އެއްވެސް ބަހުސެއް ކުރުމެއް ނެތި އަދި ފަހު ބަސް ވެސް އިއްވުމެއް ނެތި، ސަރުކާރުގެ ވަޒީރުން މާލީ ބަޔާން ހާމަނުކުރާނަމަ މުސާރައިން ކެނޑޭ ގޮތަށް، ގާނޫނުއަސާސީއަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.
އާދީއްތަ ދުވަހު ކުޑޫ ހުށަހެޅުއްވި ބިލު ތައާރަފުކުރީ އިއްޔެގެ ޖަލްސާގައެވެ. މިއަދުގެ ޖަލްސާގައި އެ ބިލަށް ބަހުސްކުރަން ތާވަލުކޮށްފައި އޮތްއިރު، ބިލުގެ ބަހުސަށް ހުޅުވާލުމުން ބަހުސްގައި ބައިވެރިވާނެ މެންބަރަކު ނުވިއެވެ. އަދި، ފަހުބަސް އިއްވުމަށް މަޖިލީހުގެ ރިޔާސަތުން ކުޑޫއަށް ފުރުސަތު ދިނުމުން، ކުޑޫ ވިދާޅުވީ ފަހުބަސް އިއްވަން ބޭނުންވެވަޑައިނުގަންނަވާ ކަމަށެވެ.
އެހެންވެ، ރިޔާސަތު ބެލެހެއްޓެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ނިންމެވީ ބިލުގެ ބަހުސް ނިމުނީ ކަމަށެވެ. އޭގެ ފަހުން މިއަދުގެ ޖަލްސާގައި މި ބިލު ބަލައިގަތުމަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 59 މެންބަރުން ވެސް ވަނީ ބިލު ބަލައިގަތުމަށް ވޯޓުދެއްވައިފައެވެ.
އާންމުގޮތެއްގައި ރައްޔިތުންގެ މަޖިލީހަށް ބިލު ތައާރަފުކޮށް ބިލު ހުށަހެޅުމުން ބިލަށް ބަހުސްކުރުމަށް ފަހު ނޫނީ ބަލައެއްނުގަނެއެވެ.
ވަޒީރުންގެ މުދަލާއި ފައިސާގެ ބަޔާން ހާމަކުރުން ލާޒިމުކޮށްފައިވަނީ ގާނޫނުއަސާސީގެ 138 ވަނަ މާއްދާގައެވެ. އެގޮތުން، ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުމެ، ކޮންމެ އަހަރަކު އެއް ފަހަރު އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓާ ޖެނެރަލަށް ހުށަހެޅުން ލާޒިމް ކަމަށް ބަޔާންކޮށްފައިވެއެވެ.
އެ މާއްދާ އިސްލާހުކުރަން ހުށަހަޅުއްވަމުން ކުޑޫ ވިދާޅުވެފައިވަނީ، އެ މާއްދާގައި ވަޒީރުން މުދަލާއި ފައިސާގެ ބަޔާން ހުށަހަޅަން ޖެހޭ ވަކި މުއްދަތެއް ނުވަތަ ވަކި ތާރީޚެއް ކަނޑައަޅައިފައިނެތް ކަމަށެވެ. އަދި، ވަޒީރުކަމުގެ ދައުރު ފެށުމާއެކު ވަކި މުއްދަތެއްގެ ތެރޭގައި ބަޔާން ހާމަކުރުން ލާޒިމެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެންވެ ކުޑޫ ހުށަހެޅުއްވި އިސްލާހުތަކަކީ:
- ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުމެ، ކޮންމެ އަހަރަކު އެއް ފަހަރު އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ މުދަލާއި ފައިސާގެ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށާއި އޮޑިޓާ ޖެނެރަލް ހުށަހަޅަން ވާނެއެވެ.
- އަހަރު ކަމަށް މާނަކޮށްފައިވަނީ، އެ މީހަކު ވަޒީރުންގެ މަޖިލީހުގެ މަގާމާ ހަވާލުވާ ތާރީޚުން ފެށިގެން އެއް އަހަރު ދުވަސް ހަމަވާ ތާރީޚަށް
- މުދަލާއި ފައިސާގެ ބަޔާން ހުށަހެޅުމުގެ ބޭނުމަށް، އެއް އަހަރު ދުވަހުގެ މުއްދަތު ގުނާ ނިމޭ ތާރީޚުން ފެށިގެން 90 ދުވަހުގެ ތެރޭގައި މުދަލާއި ފައިސާގެ ބަޔާން ވަޒީރުންގެ މަޖިލީހުގެ މެންބަރު ރައްޔިތުންގެ މަޖިލީހަށާއި އޮޑިޓާ ޖެނެރަލަށް ހުށަހަޅަން ވާނެ
- މުދަލާއި ފައިސާގެ ބަޔާނަކީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ލައިސަންސްޑް އޮޑިޓަރަކު ވެރިފައި ކޮށްފައިވާ ބަޔާނަކަށް ވާންވާނެ
- ކަނޑައެޅިފައިވާ މުއްދަތުގައި މުދަލާއި ފައިސާގެ ބަޔާން ހުށަނާޅައިފިނަމަ މުދަލާއި ފައިސާގެ ބަޔާން ހުށަހެޅުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް އެ ވަޒީރެއްގެ މުސާރައިން ދުވާލަކަށް ޖެހޭ އަދަދު ކެނޑެމުންދާނެ
- މުދަލާއި ފައިސާގެ ބަޔާން ހުށަހެޅުމުގެ އިތުރަށް، ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމަށް އައްޔަންކުރެވޭ ކޮންމެ މީހަކު އޭނާގެ މަގާމާ ހަވާލުވިއިރު، އޭނާއަށް ލިބިފައިވާ އާމްދަނީއާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަން ޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މުދަލާއި ފައިސާގެ ބަޔާން، އެ މަގާމާ އޭނާ ހަވާލުވާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށާއި އޮޑިޓާ ޖެނެރަލަށް ހުށަހަޅަން ވާނެ
- މާލީ ބަޔާންތައް އޮޑިޓާ ޖެނެރަލް އާންމުކޮށް ޝާއިއުކުރަންވާނެ
މީގެ އިތުރުން ކުޑޫ ވަނީ މަޖިލީހުގެ މެންބަރުން މާލީ ބަޔާން ހުށަހަޅެއްވުމާ ގުޅޭ ގޮތުން، މަޖިލީހުގެ ގަވައިދަށް ވެސް މިދިޔަ މަހު އިސްލާހުތަކެއް ހުށަހަޅުއްވައި، މިނިވަން މުސްތަގިއްލު މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ސަރުކާރު ކުންފުނިތަކުގެ އިސްވެރިން މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް އިއްޔެ އިސްލާހެއް ހުށަހަޅުއްވައިފައެވެ.