މިނިވަން މުއައްސަސާތަކާއި ކުންފުނިތަކުގެ އިސްވެރިން މާލީ ބަޔާން ހުށަހަޅަން ލާޒިމްކުރުމަށް ހުށަހަޅައިފި

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) -- ފޮޓޯ/ މަޖިލިސް

މިނިވަން މުސްތަގިއްލު މަގާމުތަކާއި ކޮމިޝަންތަކުގެ މެންބަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް ބޭފުޅުން ވެސް މަޤާމުތަކާ ހަވާލުވާތާ އަހަރެއް ފަހުން މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތް ހެދުމަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަކިވަކިން މި އިސްލާހުތައް ހުށަހެޅުއްވި ސަބަބެއްކަމަށް ވިދާޅުވީ، މިނިވަން މުސްތަގިއްލު ކޮމިޝަންތަކުގެ މެންބަރުންނާއި އިސް މަޤާމުތައް ފުރުއްވަވާ ބޭފުޅުންގެ މުދަލާއި ފައިސާގެ ބަޔާން ހާމަކުރުން ލާޒިމްކޮށްފައިނުވާތީ، އެ ބޭފުޅުން ވެސް ޖަވާބުދާރީކުރެވޭނެ އުސޫލެއް ގާއިމްކުރުމެވެ.

އެގޮތުން ކުޑޫ އިސްލާހު ހުށަހެޅުއްވީ އޮޑިޓް ގާނޫނަށާއި ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި މޮނިޓާކުރުމުގެ ގާނޫނަށެވެ.

މި ދެ ގާނޫނުގެ ތެރެއިން ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި މޮނިޓާކުރުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވި ސަބަބުގައި ކުޑޫ ފާހަގަކުރެއްވީ، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގުމާއި އަސާސީ ޚިދުމަތްތައް ޤާއިމްކުރުމާއި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމުގެ އިތުރުން ދައުލަތުގެ މުހިންމު ބައެއް އެސެޓުތައް މެނޭޖުކުރަނީ ސަރުކާރު ކުންފުނިތަކުގެ އިސް ވެރިން ކަމަށެވެ.

އެހެންވެ ކުޑޫ ހުށަހެޅުއްވީ، މި މަޤާމުތަކާ ހަވާލުވާ ބޭފުޅުން ހަވާލުވާތާ ފުރަތަމަ 30 ދުވަހުގެތެރޭ އެ ފަރާތެއްގެ މިލްކިއްޔާތުގައިވާ ފައިސާއާއި މުދަލުގެ ތަފްސީލުތައް ހުށަހަޅަންޖެހޭ ގޮތް ހެދުމަށާއި، މަޤާމުތަކާ ހަވާލުވާތާ އެއް އަހަރު ދުވަސް ފާއިތުވާތާ ތިން މަހުގެ ތެރޭ ލައިސަންސް ލިބިފައިވާ އޮޑިޓަރަކު އޮޑިޓްކޮށްފައިވާ މާލީ ބަޔާނެއް ހުށަހެޅުމަށެވެ.

އޭގެ ތެރޭގައި ކުންފުނިތަކުގެ ޗެއާޕާސަނުން، މެނޭޖިން ޑިރެކްޓަރުން، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން، ސީއީއޯ، ސީއޯއޯ ފަދަ މަގާމުތައް ހިމެނެއެވެ.

އަދި މާލީ ބަޔާން ބަޔާންކޮށްފައިވާ މުއްދަތުގައި ހުށަނާޅައިފިނަމަ 5،000 ރުފިޔާއިން ޖޫރިމަނާކުރަން ވެސް ކުޑޫ ހުށަހެޅުއްވިއެވެ.

ސަރުކާރުގެ ވަޒީރުން މާލީ ބަޔާން ހާމަނުކުރާނަމަ މުސާރައިން ކެނޑޭ ގޮތަށް، ގާނޫނުއަސާސީ އިސްލާހުކުރުމަށް ވެސް ކުޑޫ ވަނީ ހުށަހަޅުއްވައިފައެވެ.

މީގެ އިތުރުން ކުޑޫ ވަނީ މަޖިލީހުގެ މެންބަރުން މާލީ ބަޔާން ހުށަހަޅެއްވުމާ ގުޅޭ ގޮތުން، މަޖިލީހުގެ ގަވައިދަށް ވެސް އިސްލާހުތަކެއް ހުށަހަޅުއްވައިފައެވެ.

އެ އިސްލާހުތަކުގެ ތެރޭގައި ވެސް، މެންބަރުން ދައުރު ފަށާއިރު އެ މީހުންގެ އަތުގައި ހުރީ ކޮން އެއްޗެއްކަމާއި އެ މީހުންގެ މަސްލަހަތު އޮންނަ ވިޔަފާރިތަކަކީ ކޮބައިކަން ރައްޔިތުންނަށް ހާމަ ކުރަން ޖެހޭ ގޮތަށް އިސްލާހުތައް ކަނޑައަޅައިފައިވެއެވެ.

މަޖިލިސް މެންބަރުން މާލީ ބަޔާން ހުށަނާޅުއްވާނަމަ، މުސާރައިން ކެނޑޭ ގޮތަށް މިހާރު ވެސް ގަވައިދުގައި އޮވެއެވެ.

މި ހިނގާ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް މިދިޔަ މަހު ވަނީ ހާމަކޮށްފައެވެ. އެގޮތުން ފަސް މެންބަރެއްގެ މާލީ ބަޔާން ލަސްވި ނަމަވެސް، އިތުރު މުއްދަތު ދިނުމުން އެ މެންބަރުން ވަނީ މާލީ ބަޔާން ހުށަހަޅުއްވައިފައެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެންނަން މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައިގެ ވޯޓު ބޭނުންވެއެވެ. އެއީ 93 މެންބަރުންގެ ތެރެއިން 70 މެންބަރުންނެވެ. މިހާރު މަޖިލީހުގައި ވެރިކަން ކުރާ ޕީއެންސީގެ 75 މެންބަރުން ތިއްބަވައެވެ. އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވަނީ 12 މެންބަރުންނެވެ.

comment ކޮމެންޓް