ރިޓަޔާކުރުމުން ލިބޭ 5000 ރުފިޔާ މާ ކުޑަ، 50،000 ރުފިޔާ ދޭންޖެހޭ: ޝާހިދު

ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު: --- ފޮޓޯ: މަޖިލިސް

ފަސްދޮޅަސް ފަސް އަހަރު ފުރުމުން، ވަޒީފާއިން ރިޓަޔަކުރުމުން ލިބޭ އިނާޔަތެއްގެ ގޮތުގައި 50،000 ރުފިޔާ ދޭން ގޮވައިލައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ހުށަހެޅުއްވި ރީއެމްޕްލޯއިމަންޓް ބިލަށް ބަހުސްކުރައްވަމުން ޝާހިދު ވިދާޅުވީ، ރިޓަޔަމަންޓާ ގުޅުންހުރި ގާނޫނުތައް މީގެ ކުރިން އެކުލަވާލިއިރު އެކަށީގެންވާ މިންވަރަށް ދިރާސާ ނުކުރާ ކަމަށެވެ.

އެގޮތުން މަޖިލިސް މެންބަރުން 55 އަހަރު ވުމުން ރިޓަޔަކުރާ އުސޫލަށް އިޝާރާތްކުރައްވަމުން އޭނާ ވިދާޅުވީ، އެހިސާބުން އެމީހަކަށް ލޯނެއް، ފްލެޓެއް ނުވަތަ ވަޒީފާއަކަށް ވެސް ކުރިމަތިނުލެވޭ ކަމަށެވެ.

އަދި 65 އަހަރު ފުރުމުން ވެސް ލިބެނީ އެންމެ 5،000 ރުފިޔާ ކަމަށާއި، މިއަދު އެ ވަރުން ދިރިއުޅުމުގެ ޚަރަދުތައް ނުފުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ ކުރިއަރައިފައިވާ ގައުމުތަކުގައި 55 ނުވަތަ 65 އަހަރު ވުމުން ރިޓަޔަކުރުމުން، ދިރިއުޅޭނެ ތަނަކާއި، ރަނގަޅު ބޭސް ފަރުވާ ލިބޭނެ ގޮތެއް އޮންނަ ކަމަށެވެ. ނަމަވެސް ތަހުޒީބީ ގައުމުތަކާ އަޅައިކިޔާއިރު ރާއްޖޭގައި އެ ފަދަ އެއްވެސް ކަމެއް ނެތް ކަމަށް ވިދާޅުވިއެވެ.

އަދި 5،000 ރުފިޔާގެ އިނާޔަތަކީ ނަމެއްގައި ދޭ އެއްޗެއް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

"5000 ރުފިޔާއަކީ އެއްވެސް އެއްޗެއް ނޫން. އަޅުގަނޑު ހުށަހަޅަން 50،000 ރުފިޔާ، ރިޓަޔާކުރާ ބޭފުޅުންނަށް 50،000 ރުފިޔާ ދެއްވަން. އޭރުން އެ އަބުރުވެރި ރިވެތި ދިރިއުޅުމެއްގައި އުޅެވޭނީ. އުޅެވޭ ވަރު ކުރަންޖެހޭ އެބަ ދެއްތޯ،" ޝާހިދު ވިދާޅުވިއެވެ.

އުމުރުން 65 އަހަރުވިޔަސް ބައެއް މީހުންގެ ގައިގައި މަސައްކަތްކުރުމުގެ ވަރު އެބަހުރި ކަމަށާއި، ނަމަވެސް ފެންނަނީ އެ މީހުން ދަތިހާލުގައި 5،000 ރުފިޔާއާއެކު އުޅޭ މަންޒަރު ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ އެ ރައްޔިތެއްގެ ރަށުގައި ހަމަޖެހިގެން އުޅެވޭނެ މަގު ތަނަވަސްކުރުން ކަމަށެވެ.

comment ކޮމެންޓް