އެކެއްގެ ބޯ ފަޅާލައި، މާރާމާރީ ހިންގި ދެ ބިދޭސީން ޑީޕޯޓުކުރަނީ

ރޭ ދެ ބިދޭސީންގެ މެދުގައި މާރާމާރީ ހިންގަނީ: މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެ ބިދޭސީން ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފައި ---- ފޮޓޯ/ އެމްވީ ކްރައިސިސް

ރޭ މާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ހައްޔަރުކުރި ދެ ބިދޭސީން ޑީޕޯޓުކުރުމަށް ފުލުހުން އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.

ފުލުހުން ރޭ ބުނީ، އަސުރުމާ ގޯޅީގައި ދެ މީހެއްގެ މެދުގައި ހިންގި މާރާމާރީއެއްގެ މައުލޫމާތު ރޭ 19:11 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މާރާމާރީ ހިންގައިފައިވަނީ ދެ ބިދޭސީންގެ މެދުގައި ކަމަށާއި އެކަކުގެ ބޯ ފެޅި، އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަނިޔާވި މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދިން ނަމަވެސް ދެ މީހުން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް އެ މުއައްސަސާއިން އޭރު ބުންޏެވެ.

"ސަން"އިން މިއަދު ސުވާލުކުރުމުން ފުލުހުން ބުނީ، އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ ބިދޭސީން ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

https://sun.mv/212273

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން އެ މާރާމާރީ ދައްކުވައިދޭއިރު، ދެ ބިދޭސީއަކު އެކަކު އަނެކަކަށް ހަމަލާދޭ މަންޒަރު ފެނެއެވެ. އޭގެތެރެއިން އެކަކު އެއްޗަކުން ދެން ހުރި މީހާގެ ބޮލުގައި ޖަހާއިރު، އެ މީހުން ހުއްޓުވަން އެހެން މީހުން ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ. އަދި، އެކެއްގެ ބޯފެޅި، ލޭ ފައިބާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.

ބިދޭސީންގެ މެދުގައި މާރާމާރީތައް ހިނގައި، ބައެއް ފަހަރަށް ސީރިއަސް އަނިޔާތައް ލިބިފައި އެބަހުއްޓެވެ.

comment ކޮމެންޓް