޔެއެއްނު..." ޒަލޫލީ ބުނެލިއެވެ. "ތިއެއް ނޫނޭ... އަހަރެންވެސް ރޭގަ މުބީންގެ ގެއަށް ދިޔައިން... ގަބޫލު ކުރެވޭތަ އޭނަ ދައްކާ ވާހަކަ؟..."

"އަހަރެން ކުރިންވެސް ބުނީމެއްނު އަހަރެން ގަބޫލެއް ނުކުރަމޭ މެޖިކް އެއީ ރިއަލް އެއްޗެއް ކަމަކަށް..." މިރާން ފާޅުކުރީ އޭނާގެ ހިޔާލެވެ. "އިއްތިފާގަކުން ކަމެއް ވެދާނެކަމަށް ގަބޫލުކުރަން... އެކަމަކު، މި ކޭސްގަ، އެއްގޮތް ދެ މަރު... ގަބޫލުކުރަން އުނދަގޫ އިއްތިފާގަކަށް ވެދާނެކަމަށް..."

"އަހަންނަށް އައިއްސި އައިޑިއަރއެއް..." ޒަލޫލީ އޭނާގެ ޓެބްލެޓް މޭޒުމަތީގައި ބޭއްވިއެވެ.

"މީ ކޮން ނަންތަކެއް؟..." ޒަލޫލީގެ ޓެބްލެޓުން ފެންނަން ހުރި ނަންތަކަށް ބަލައިލަމުން މިރާން އަހައިލިއެވެ.

"ތީ މުބީންގެ ޕެއިންޓިންގްސްތައް ގަނެފަ ތިބި މީހުންގެ ތަފްސީލް..." ޒަލޫލީ ތަފްސީލް ދިނެވެ. "ރަޝީދު، މީ އަމިއްލަ ބިޒްނަސްއެއް ހިންގާ މީހެއް... ހަނާ، މީ ޓީޗަރެއް، މަސައްކަތް ކުރަނީ ސަރުކާރުގެ ސްކޫލެއްގަ... ދެން މީ އިމްރާން، އިމްރާނަކީ ލައިބްރަރީއެއް ހިންގާ މީހެއް... އަހަރެމެން ތި އެންމެން ޓްރޭސް ކުރާނީ... ނެކްސްޓް ވިކްޓިމްއަކީ އެތަނުން މީހަކަށްވުން ގާތް..."

"ތީ އަހަރެންގެ ހިޔާލަށް ކުރިން ނާންނަ ކަމެއް..." މިރާން ޒަލޫލީއަށް ބަލައިލީ އުއްމީދުން ފުރިފައިވި ނަޒަރަކުންނެވެ. "އެކްސަލެންޓް ވޯކް..."

"އަހަންނަކީ ކިހާ ޔޫސްފުލް މީހެއްކަން އަދި އިނގޭނެއޭ..." ޒަލޫލީ ތުއިވެލިއެވެ.

މިރާން އާއި ޒަލޫލީ ފުރަތަމަ ބައްދަލުކުރީ ރަޝީދަށެވެ. ރަޝީދުގެ އަތުގައި މުބީންގެ ކުރެހުމެއް އޮތެވެ. ހަމަ އެގޮތަށް ހަނާ އާއި އިމްރާންގެ އަތުގައިވެސް މުބީންގެ ކުރެހުމެއް އޮތެވެ.

"އެމީހުންގެ އަތުގަ ހުރީ މުބީންގެ ކުރެހުންތަކެއް ނޫން..." ފުލުހުންގެ އިދާރާއަށް ދިޔަ މަގުމަތީގައި ޒަލޫލީ ބުނެލިއެވެ. "މުބީންގެ ޕެއިންޓިންގްތަކުގެ ތިރީގަ އިންނަ ސިގްނޭޗާރއެއް ނޫން އެ ޕެއިންޓިންގްސްތަކުގަ ހުރީ... ލުކް... މީގަ މިހުރީ އާރް.އެމް ޖަހާފަ..." ޒަލޫލީ އޭނާގެ ފޯނުން ނަގާފައި ހުރި ތަސްވީރުތައް މިރާނަށް ދެއްކިއެވެ.

"ގޯހެއް އެބައުޅޭ... ކޮންމެވެސް މީހަކު މުބީން ކޮޕީ ކުރަނީ..." މިރާން އެއްބަސްވިއެވެ.

"ނެކްސްޓް ވިކްޓިމްއަކީ މި ތިން މީހުންގެ ތެރެއިން މީހެއް..." ޒަލޫލީ ބުނެލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު