މިދިޔަ ހުކުރު ދުވަހުގެރޭ އިދިކޮޅު އެމްޑީޕީން ބޭއްވި އެއްވުމުގައި ހައްޔަރުކުރި އެ ޕާޓީގެ މީހުންގެ ތެރެއިން ބަންދުގައި ތިބި މީހުން ދޫނިދުއަށް ބަދަލުކުރިއިރު، އެ މީހުންނަށް ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ނުދޭ ކަމަށް އެމްޑީޕީން މިއަދު ތުުހުމަތުކޮށްފިއެވެ.
ސަރުކާރަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް "ލޫޓުވައިފި، ލޫޓުވައިފި"ގެ ނަމުގައި އެމްޑީޕީން ބޭއްވި އެއްވުމުގައި ހައްޔަރުކުރި މެންބަރުންގެ ތެރޭ ބައެއް ރަށްރަށުގެ ކައުންސިލަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުން ހިމެނެއެވެ. އެގޮތުން އެ ރޭގެ އެއްވުމުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުالله ގެ އިތުރުން، މާފުށި ކައުންސިލް ރައީސް ހަސަން ސޮލާހާއި އައްޑޫ ހިތަދޫ ރަސްގެދަރަ ކައުންސިލަރު ހަސަން ޒަރީރު ހައްޔަރުކުރިއެވެ.
އެ އެއްވުމުގެ ތެރެއިން އަށް މީހަކު ހައްޔަރުކުރި އިރު، އެ ތަނުން ޒަރީރާއި، އެއްވުމުގެ ތެރެއިން ހައްޔަރުކުރި މުހައްމަދު ޚަލަފް އިބްރާހީމް ވަނީ ދޫކޮށްލައިފައެވެ.

އެމްޑީޕީން ބޭއްވި އެއްވުމުގެ ތެރެއިން: ހައްޔަރުކުރި މީހުންނަށް ގާނޫނީ ލަފާ ނުދެވޭ ކަމަށް އެމްޑީޕީން ބުނޭ -- ސަން ފޮޓޯ/ އަހްމަދު ފިރްޔަލް
އޭގެ ތެރެއިން ޚަލަފް ދޫކޮށްލިއިރު، އޭނާވަނީ އޭނާ ހައްޔަރުކުރީ ކޮލެޖު ނިންމައި ގެއަށް ދަނިކޮށް މުޒާހަރާގެ ތެރޭގައި ތާށިވެފައި ހުއްޓައި ކަމަށް ބުނެފައެވެ.
މިއަދު ނެރުނު ބަޔާނެއްގައި އެމްޑީޕީން ބުނީ، ބަންދުގެ މުއްދަތު އިތުރުކުރުމަށް ބޭއްވި އަޑުއެހުމަށް ފަހު ކްރިމިނަލް ކޯޓުން ވަނީ ހަ މީހެއްގެ މުއްދަތަށް 15 ދުވަސް އިތުރުކޮށް، ދޫނިދޫ ޖަލަށް ބަދަލުކޮށްފައި ކަމަށެވެ.
އެމްޑީޕީން ބުނީ، މިވަގުތު ބަންދުގައި ތިބި މީހުންނަށް ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ނުދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، އެއީ ގާނޫނުއަސާސީގެ ދަށުން ލިބިދޭ ގާނޫނީ އެހީތެރިކަން ހޯދުމުގެ ހައްގު ނިގުޅައިގަތުން ކަމަށެވެ. މިކަމަކީ ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމަށް ކުރާ އިތުބާރު ކުޑަވާނެ ކަމެއް ކަމަށް އެ ޕާޓީން ބުންޏެވެ.
އެއްވުމުގެ ތެރެއިން ހައްޔަރުކުރި މެންބަރުންގެ ކުށުގެ ރެކޯޑު އޮތްކަމަށް ބުނެ ބައެއް ފަރާތްތަކުން ދޮގު މައުލޫމާތު ފަތުރަމުން އަންނަ ކަމަށާއި، މިއީ ގާނޫނާ ޚިލާފަށް ފުލުހުން އެއްވުމުގެ ބައިވެރިން ހައްޔަރުކުރުން ދިފާއުކުރުމަށް ބަޔަކު ކުރާ މަސައްކަތެއް ކަމަށްވެސް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީ ލޫޓުވައިފި މުޒާހަރާގެ ތެރެއިން މީހުން ހައްޔަރުކުރަނީ --- ސަން ފޮޓޯ/ އަހުމަދު ފިރްޔާލް
އެ ޕާޓީން ވަނީ، މިވަގުތު ބަންދުގައި ތިބި އެ ޕާޓީގެ މީހުން ވަގުތުން ދޫކޮށްލުމަށް ގޮވާލައިފައެވެ.
މީގެ ކުރިން ނެރުނު ބަޔާނެއްގައި އެމްޑީޕީން ބުނީ، އެއްވުމުގެ ތެރެއިން މާ ކައިރިން ޕެޕާ ސްޕޭ ޖެހުމުގެ ސަބަބުންނާއި ތޫނު އަޑު ފޮނުވާ އާލާތް ބޭނުންކުރުމުގެ ސަބަބުން އެ ޕާޓީގެ ހުޅުމާލޭ މެދު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާނަށް ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
އަދި އެ އެއްވުން ރޫޅާލުމަށްޓަކައި ތޫނު އަޑު ފޮނުވާ އާލާތް ނުވަތަ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރްއޭޑީ)އަކީ އިވުމުގެ ހިއްސަށް އަސަރުކޮށް، ބޯ އަނބުރައި، ހޮޑުލަވައި އަދި އެ ނޫން ވެސް ބައިވަރު ސިއްހީ މައްސަލަތަކެއް ކުރިމަތިކުރުވާ އެއްޗެއްކަން އެމްޑީޕީން ފާހަގަކުރިއެވެ.
ފާހަގަކުރެވޭ ގޮތުގައި އެމްޑީޕީގެ އެއްވުން ރޫޅާލުމަށް އެލްއާރުއޭޑީ ބޭނުންކުރުމާއި ހާލަތާ ނުބައްދަލު ބާރު ބޭނުންކުރި ކަމަށް ބުނެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހެޅިއިރު، އެ މައްސަލަ ވަނީ ބޭރުކޮށްލައިފައެވެ.
އެމްޑީޕީގެ އެއްވުމުގައި ފުލުހުން އެލްއާރުއޭޑީ ބޭނުންކުރި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން އަންނަނީ ބަލަމުންނެވެ. އެ މައްސަލައިގައި އެކަން ބެލުމަށް ސަރުކާރަށް ގޮވާލައި އޮންލައިން ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެއެވެ.
މިދިޔަ ހުކުރު ދުވަހުގެރޭ އެމްޑީޕީން ބޭއްވި އެއްވުން ރޫޅާލަން ބާރުގެ ބޭނުންކުރުން ދިފާއުކޮށް ނެރުނު ބަޔާނެއްގައި ފުލުހުން އެ ރޭ ބުނީ، އެއްވުން ރޫޅާލުމުގައި އިސްކުރީ ގާނޫނާއި ގަވައިދުތަކުގެ ހަމަތަކާއި، "ކެތްތެރިކަމާއި ޕްރޮފެޝަނަލްކަން" ކަމަށެވެ.
އެ ބަޔާނުގައި ފުލުހުން ބުނީ، އެއްވުން ކުރިއަށް ގެންދިއުމުގައި އެއްވުމުގެ ބައިވެރިން މަގުމައްޗަށް ނުކުމެ އެއްވުން ކުރިއަށް ގެންދިއުމަށް ފުލުހުންނާއެކު ކުރިން މަޝްވަރާކުރެވި އެއްބަސްވެވިފައިވާ ގޮތާ ޚިލާފަށް އަަމަލުކުރި ކަމަށެވެ. އެގޮތުން އެއްވުމުގެ ބައިވެރިން މަޖީދީމަގުން ދިއުމަށް މަސައްކަތްކުރުމުން އެ މަގުން އެއްވުން ކުރިއަށް ނުގެންދެވޭނެ ކަމަށާއި، ކުރިން އެއްބަސްވެފައިވާ ގޮތަށް އެއްވުން ކުރިއަށް ގެންދަން ނަސޭހަތްދިން ކަމަށް ބުންޏެވެ.