ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އާއި ލިވަޕޫލް ފުޓްބޯލް ކްލަބް (އެލްއެފްސީ) ގުޅިގެން "ޕެނަލްޓީ ޓު ޕެރަޑައިސް"ގެ ނަމުގައި ކެމްޕޭނެއް ފަށައިފިއެވެ.
މިއީ ދުނިޔޭގެ އެންމެ މަޤުބޫލު އެއް ފުޓުބޯޅަ ލީގު ކަމަށްވާ އިނގެރޭސި ޕްރިމިއާ ލީގު މެދުވެރިކޮށް، ރާޢްޖޭގެ ފަތުރުވެރިކަމަށް އޮތް ސަމާލުކަމާއި މަގުބޫލުކަން އިތުރުކޮށް އިޝްތިހާރުކުރުމަށް ފެށި ކެމްޕޭނެކެވެ.
މި ކެމްޕޭން ކުރިއަށްގެންދާނީ ލިވަޕޫލް ފުޓުބޯޅަ ކްލަބުގެ އެލްއެފްސީ މެންބަރުންގެ މެދުގައި ބާއްވާ ޕެނަލްޓީ މުބާރާތެއްގެ ގޮތުގައެވެ. މި މުބާރާތުގެ ފައިނަލް ކޮންޓެސްޓަންޓަށް ދޭ އެންމެ އަގުހުރި އިނާމުގެ ގޮތުގައި ކަނަޑައަޅާފައިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ދަތުރެކެވެ.
މި ކެމްޕޭނުގައި ބައިވެރިވުން އިތުރުކުރުމަށް މައިގަނޑު މުބާރާތުގެ އިތުރުން ސައިޑް ޗެލެންޖުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އެ ޗެލެންޖުތަކުގައި ވެސް އިނާމުގެ ގޮތުގައި ކަނޑައަޅާފައިވަނީ ރާއްޖެއާ ގުޅުންހުރި، ތަފާތު ތަޖުރިބާތައް ހިމެނޭނެ ކަންތައްތަކެވެ. މި ކެމްޕޭން ކުރިއަށްގެންދާނީ އޮކްޓޯބަރު 2025 އިން ޖަނަވަރީ 2026 ގެ ނިޔަލަށެވެ.
މި ކެމްޕެއިންގެ ތެރެއިން އެލްއެފްސީގެ ކުޅުންތެރިންނާއި ބައްދަލުކޮށްލުމުގެ ފުރުސަތު ބައިވެރިންނަށް ހުޅުވާލުމަށް ނިންމާފައިވާއިރު، މި މުބާރާތުގެ ބިހައިންޑް ދަ ސީންއާއި އެހެނިހެން ގުޅުންހުރި ކޮންޓެންޓުތައް އެލްއެފްސީގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުންނާއި، ވެބްސައިޓުން ފެންނާނެއެވެ.
މި ކެމްޕޭނަކީ ވަރަށް ފޯރިއާ އެކު ރާއްޖޭގެ ތަފާތުކަމާއި، ރާއްޖެއާ ގުޅުންހުރި އެތައް ކަމެއް ބައިނަލްއަގުވާމީ ދުނިޔެއަށް ދައްކުވައިދިނުމަށް ކުރިއަށް ގެންދެވޭނެ މުހިންމު ކެމްޕޭނެކެވެ.
"ޚާއްސަކޮށް މި ކެމްޕޭނާއެކު އިނގިރޭސިވިލާތުގައި ތިބި ލިވަޕޫލް ފޭނުންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިނގިރޭސިވިލާތުގެ މާކެޓް އިތުރަށް ފުޅާވެގެންދާނެ،" ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.
މި ކެމްޕޭނަކީ މާރިޗު 2025 ގައި ލިވަޕޫޕް ފުޓުބޯޅަ ކްލަބާ އެކު ރާއްޖޭން ގާއިމުކުރި ޕާޓްނާޝިޕްގެ ދަށުން ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ. ޕާޓްނާޝިޕް ގާއިމުކޮށްފައިވާ މި މުއްދަތުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މިފަދަ އެތައް ކަމެއް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ރާވައި ހިންގާނެއެވެ.