އަންނަ އަހަރަށް ލަފާކޮށް އޮޑިޓަރު ޖެނެރަލްގެ އޮފީހުން 134.5 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޮޑިޓަރު ޖެނެރަލްގެ އޮފީހުން ބުނީ، އަންނަ އަހަރު 81 އޮޑިޓެއް ކުރިއަށް ގެންދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އޭގެ ތެރޭގައި ޚާއްސަ ނުވަ އޮޑިޓަކާއި މިނިސްޓްރީތަކުގެ 61 އޮޑިޓެއް ހިމެނޭ ކަމަށެވެ.
އޭގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ 94 އޮޑިޓެއް ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އާއި އދ. ގެ އެހީގެ ދަށުން ހިންގާ މަޝްރޫއުތައް ކުރިއަށް ދޭތޯ 27 އޮޑިޓެއް ހިންގުމުގެ އިތުރުން ކައުންސިލްތަކުގެ ދަށުން ހިންގާ ކުންފުނިތަކުގެ 22 އޮޑިޓަކާއި އެކި ކުންފުނިތަކުގެ އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ޑިޕާޓްމަންޓްގެ 16 އޮޑިޓެއް ހިންގޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާގެ ފަރާތުން ބުންޏެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޮޑިޓަރު ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ، އެ އިދާރާގެ ރިސޯސްތައް ހުންނަގޮތުން ބައެއް އޮޑިޓްތައް ޕްރައިވަޓައިޒްކުރަން ޖެހޭ ކަމަށާއި، ބައެއް އޮޑިޓްތައް އަހަރު ނިމޭއިރު ނުނިމި ލަސްވަނީ އެ ސަބަބާ ހެދި ކަމަށެވެ.
ނިޔާޒީ ވިދާޅުވީ، މީގެ ކުރިން އެ އިދާރާއިން އަމަލުކުރަމުން އައި އުސޫލަކީ އޮޑިޓް ރިޕޯޓުގެ މަސައްކަތް ނިމުމުން އޭގެ ކޮލިޓީ ބަލައި ރަނގަޅުކުރަން ހުރި ކަންކަން ރަނގަޅުކުރުން ކަމަށެވެ. އެކަމަކު، މި އަހަރުން ފެށިގެން ދެން އެ އިދާރާއިން އަމަލުކުރާނެ އުސޫލަކީ އޭނާ އައްޔަންކުރައްވާ އޮޑިޓަރުންގެ މަސައްކަތް ގާތުން ބައްލަވައި ސީދާ އޮޑިޓް ރިޕޯޓުތަކުގައި އޭނާ ސޮއިކުރައްވާ ގޮތަށް ކަމަށް ނިޔާޒީ ވިދާޅުވިއެވެ.
ނިޔާޒީ އިތުރަށް ވިދާޅުވީ، އޮޑިޓަރު ޖެނެރަލްގެ ދަށުން ހިންގާ ކޮމިޓީއެއް ވެސް އެކުލަވާލާފައިވާ ކަމަށާއި، ސަރުކާރު ކުންފުނިތައް އޮޑިޓްކުރާނީ އެ ކޮމިޓީން ނަގާ އޮޑިޓަރެއް ކަމަށެވެ.
އޮޑިޓަރު ޖެނެރަލްގެ އޮފީހުން ބުނީ، ރިކަރަންޓް ޚަރަދުގެ ގޮތުގައި އަންނަ އަހަރު 89 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ކެޕިޓަލް ޚަރަދުގެ ގޮތުގައި ތިން މިލިއަން ރުފިޔާ، އަދި ޕީއެސްއައިޕީ މަޝްރޫއުތަކަށް 41.5 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންވެ، އެ އިދާރާއިން ހުށަހެޅީ 134.5 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މިއީ އެ އޮފީހުގެ މި އަހަރުގެ ބަޖެޓަށް ވުރެ 20 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ބަޖެޓު އިތުރުކުރުމަށް އޮޑިޓަރު ޖެނެރަލްގެ އޮފީހުން ހުށަހެޅި ސަބަބުތަކެއް ކަމަށް ބުނީ، މިދިޔަ ސެޕްޓެންބަރު މަހުން ފެށިގެން ނޭޝަނަލް ޕޭ ފްރޭމްވޯކަށް އެ އޮފީހުގެ މުސާރައިގެ އޮނިގަނޑު ބަދަލުވެ، މުވައްޒަފުންގެ މުސާރައަށް 9.8 މިލިއަން ރުފިޔާ އިތުރުވުމުންނާއި، ފަސް ސީނިއާ އޮޑިޓަރުން އިތުރަށް ނެގުމަށް ބަޖެޓުކުރުމުންނެވެ.
އޮޑިޓަރު ޖެނެރަލްގެ އޮފީހުން ފާހަގަކުރިގޮތުގައި ގާތްގަނޑަކަށް އޮޑިޓަރުންގެ ހަތް ޓީމެއް ސީނިއާ އޮޑިޓަރުން ނުލާ މަސައްކަތްކުރާއިރު، ސީނިއާ އޮޑިޓަރުންގެ ޒިންމާ އަދާކުރަނީ އެ ޓީމުތަކުގައި އިސްކޮށް ތިބޭ އޮޑިޓަރުންނަށް އިތުރު އެލަވަންސެއް ދީގެންނެވެ. އޭގެ އިތުރުން އެ އޮފީހުގެ ލެޕްޓޮޕްތައް އާ ކުރަން 1.18 މިލިއަން ރުފިޔާ ޚަރަދުކުރަން ޖެހޭ ކަމަށް ވެސް އޮޑިޓަރު ޖެނެރަލްގެ އޮފީހުން ބުންޏެވެ.
މިއަދުގެ ބައްދަލުވުމުގައި އިތުރަށް ވާހަކަދައްކަވަމުން ނިޔާޒީ ވިދާޅުވީ، މި ވަގުތު އޮޑިޓަރު ޖެނެރަލްގެ އޮފީހުގައި 170 މުވައްޒަފުން މަސައްކަތްކުރަމުން އަންނައިރު 150 މުވައްޒަފުންނަކީ އޮޑިޓަރުން ކަމަށެވެ. ނަމަވެސް އެއީ މަދު އަދަދެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންވިޔަސް އޭނާ ވިދާޅުވިގޮތުގައި އެ އޮފީހުން ބަލަނީ އެފިޝެންސީ އިތުރުކޮށްގެން މަސައްކަތް ކުރުމަށެވެ.
އޮޑިޓަރު ޖެނެރަލް އޮފީހުގެ އާ އިމާރާތާ ގުޅޭގޮތުން ނިޔާޒީ ވިދާޅުވީ، އެ އިމާރާތް ފަރުމާކޮށް ބިނާކުރަނީ ކުރިއަށް އޮތް 50 އަހަރަށް މުވައްޒަފުން އިތުރުވިޔަސް އެއަށް ކޭޓާކުރެވޭ ވަރަށް ކަމަށެވެ. އޭނާ ވިދާޅުވީ، އެ އިމާރާތުގައި ހުސް ޖާގަ ހުންނާނެ ކަމަށާއި އެހެންކަމުން އޮޑިޓަރު ޖެނެރަލް އޮފީހުގެ ވިސްނުމަކީ ދައުލަތުގެ ބައެއް އިދާރާތަކަށް ވެސް އެ އިމާރާތުން ޖާގަ ދިނުން ކަމަށެވެ.
ނަތީޖާއެއްގެ ގޮތުން ކުއްޔަށް ކުރާ ޚަރަދުތައް ކުޑަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެއީ މިހާރު އަޅުގަނޑުމެން ކުއްޔަށް ވަރަށް އަގުބޮޑުކޮށް ހިފާފަ މިހުރީ، އަދި ދައުލަތުގެ ބައެއް ތަންތަނުން ކުއްޔަށް ވަރަށް ބޮޑު އަދަދެއްގެ ފައިސާއެއް އެބަ ހޭދަވޭ، އެހެންވީމާ އެގޮތަށް ބެލިޔަސް ހަގީގަތުގައި އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ކުއްޔަށް ކުރާ ހޭދަ ވަރަށް ބޮޑުތަން ކުޑަކުރެވިގެން ދާނެ،"
އިމާރާތަށް ދާ ޚަރަދު 12 އަހަރު ދުވަހުގެ ތެރޭ އޮޑިޓަރު ޖެނެރަލްގެ އޮފީހަށް ލިބޭނެކަމަށް ވެސް ނިޔާޒީ ވިދާޅުވިއެވެ.