އދ. މާމިގިލީގައި އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަހެއް އިމާރާތްކުރަން ސަރުކާރުގެ މަގު ހަދާ ކުންފުނި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ މިރޭ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މާމިގިލީގައި ތަރައްގީކުރާ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ކެމްޕަހުގައި އިދާރީ އޮފީހަކާއި ލައިބްރަރީއެއްގެ އިތުރުން ފަސް ކްލާސްރޫމާއި މަލްޓި ޕާޕަސް ސެމިނާ ހޯލެއް ވެސް ހިމެނެއެވެ. އަދި، މި ކެމްޕަހުގައި މުވައްޒަފުންގެ އެކޮމަޑޭޝަން ބްލޮކެއް ވެސް ހިމެނޭނެއެވެ.
މިއީ ބަޖެޓުގެ ތެރެއިން ހިންގާ މަޝްރޫއެއް ނަމަވެސް، މި މަސައްކަތަށް ހޭދަވާނެ ދުވަހާއި ޚަރަދުގެ ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މި މަޝްރޫއަށް މާމިގިލީ ކައުންސިލުން ވަނީ 22،000 އަކަފޫޓުގެ ބިމެއް ހަމަޖައްސާފައެވެ.
މި އެއްބަސްވުމުގައި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. ޢަލީ ޒާހިރެވެ. އަދި، އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްތަރު އިބްރާހިމް ނަޡީމެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވަނީ އެ މަނިކުފާނުގެ ވިސްނުންފުޅަކީ ހުރިހާ ޚިދުމަތްތަކެއް ވެސް ރަށްރަށުގައި ތިބެގެން ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ. މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކުރުން ފަދަ މަޝްރޫއުތައް ކުރިއަށް ގެންދަވަނީ އެހެންވެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.