ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫނީ އިޚުލާސްތެރި ނިޔަތެއް އޮވެގެން މަސައްކަތްކުރެއްވި އެހެން ރައީސެއް ދެކެވަޑައިނުގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
މި ފަހުން އެ މަނިކުފާނު ގެންދަވަނީ ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައި، ސަރުކާރުގެ ދިފާއުގައި ވަކާލާތުކުރައްވަމުންނެވެ.
އެ މަނިކުފާނުގެ ދާއިރާގެ ރަށެއް ކަމަށްވާ އދ. ފެންފުއްޓަށް މިއަދު ރައީސް މުއިއްޒު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވެވި ޖަލްސާގައި ވެސް އެ މަނިކުފާނު ވަނީ ރައީސަށް ތައުރީފުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އާ ގާނޫނުއަސާސީ އެކުލަވައިލި ފަހުން އުފެދުނު ގިނަ ވެރިކަންތަކުގައި ބައިވެރިވެވަޑައިގެން ގާސިމް ވަނީ ގިނަ ރައީސުންތަކަކާ އެކު މީގެ ކުރިން މަސައްކަތްކުރައްވާފައެވެ.
އެކަމަކު، އެ މަނިކުފާނު މިއަދު ވިދާޅުވީ، 2008 ވަނަ އަހަރު އާ ގާނޫނުއަސާސީ އެކުލަވައިލި ފަހުން ރައީސް މުއިއްޒު ނޫނީ އިޚުލާސްތެރި ވެރިއަކު ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ގާސިމް އިބްރާހިމާއި ރައީސް މުއިއްޒު: ގާސިމް ވިދާޅުވީ މި ނޫނީ އިޚުލާސްތެރި ރައީސެއް ނުދެކެން ކަމަށް --- ފޮޓޯ/ ރައީސް އޮފީސް
"މި ގާނޫނުއަސާސީ ބަދަލުވެގެން އައި ފަހުން މިއަދާ ހަމައަށް ވެރިކަން ކުރަން މަނިކުފާނު ހަވާލުވެވަޑައިގަތުމާ ހަމައަށް އަޅުގަނޑު ނުދެކެން މަނިކުފާނު ހަވާލުވެވަޑައިގެން ފަހުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، އެ ހިތްވަރާއި އަޒުމާ އެކީގައި އިޚުލާސްތެރި ނިޔަތެއް އޮވެގެން ކުރިއަށް މަސައްކަތްކުރައްވަމުން ގެންދަވާ އެއްވެސް ބޭފުޅަކު އަޅުގަނޑު ނުދެކެން،" އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑަކީ މި ގައުމާއި ގައުމުގެ ކުރިއެރުމަށްޓަކައި ވަރަށް ގިނަގުނަ ގުރުބާނީތަކެއް ވަމުންދިޔަ، އަދި މިހާތަނަށް ވެސް ވަމުންދާ މީހެއް،"
އެ މަނިކުފާނު ވިދާޅުވީ، އެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވެސް ކައުންސިލްތަކާއި ރަށުގެ އެހެން އިދާރާތަކުން ފާހަގަކުރާ ކަންކަމަށް އެ ކަންކަމާ ގުޅޭ ބޭފުޅުން ލައްވާ ރައީސް މުއިއްޒު ވަގުތުން ހައްލު ހޯދައިދެއްވާ ކަމަށެވެ. އެއީ، ކުރިން ފެނިވަޑައިނުގަންނަވާ މަންޒަރެއް ކަމަށް ވިދާޅުވެ، އެ މަނިކުފާނު ތައުރީފުގެ ބަސްފުޅުތައް ރައްދުކުރެއްވިއެވެ.
ގާސިމް ވިދާޅުވީ، އެއީ ކޮންމެހެން ހުޝާމަތުކުރުން ނޫން ކަމަށާއި އެއީ އެ މަނިކުފާނުގެ ހިތްޕުޅުގެ އުމުގުން ކުރައްވާ އިހުސާސް ކަމަށެވެ.
"ހުޝާމަތުކުރާށޭ ބައެއް މީހުން ބުނި ކަމުގައި ވީނަމަވެސް އަޅުގަނޑު މި ކުރަނީ ހުޝާމަތެއް ނޫން. އަޅުގަނޑު ހަމަ ހިތުގެ އުމުގުން ގަބޫލުކުރެވިފައިވާ ކަންތައްތަކެއްގެ ވާހަކަ މި ދަންނަވަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޞާލިޙާ އެކު ގާސިމް އިބްރާހިމް: މިދިޔަ ފަސް އަހަރު ގާސިމް ހުންނެވީ އެމްޑީޕީ ކޯލިޝަންގައި --
މި ފަހުން ނިޝާން ޢިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އެރުއްވި ގާސިމް ވަނީ 2008 ވަނަ އަހަރު އާ ގާނޫނުއަސާސީ ވުޖޫދުވުމުގެ ކުރިން އިސްލާހީ މަސައްކަތުގައި ވެސް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އަދި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މިނިސްޓަރުކަން ވެސް ކުރައްވާފައިވެއެވެ.
އޭގެ ފަހުން 2008 ވަނަ އަހަރު އުފެދުނު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ކުރީކޮޅު ވެސް އެ މަނިކުފާނާ އެކު މަސައްކަތްކުރެއްވިއެވެ. އެކަމަކު، މާ ގިނަ ދުވަސްނުވެ، ޚިޔާލު ތަފާތުވުން އުފެދި ކޯލިޝަން ރޫޅުނީއެވެ. ފަހުން އެ މަނިކުފާނު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ އެކު ވެސް ފުރަތަމަކޮޅު މަސައްކަތްކުރައްވާފައެވެ. ފަހުން އެކަމަކު އެ ކޯލިޝަން ވެސް ރޫޅުނީއެވެ.
އޭގެ ފަހުން އުފެދުނު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ވެރިކަމުގައި ވެސް ފަސް އަހަރު ވަންދެން ގާސިމް ހުންނެވީ އެ ކޯލިޝަންގައެވެ. އަދި، މިދިޔަ 2023 ގެ ރިޔާސީ އިންތިޚާބުގައި ވެސް އެ މަނިކުފާނު ވާދަކުރެއްވިއެވެ. ދެވަނަ ބުރަކަށް އެ މަނިކުފާނު ނުދިއުމުން އެއްވެސް ޕާޓީއަކަށް ތާއީދުކުރައްވާފައެއް ނުވެއެވެ. އެއީ ކުރިން އެއްވެސް އިންތިޚާބެއްގައި އެ މަނިކުފާނު ކަންކުރެއްވި ގޮތެއް ނޫނެވެ.