ކުލަބު މޯލްޑިވްސް ކްލަސިކުގެ ޗެމްޕިއަންކަން އެޗްޕީއެސްއެންއަށް

މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެޗްޕީއެސްއެން-- ފޮޓޯ: ކުލަބު މޯލްޑިވްސް

ކްލަބް މޯލްޑިވްސް ކްލަސިކު 2025 ގެ ޗެމްޕިއަންކަން ޓީމު އެޗްޕީއެސްއެންއިން ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން އެޗްޕީއެސްއެންއިން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ކުލަބު ބިނާރާއާ ވާދަކޮށް 3-1 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނެވެ.

ފުރަތަމަ ލީޑު ނެގީ ވެސް އެޗްޕީއެސްއެން އިންނެވެ. މެޗުގެ 10 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު ޝިހާމެވެ. އެޗްޕީއެސްއެންއިން ލީޑުފުޅާކޮށްފައިވަނީ ދެވަނަ ހާފުގެ 11 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ރިލްވާނެވެ.

ބިނާރާގެ ހަމައެކަނި ލަނޑު ފެނުނީ މެޗުގެ އެންމެ ފަހުކޮޅުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް ނާމީއެވެ. އެއަށް ފަހު އެޗްޕީއެސްއެންގެ އަޙްމަދު ރިލްވާން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެޗްޕީއެސްއެން އަޙްމަދު ރިލްވާނެވެ. އަދި, މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހުޅުމާލެ ހޮސްޕިޓަލްގެ ހަސަން ސޮލާހު ހޯދިއިރު، އޭނާ ވަނީ 14 ލަނޑު ޖަހާފައެވެ.

މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިޔާގެ މަގާމު ކްރިމިނަލް ކޯޓުގެ ޔައިޝް މުސްތަފާ ހޯދިއިރު، ފެއާޕްލޭ ޓީމަކީ ކުލަބު ބިނާރާއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އެޗްޕީއެސްއެންގެ އަޙްމަދު ޝޫންއާއި، މުޙައްމަދު ސޮލާހާއި، ގޯލްކީޕަރު އަޙްމަދު ސަމީރުގެ އިތުރުން ބިނާރާގެ އަލީ އިރުފާދު އަދި މުޙައްމަދު އަނޫފް ނާޝިދެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް އެޗްޕީއެސްއެންގެ މުޙައްމަދު ޝަނީޒް ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗްޕީއެސްއެންގެ އަޙްމަދު ޝޫންއެވެ.

މި އަހަރުގެ ކްލަސިކް މުބާރާތުގައި ވެސް ފޯރިގަދަ ގިނަ މެޗުތަކެއް ވަނީ ފެނިގެންގޮސްފައެވެ. އަދި ބޮޑު ތަރުހީބެއްވެސް ލިބުނެވެ.

comment ކޮމެންޓް