މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާގައި ފުލުހުން ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ބޭނުންކުރި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން މިރޭ ބުނެފިއެވެ.
އެކި ކަންބޮޑުންތަކުގެ އަޑު އިއްވުމަށް، އެމްޑީޕީން ބޭއްވި މި އެއްވުން ރޫޅާލުމަށް ފުލުހުން ބާރު އަޑެއް ފޮނުވާ އެލްއާރުއޭޑީ ބޭނުންކުރުމުން އެކަމާ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެފަދަ މައްސަލައެއް ބަލާތޯ 'ސަން'އިން ސުވާލުކުރުމުން އެޗްއާރުސީއެމްގެ އޮފިޝަލަކު ވިދާޅުވީ، ފުލުހުން އެލްއާރުއޭޑީ ބޭނުންކުރި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި، މައްސަލައާ ގުޅޭ އިތުރު ތަފްސީލުތައް ތަހުގީގު ނިމުމުން ހިއްސާކުރާނެ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

އެމްޑީޕީ މުޒާހަރާގެ ތެރެއިން ފުލުހުންނާ ބައިވެރިންނާ ދެމެދު ކުރިމަތިލުންތައް ހިނގަނީ: މުޒާހަރާގައި ފުލުހުން އެލްއާރުއޭޑީ ބޭނުންކުރި މައްސަލަ އެޗްއާރުސީއެމުން ބަލަނީ ---- ސަން ފޮޓޯ/ އަހުމަދު ފިރްޔާލް
ފާހަގަކުރެވޭ ގޮތުގައި، ފުލުހުން އެލްއާރުއޭޑީ ބޭނުންކުރުމާއި ހާލަތާ ނުބައްދަލު ބާރު ބޭނުންކުރި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން މިއަދު ކުއްލި މައްސަލައެއް ވެސް ހުށަހެޅިއެވެ. އެކަމަކު، އެމައްސަލައަށް ބަހުސް ކުރަން ފެނޭތޯ ބެލުމަށް ވޯޓަށް އެހުމުން މެޖޯރިޓީ އޮތް ޕީއެންސީން ވަނީ މައްސަލަ ބޭރުކޮށްލަން ވޯޓުދީފައެވެ. އެ ކަމަށް 40 މެންބަރަކު ތާއިދުކޮށް، ވޯޓުދެއްވިއެވެ.
"ލޫޓުވައިފި، ލޫޓުވައިފި"ގެ ނަމުގައި ބޭއްވި މު މުޒާހަރާ ރޫޅާލަން ބާރުގެ ބޭނުންކުރުން ދިފާއުކޮށް ނެރުނު ބަޔާނެއްގައި ފުލުހުން އެ ރޭ ބުނީ، އެއްވުން ރޫޅާލުމުގައި އިސްކުރީ ގާނޫނާއި ގަވައިދުތަކުގެ ހަމަތަކާއި، "ކެތްތެރިކަމާއި ޕްރޮފެޝަނަލްކަން" ކަމަށެވެ.
އެ ބަޔާނުގައި ފުލުހުން ބުނީ، އެއްވުން ކުރިއަށް ގެންދިއުމުގައި އެއްވުމުގެ ބައިވެރިން މަގުމައްޗަށް ނުކުމެ އެއްވުން ކުރިއަށް ގެންދިއުމަށް ފުލުހުންނާއެކު ކުރިން މަޝްވަރާކުރެވި އެއްބަސްވެވިފައިވާ ގޮތާ ޚިލާފަށް އަަމަލުކުރި ކަމަށެވެ. އެގޮތުން އެއްވުމުގެ ބައިވެރިން މަޖީދީމަގުން ދިއުމަށް މަސައްކަތްކުރުމުން އެ މަގުން އެއްވުން ކުރިއަށް ނުގެންދެވޭނެ ކަމަށާއި، ކުރިން އެއްބަސްވެފައިވާ ގޮތަށް އެއްވުން ކުރިއަށް ގެންދަން ނަސޭހަތްދިން ކަމަށް ބުންޏެވެ.
އެ އެއްވުން ހުއްޓުވުމަށް ޓަކައި ފުލުހުން ބޭނުންކުރި ބާރަކީ ފުލުހުން ބުނި ގޮތުގައި، ގާނޫނުގެ ދަށުން ފުލުހުންނަށް ދީފައިވާ ބާރާއި އިޚްތިޔާރުގެ ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދުގައިވާ ހުއްދަކޮށްފައިވާ ބާރުތަކެއް ކަމަށް، ފުލުހުން ބުނެއެވެ.